13 ޖުލައި 2019 - 06:04

މި މަހުގެ 19 ގައި ރިލީޒްކުރާ ޑިޒްނީގެ ފިލްމު "ލަޔަން ކިންގް" ގެ ހިންދީ ވާޝަނަށް ބޮލީވުޑަށް މަޝްހޫރު އެކްޓަރު ޝާހްރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔާން ހާން އަޑު އަޅައި ދީފައި ވާއިރު، އޭނާގެ އަޑު އިވޭ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
މިއީ ފިލްމެއްގެ މަސައްކަތުގައި އަރިޔަން 21 ރަސްމީކޮށް ހިއްސާވި ފުރަތަމަ ފަހަރެވެ. "ލަޔަން ކިންގް" ގެ ހިންދީ ވާޝާނަށް އޭނާ އަޑު އަޅައި ދިނީ ސިމްބާގެ ކެރެކްޓާއަށެވެ. ޝާހްރުކް އަޑު އަޅައި ދީފައި ވަނީ ސިމްބާގެ ބައްޕަ މުފާސާގެ ކެރެކްޓާށެވެ.
މި ފިލްމުވެގެން ދާނީ ޝާހްރުކާއި އަރިޔަން އެކީގައި ހިއްސާވި ފުރަތަމަ ފިލްމަށެވެ.
ހިންދީ ވާޝަނަށް އަޑު އަޅައި ދިން ފަންނާނުންގެ ތެރޭގައި އާސްރާނީ، އަޝިޝް ވިދުޔާތީ، ޝްރެޔަސް ތަލްޕަޅޭ އަދި ސަންޖޭ މިޝްރާ ހިމެނެ އެވެ.
"ލަޔަން ކިންގް" އަކީ ޑިޒްނީން 1994 ގައި ގެނެސް ދިން "ލަޔަން ކިންގް" ރިމެކެކެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ އަންހެން ޝޫޓަރުން ކަމަށްވާ އިންޑިއާގެ ޕްރަކާޝީ އާއި ޗަންދުރޯ ތޯމަރުގެ ވާހަކަ ކިޔައިދޭ ފިލްމު "ސާންޑް ކީ އާންކް" ގެ ޓީޒާ ދައްކާލައިފި އެވެ.
ތުޝާރު ހިރަނަންދާނީ ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ޕްރަކާޝީގެ ރޯލުން ފެނިގެން ދާނީ ތާޕްސީ ޕައްނޫ އެވެ. އަދި ޗަންދުރޯގެ ރޯލުން ފެނިގެން ދާނީ ބޫމީ ޕެޑްނޭކަރެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޕްރަކާޝް ޖާ، ވިނީތު ކުމާރު އަދި އެކްޓަރު އާމިރު ހާންގެ ދައްތަ ނިޙާތު ހިމެނެ އެވެ.
އަނޫރާގް ކެޝަޕާއި ރިލަޔަންސް އެންޓަޓައިންމަންޓުން ހަދާފައިވާ "ސާންޑް ކީ އާންކް" ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު މަހުގެ 25 ގަ އެވެ.
ސޮނީ ޓީވީން މިހާރު ދައްކާ ލަވަ ޝޯ "ސުޕަސްޓާ ސިންގާ" ގެ ޖަޖެއްގެ ގޮތުގައި ފެންނަ މަޝްހޫރު ލަވަކިޔުންތެރިޔާ/ކޮމްޕޯޒަރު ހިމޭޝް ރޭޝަމިޔާ އެކްޓަރެއްގެ ގޮތުގައި ފެންނަ އާ ފިލްމު "ހެޕީ ހާޑީ އެންޑް ހީރް" އަންނަ ސެޕްޓެމްބަރު މަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ފިލްމުގެ މޯޝަން ޕޯސްޓަރެއް ވެސް މިހާރު ދައްކާލާފައިވާ އިރު، ފިލްމު ރިލީޒް ކުރާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ހެޕީ ހާޑީ އެންޑް ހީރް" ގައި ހިމޭޝް ތަފާތު ދެ ކެރެކްޓާއަކުން ފެނިގެންދާ އިރު، މީގެ ބަތަލާއަކީ ސޯނިއާ މަން އެވެ. އިނގިރޭސިވިލާތުގެ ގްލަސްގޯގައި ބޮޑު ބައި ޝޫޓްކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ރާކާ އެވެ.
ކުރީގެ ޓީވީ ސިލްސިލާ "ކަހީ ތޯ ހޯގާ" ގައި ސޫޖަލްގެ ކެރެކްޓާ ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި އެކްޓަރު ރަޖްވީން ކަންޑެލްވާލް އަނެއްކާ ވެސް ފިލްމަކާ އެކު ބެލުންތެރިންްނާ ބައްދަލު ކުރަން ތައްޔާރުވާން ފަށައިފި އެވެ.
މި ފަހަރުގެ ފިލްމު "ޕްރަނާމް" ގައި އޭނާ ފެނިގެން ދާނީ ގޭންގްސްޓާރަކަށް ބަދަލުވާ ކުރީގެ އައިއޭއެސް އޮފިސަރެއްގެ ރޯލުންނެވެ. ފިލްމުގެ ބަތަލާއަކީ ސަމީކްޝާ ސިންގެވެ. "ޕްރަނާމް" ޑައިރެކްޓް ކުރަނީ ސަންޖީވް ޖެއިސްވާލެވެ.
ނަމަވެސް ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ސޫޖަލް ކުރިން ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 2008 ގެ "އާމިރު" އާއި 2011 ގެ "ޝައިތާން" އަދި 2017 ގެ "ސޯލްޓް ބްރިޖް" ހިމެނެ އެވެ.