13 ޖުލައި 2019 - 06:06

ދުނިޔޭގެ ބާރުގަދަ ބައެއް ފަރާތްތަކުން ނިކަމެތި ފަރާތްތަކަށް ނުވަތަ އިސްތިޢުމާރު ކުރާ ފަރާތްތަކުން އިސްތިޢުމާރު ކުރެވޭ ފަރާތްތަކުގެ މައްޗަށް ގަދަވެ ގަތުމާއި ނިކަމެތި ފަރާތްތަކުގެ ހައްގުތައް ނިގުޅައިގަތުމާއި ބާރުގަދަ ފަރާތްތަކަށް ޚާއްޞަ އިމްތިޔާޒުތައް ގެންގުޅުން ފަދަ ކަންކަމަކީ ވޭތުވެ ދިޔަ ޒަމާންތަކުގައި އިންސާނީ ތާރީޚު ދެކެފައިވާ ކަންކަމެވެ. މިކަންކަމުގެ ސަބަބުން ބައެއް ފަރާތްތަކަށް އިންސާނެއްގެ ހައިސިއްޔަތުން ލިބެންޖެހޭ ހައްގުތައް ގެއްލިގެން ދެއެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ބައިނަލް އަޤުވާމީ އެކިއެކި ޖަމާޢަތްތަކުން އިންސާނީ ހައްގުތަކުގެ ނަމުގައި ތަފާތު އެކިއެކި ހައްގުތަކުގެ އިއުލާނުތައް ކޮށްފައިވެ އެވެ. އަދި މި އިޢުލާނުތަކާ އެއްގޮތަށް ގައުމުތަކުން ޢަމަލު ކުރަމުން ގެންދޭތޯ ބަލަމުންވެސް ދެ އެވެ. އެހެންނަމަވެސް ތަންފީޒު ކުރުމުގައި އެންމެ ފުރިހަމައޭ ދެންނެވުން ސައްހަ ކަމުގައި ނުބެލެވޭނެ އެވެ.
ހައްގުތަކާ ގުޅޭ އިޢުލާނުތަކުން އެންމެންނަށް ހައްގުތައް ލިބިގެނެއް ނުދެއެވެ. ނަމަވެސް ނިކަމެތިންނާއި ބާރުގަދަ މީހުންގެ ދެމެދުގައި ނުވަތަ އިސްތިޢުމާރު ކުރާ މީހުންނާއި އިސްތިޢުމާރު ކުރެވޭ މީހުންގެ ދެމެދުގައި ގެއްލިފައި އޮންނަ އިތުބާރު ކޮންމެވެސް ސިފައެއްގައި ހޯދެއެވެ. މި އިތުބާރުގެ ސަބަބުން ނިކަމެތިންނާއި އިސްތިޢުމާރު ކުރެވިފައިވާ މީހުންނަށް ތިމަންމެންގެ ހައްގުތައް ލިބޭނެ ކަމަށް ހީވެ އެގޮތުގައި ދެމިތިބެވެ އެވެ. ނަމަވެސް ހިތާމައަކީ މިގޮތުގައި ތިއްބައި ބާރުގަދަ ފަރާތްތަކުގެ އަމިއްލަ ބޭނުންތައް ނުސީދާ ގޮތްގޮތުން ފުއްދަމުން ގެންދިއުމެވެ. ތަޢުލީމާއި މަދަނީ ހައްގުތަކުގައި ކުލައާއި ޖިންސަށް ނުވަތަ ނަސަބާއި ހަސަބަށް ބަލައިގެން ފަރަގު ނުކުރުމަށް ހައްގުތަކާ ގުޅޭ އިޢުލާނުތަކުގައި ނިންމާފައިވެ އެވެ. މިގޮތަށް މިކަންކަން ނިންމަން މަޖުބޫރުވި އެއް ސަބަބަކީ އިންސާނިއްޔަވަންތަ އަދި ރޫޙާނީވަންތަ ހަމަތަކެއް ނެތި ބައެއް މީހުން އެހެން މީހުންގެ މައްޗަށް އަނިޔާވެރިވެރިވެ މާއްދިއްޔަތަށް ހެއްލުމެވެ. އަނެއް ސަބަބަކީ މިފަދަ ހާލެއްގައި ވަނިކޮށް ސިނާއީ ގޮތުން އެރި ކުރިއެރުމުގެ ސަބަބުން އުފެދުނު އިޖުތިމާއީ މައްސަލަތަކެވެ. މިފަދަ މައްސަލަތައް ހައްލު ކުރުމަށް ކުރެވޭ ތަޖުރިބާއެއްގެ ގޮތުގައި އިންސާނީ ހައްގުތަކުގެ އިޢުލާނުތައް ވެގެން ދިޔައެވެ.
