ކަންގަނާ ރަނާވަތާއި އެކްތާ ކަޕޫރް ނޫސްވެރިންގެ ކިބައިން މާފަށް އެދެފި
ކަންގަނާ ރަނާވަތާއި އެކްތާ ކަޕޫރް ނޫސްވެރިންގެ ކިބައިން މާފަށް އެދެފި

މި މަހުގެ ރިލީޒް ކުރާ ފިލްމު "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ލަވައެއް ލޯންޗް ކުރަން މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިވެންޓްގެ ތެރޭގައި ބަތަލާ ކަންގަނާ ރަނާވަތާއި ނޫސްވެރިޔަކާ ދެމެދު ހިނގި ޒުވާބުގަނޑާ ގުޅިގެން، ކަންގަނާ މާފަށް ނޭދޭ ނަމަ ނޫސްވެރިން ފިލްމު ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދިނުމުން ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި ކަނގަނާ ވެސް މާފަށް އެދިއްޖެ އެވެ.

ނޫސްވެރިން ބުނި ގޮތުގައި ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) ގެ ނޫސްވެރިޔާ ޖަސްޓިން ރާއޯގެ މައްޗަށް ތުހުމަތުތަކެއްކޮށް، ކަންގަނާ އޭނާއާ ޒުވާބު ކުރުމަކީ ނޫސްވެރިން ބުލީ ކުރުމުގެ އަމަލެކެވެ.

އެހެންވެ އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި ނޫސްވެރިއެއްގެ ހައްގުގައި ހުރިހާ ނޫސްވެރިން ނުކުންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ ދުވަހުގެ ހާދިސާއާ ގުޅިގެން ކަންގަނާ އާއި ފިލްމުގެ ޓީމުން މައާފަށް އެދެން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ މީޑިއާތަކުން ފިލްމު ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓިއައި) ގެ ރިޕޯޓަރު ޖަސްޓިން އާއި ކަންގަނާއާ ދެމެދު ޒުވާބު ހިނގީ މިދިޔަ ޖެނުއަރީ މަހު ރިލީޒް ކުރި ފިލްމު "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" އާއި ކަންގަނާއާ ބެހޭ ގޮތުން ނޫސްވެރިޔާ ހުތުރުކޮށް ހަބަރު ފަތުރައި، ފިލްމާ ދެކޮޅަށް އެންޓި-ކެމްޕޭންކޮށްފައިވާ ކަމަށް ކަންގަނާ ބުނުމާ ގުޅިގެންނެވެ.

ނަމަވެސް ކަންގަނާގެ ފަރާތުން އަބަދުވެސް ވާހަކަ ދައްކާ އޭނާގެ ދައްތަ ރަންގޯލީ ޗަންދެލް ކުރިން ކުރި ޓްވިޓެއްގައި ވަރަށް ސާފު އިބާރާތުން، ކަންގަނާ މާފަށް ނޭދޭނެ ކަމަށް ބުނެ، ނޫސްވެރިންނަށް ރައްދު ދީފައިވެ އެވެ.

ނަމަވެސް ފަހުން އާންމު ކުރި ވީޑިއޯ މެސެޖެއްގައި ކަންގަނާ މާފަށް އެދިފައިވެ އެވެ. ރޯގާއާ ހުރެ އަޑު ވެސް ހަލާކުވެފައި އިނދެ އެ ވީޑިއޯގައި އޭނާ ބުނީ މީޑިިއާތަކުން ކުރާ މަސައްކަތްތައް ބަލައި ގަންނަ ކަމަށާއި މީޑިއާގައި މަސައްކަތް ކުރާ ވަކި ބަޔަކު ކުރާ ކަމަކުން މުޅި މީޑިއާ ގޯސް ނުކުރާ ކަމަށެވެ.

"ޖަޖްމެންޓަލް ހޭ ކިޔާ" ގެ ޕްރޮޑިއުސަރުގެ ހައިސިއްޔަތުން މައާފަށް އެދި އެކްތާ ޓްވިޓާގައި އާންމު ކުރި ބަޔާނުގައި ބުނީ ފިލްމުގެ އިވެންޓްގެ ތެރޭގައި ހިނގި ހާދިސާއާ ބެހޭ ގޮތުން އެކަމާ ގުޅުން ހުރި އެކި މީހުންގެ އަމިއްލަ ހިޔާލުތައް ފާޅުތައް ކުރަމުންދާ ކަމަށެވެ. އަދި އެ ދުވަހުގެ އިވެންޓްގެ ތެރޭގައި އެއްވެސް ބަޔަކަށް ކުޑައިމީސް ކުރުމަކީ ނިޔަތެއް ނޫން ކަމަށް ބުންޏެވެ.

އެހެންވެ މާފަށް އެދޭ ކަމަށް ބުންޏެވެ.

އެކްތާ ފާހަގަ ކުރި ގޮތުގައި ފިލްމެއް ބެލުންތެރިންނަށް ގެނެސް ދެވެނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށްވާތީ، މީޑިއާތަކުން އެކަންކަމަށް ރިއާޔަތް ކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ކަންގަނާ އާއި ރާޖްކުމާރު ރާއޯ ލީޑް ރޯލް ކުޅެފައިވާ "ޖަކްމެންޓަލް ހޭ ކިޔާ" އަކީ ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމު ރިލީޒް ކުރާނީ މި މަހުގެ 26 ގަ އެވެ.