10 ޖުލައި 2019 - 18:50

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާ ބެހޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ދެ ޝަކުވާއެއް ބަލަން އެ ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ އެ ކޮމިޝަންގެ މިއަދު ބައްދަލުވުމުގައި ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާ ބެހޭ ގޮތުން ހުށަހަޅާފައިވާ ދެ ޝަކުވާއެއް ތަހުގީގުކުރަން ކަމަށެވެ. މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު އަރީފަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ މެންބަރެވެ. އަދި އެ މަނިކުފާނަކީ ޖޭއެސްސީގެ ރައީސެވެ.
ފަނޑިޔާރުންނާ ބެހޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތަކަކީ ކޮބައިކަމެއް ޖޭއެސްސީ އަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް މި ފަނޑިޔާރުންނަކީ، މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި، އޭރު ޖަލުގައި ހައްޔަރުކޮށްފައި ތިބި ސިޔާސީ ބޭފުޅުންނާއި އިތުރު އެތައް ބަޔަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ފަހުން ބާތިލްކުރެއްވި ބޭފުޅުންނެވެ. އަމުރު ބާތިލްކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހުގަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށް، އުއްތަމަ ފަނޑިޔާރު ކަމަށް އަހްމަދު އަބްދުﷲ ދީދީ އައްޔަންކުރި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަބްދުﷲ ދީދީގެ މައްޗަށް ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި ފުލުހުން މައްސަލަ ބަލަން ފެށުމާ އެކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން، ޖޭއެސްސީގައި މައްސަލަ ބެލި ކޮމިޓީން ވަނީ ނިންމައިފަ އެވެ.