އިސްލާމްދީނަށް ބަލާއިރު އިންސާނީ ހައްގުތަކޭ ކިޔާފައި ހައްގުތަކެއް އިއުލާނު ކޮށްފައެއް ނުވެއެވެ. ފަހުގެ މުސްލިމުން "އިންސާނީ ހައްގުތަކުގެ އިސްލާމީ އިޢުލާން" ގެ ނަމުގައި އައްޑިހައިގެ އަހަރުތަކުގެ ފަހުކޮޅު އިޢުލާނެއް ނެރުނެވެ. މި އިޢުލާނު ބިނާވެފައިވަނީ އިންސާނުން އެކަކު އަނެކަކާ މުޢާމަލާތު ކުރުމުގައި ގެންގުޅެން އިސްލާމްދީން ގެނެސްދީފައިވާ އުސޫލުތަކުގެ މައްޗަށެވެ. މި އުސޫލުތަކަށް ފުރިހަމަ ގޮތުގައި ތަބާ ވެއްޖެނަމަ އެހެން އިންސާނުންގެ ހައްގުތަކަށް އަރައި ނުގަނެވޭ ފަދަ ގޮތެއްގައި ކޮންމެ އިންސާނަކަށް ވެސް ލިބެން ޖެހޭ ހުރިހާ ހައްގުތަކެއް ލިބޭނެ އެވެ. އެހެނީ އިސްލާމް ދީން އިންސާނުންނަށް ލިބެންޖެހޭ ހައްގުތައް ގަބޫލު ކުރެއެވެ. އަދި އެ ހުރިހާ ހައްގުތައް ލިބުމުގެ ފުރުސަތު ދެއެވެ. މި ފުރުސަތު ދެނީ މި ދެންނެވި ހައްގުތަކުގެ މުގާބިލުގައި (އަނެއްކޮޅުގައި) އޮންނަ ވާޖިބު މީސްތަކުންނަށް ލާޒިމު ކޮށްގެންނެވެ. އެއީ ވާޖިބުތަކާއި ޙަރާމްތަކުގެ ތެރެއިންނެވެ.
މިގޮތުން ކޮންމެ މީހަކުވެސް އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމުން ނުވަތަ ﷲ އެންގެވި ހުރިހާ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވުމުން އެ މީހެއްގެ އަމިއްލަ ނަފްސަށާއި ދެން ތިބި އެހެން ހުރިހާ އެންމެންނަށް ލިބެން ޖެހޭ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ އެވެ. ވީމާ ހައްގުތައް ހޯދާށޭ ކިޔާފައި ކޮންމެހެން މަސައްކަތް ކުރާކަށް އިސްލާމް ދީން ބާރެއް ނާޅައެވެ. އޭގެ ބަދަލުގައި އިސްލާމް ދީން ބާރު އަޅަނީ އޭގެ އަނެއްކޮޅުން ވާޖިބުތައް އަދާ ކުރުމަށެވެ. އެހެންނަމަވެސް މީހުން އެމީހުންގެ ވާޖިބުތައް އަދާނުކުރުމުން ގެއްލިގެންދާ ތިމާގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމަކީ ނެތް ކަމެއް ނޫނެވެ. އެގޮތަށް މަސައްކަތް ކުރެވިދާނެ އެވެ. އަދި މިގޮތަށް މަސައްކަތް ކުރާއިރު ތަބާވާން ޖެހޭ ވަކި ހަމަތަކެއް ނުވަތަ ގައިދުތަކެއް ވެސް އިސްލާމް ދީނުގައި ކަނޑައަޅާފައިވެ އެވެ.
މިގޮތުން ބަލާއިރު، ދިރިއުޅުމުގައި މަސައްކަތް ކުރުމަށް އަދި ކޮންމެ މީހަކުވެސް އެމީހެއްގެ ސުވާ އެމީހެއްގެ އަމިއްލަ އަތުން ހޯދުމަށް އިސްލާމްދީން ބާރުއަޅައެވެ. (ފުއްޞިލަތު 64) ސަލާމް ޖަހައިގެން އެހެން މީހުންގެ އެހީގައި އަބަދު އުޅެން އިންކާރު ކުރެއެވެ. ނަތީޖާއަކީ މަސައްކަތުގެ ފުރުސަތުތައް ހޯދުމުގެ ހައްގު ލިބުމެވެ. އެހެންނަމަވެސް ކުރަން ޖެހޭނީ ހެޔޮ ރަނގަޅު މަސައްކަތެވެ. (އައްނަޙްލު 79) ޢިލްމާއި މަޢުރިފާ ހޯދަން އިސްލާމްދީން ބާރު އަޅައެވެ. (އައްޒުމަރު 9) މާނައަކީ ތަޢުލީމުގެ ހައްގު ލިބުމެވެ. މުދާ މިލްކު ކޮށް ލިބޭ މުދާ އިންވެސްޓް ކުރުމަށް އިސްލާމީ މުޢާމަލާތުތައް ރޭވި އެކަމަށް ހިތްވަރު ދީފައިވެ އެވެ. ހިންގުމުގެ ދައުރުތައް އަދާކުރުމުގެ މިނިވަންކަން ދީފައިވެ އެވެ. އެހެންނަމަވެސް މި މިނިވަންކަން ބޭނުން ކުރަން ޖެހެނީ މަސްއޫލުވެރި ގޮތެއްގަ އެވެ.
ކީރިތިރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ސިފަކުރައްވާ ގޮތުގައި ކޮންމެ މީހަކީވެސް މަސްއޫލުވެރިއެކެވެ. މާތް ﷲ އަށް އަޅުވަތިވުމުގެ މިނިވަންކަން ދީފައިވެ އެވެ. އެ އަޅުކަންތަކުގައި އެންމެން ހަމަހަމަކަމާ އެކު ބައްދަލުކުރުމުގެ މިނިވަންކަން ދީފައިވެ އެވެ. އަދި ﷲ އަށް އީމާންނުވާ މީހާ ގަދަކަމުން އިސްލާމްދީނަށް ވެއްދުމެއް ނެތެވެ. (އަލްކަހްފު 92 އަދި އަލްބަޤަރާ 652) މާނައަކީ ދީނީގޮތުން ލިބެންވާ ހައްގުތައް ލިބުމެވެ. އެހެންނަމަވެސް ނުރަނގަޅު ޞައްޙަ ނޫން ޢަޤީދާތަކަށް އިސްލާމް ދީން ނުރުހެ އެވެ. މިހެންވެ އިސްލާމްދީން ގަބޫލު ކުރުމަށްފަހު ނުވަތަ ދިރިއުޅުން ނިޔާކުރި ގޮތުން މުސްލިމަކަށް ވުމަށްފަހު އެ ދީނުން ބޭރުވުމުގެ ހައްގު މުސްލިމުންނަކަށް ނުދެ އެވެ. އެއީ ދީން ހިމާޔަތް ކުރުމަކީ އިސްލާމް ދީނުގެ މުހިންމު ފަސް މަގުސަދުގެ ތެރޭ ހިމެނޭ ކަމެއް ކަމަށް ވާތީ އެވެ. އަނެއްކޮޅުން އިސްލާމްވުމުން ތިމާ އަމިއްލަ އަށް ވަކި ގައިދުތަކެއްގެ ތެރެއަށް ނުވަތަ ބޮންޑެއްގެ ތެރެއަށް އެވަނީ ވަދެވިފަ އެވެ. މި ބޮންޑުގެ ދަށުން ގައިދުކުރާ އެތައް ކަމެއް މިނޫނަސް ވެ އެވެ. މިސާލަކަށް ބައެއް ތަކެތި ކެއުމާއި ބުއިމުގެ ހައްގުން މަހްރޫމް ކުރުމާއި ވަކި ގޮތަކަށް ނޫނީ ޖިންސީ އެދުން ފުއްދުމުގެ ފުރުސަތު ނުދިނުން ފަދަ އެތައް ގައިދު ތަކެކެވެ.
އާދެ، މިހެން ގޮސް އިންސާނަކަށް ވީތީވެ އޭނާ އަށް ލިބެން ޖެހޭ ހުރިހާ ހައްގެއް ވެސް ލިބުމުގެ ފުރުސަތު ލިބޭ ފަދަ އުސޫލުތަކެއް އިސްލާމްދީނުގައިވެ އެވެ. ނަމަވެސް މިއިން ކޮންމެ އުސޫލެއް ވެސް ވަނީ އިސްވެ ބަޔާންކުރެވުނު މިސާލުތަކުން ދޭހަވާ ފަދައިން ކޮންމެވެސް އެހެން އުސޫލުތަކަކުން ގައިދުކުރެވިފަ އެވެ. މިސާލަކަށް މަސައްކަތުގެ ފުރުސަތުތައް ހޯދުމުގެ ހައްގު ދޭއިރު އެ ވަނީ ހަމައެކަނި ރަނގަޅު ހެޔޮ މަސައްކަތުގެ ދާއިރާއަށް ގައިދުވެފަ އެވެ. ވެރިކަން ކުރުމުގެ ހައްގާ އެކު މަސްއޫލިއްޔަތު އުފުލުމުގެ އުސޫލު ގެންގުޅެން ޖެހެ އެވެ. އަދި ޖުމްލަކޮށް ބަލާއިރު ކޮންމެ ހައްގެއްގެ ބޭނުން ހިފުމުގައި ވެސް އަދުލުވެރިވުމާއި ހަމަހަމަވުމުގެ އުސޫލު ގެންގުޅެން ޖެހެ އެވެ. (އަލްއަންޢާމް 251 އަދި އައްޝުޢަރާއު 281) އަނިޔާ އާއި ޢުދުވާނިއްޔަވަންތަކަން ނެތުން ލާޒިމުވެ އެވެ. (އަލްމާއިދަތު 2)
މި ހުރިހާ ކަމެއްގެ އިތުރުން ކޮންމެ އިންސާނަކަށް ވެސް ހައްގެއް ލިބޭނީ އެ މީހެއްގެ ޠަބީޢަތާއި އެ މީހަކަށް ލިބިފައިވާ ނުވަތަ ލިބިގެންފައިވާ ކުޅަދާނަކަމާއި ގާބިލިއްޔަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އިސްލާމީ ނަޒަރުން ބަލާއިރު ހަމަހަމަކަމުގެ މާނައަކީ ވެސް އެއީ އެވެ. އަދި ޢަދުލުވެރި ވެވޭނީ ވެސް އޭރުންނެވެ. މިސާލަކަށް ކޮންމެ ޖިންސެއްގެ މީހަކަށް ވެސް އަނެއް ޖިންސުގެ މީހަކާ ކައިވެނި ކުރުމުގެ ހައްގު ލިބިފައި އޮތަސް ތިމާއާ އެއް ޖިންސުގެ މީހަކާ ކައިވެނި ކުރުމުގެ ހައްގު ލިބިދިނުމަކީ އިންސާނީ ޠަބީޢަތާ ޚިލާފު ކަމެކެވެ. އެހެންކަމުން އެއީ ލިބެންޖެހޭ ހައްގެއް ނޫނެވެ. އެއީ ހަވާނަފްސަށް ތަބާވާން ދެވޭ ފުރުސަތެކެވެ. ވީމާ އިސްލާމްދީނުގައި އެއްވެސް ހައްގެއް މުޅިން މިނިވަންކޮށް ދޫކޮށްލެވިފައެއް ނުވެ އެވެ. ސަބަބަކީ ތިމާއަށް ހައްގެއް ލިބޭ އިރު ތިމާފަދަ އެހެން މީހުންނަށް ވެސް ހައްގުތަކެއް ލިބެން ޖެހޭތީ އެވެ. އެއްވެސް ގައިދެއް ނެތި ދޫކޮށްލެވިފައިވާ ނަމަ އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އެހެން މީހުންގެ ހައްގަށް އަރައިގެންފައި ތިމާގެ ހައްގު ލިބިގަތުމަށް އިންސާނީ ހައްގުތަކެކޭ ނުކިޔޭނެ އެވެ. އޭރުން އެވަނީ ވަކިވަކި ފަރުދުންގެ ފަރުދީ ހައްގުތަކަކަށެވެ. އިންސާނީ ހައްގުތައް ކަމަށް ވާނީ ކޮންމެ އިންސާނަކަށް ވެސް ހައްގުވާ އަދި އެ ހައްގު ލިބިގަތުމުގައި އެހެން މީހެއްގެ ހައްގު ނިގުޅައި ނުގަންނަ ހައްގުތަކެވެ. އިސްލާމްދީނުގައިވާ މަތިވެރި އުސޫލުތަކަކީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ހައްގު ލިއްބައިދޭ އެކަމަކު އަނެއްކޮޅުން އެހެން މީހެއްގެ ހައްގަށް އަރައިނުގަނެވޭ ފަދަ ގޮތަކަށް އޮންނަ އުސޫލުތަކެކެވެ.
އެހެންކަމުން އިންސާނީ ހައްގުތަކޭ ކިޔާފައި ވަކި ބާބެއް އިސްލާމްދީނުގައި ނެތަސް މިދެންނެވި ފަދަ އުސޫލުތަކަކީ ކޮންމެ އިންސާނަކަށް ވެސް އެ އިންސާނަކަށް ލިބެންވާ ހައްގުތައް ގެރެންޓީ ކޮށްދޭނެ އުސޫލުތަކެކެވެ. ވީމާ އެ އުސޫލުތަކަށް ފުރިހަމަ ގޮތުގައި ތަބާވުން ލާޒިމުވެ އެވެ. އެއީ އިންސާނީ ހައްގުތައް ލިބިގަތުމަށްޓަކަ އެވެ.