10 ޖުލައި 2019 - 15:35

ރާއްޖެ އިން ބޭރު ގައުމުތަކަށް ކަނޑައަޅާފައިވާ 11 ސަފީރުން، އިތުރު ގައުމުތަކުގެ ނޮން-ރެސިޑެންޓު ސަފީރުންނަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.
މިކަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. މި 11 ސަފީރުންނަކީ މީގެ ކުރިން މަޖިލިހުގައި ނެގި ވޯޓުތަކުގައި ސަފީރުކަން ދޭން މެމްބަރުންގެ ރުހުން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
އެގޮތުން ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގް އައްޔަންކުރީ ސީޝަލްސް އާއި މޮރިޝަސް އަދި ކަޒިކިސްތާންގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށެވެ. އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރީ އަފްޣާނިސްތާން، ބޫޓާންގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށެވެ.
މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ވިސާމް އަލީ ކަނޑައެޅީ ބުރުނާއީ އަދި އިންޑޮނީޝިއާ އަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށެވެ. ސިންގަޕޫރުގައި ހުންނަވާ ސަފީރު އަބްދުﷲ މައުސޫމް އައްޔަން ކުރަނީ އޮސްޓްރޭލިއާ އަދި ނިއުޒިލެންޑްގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށެވެ.
ޖަޕާންގެ ސަފީރު އިބްރާހިމް އުވައިސް އައްޔަން ކުރީ ދެކުނު ކޮރެއާ ނަން-ރެސިޑެންސް ސަފީރަށެވެ. ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހަލީމް އައްޔަން ކުރީ ކުވައިތާއި ޖޯޑަންގެ ނަން-ރެސިޑެންސް ސަފީރަށެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު ޑރ. ހުސައިން ނިޔާޒު އައްޔަން ކުރީ އޮމާނާއި ބަހްރައިންގެ ނަން-ރެސިޑެންސް ސަފީރަށެވެ.
އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ހުންނަވާ ޑރ. ފަރަހަނާޒް ފައިސަލް ހަމަޖެއްސީ އަޔަލެންޑް، ފްރާންސް އަދި ސްޕެއިންގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށެވެ. ޔޫރަޕިއަން ޔުނިއަން (އީޔޫ) އާއި ބެލްޖިއަމަށް ކަނޑައަޅާފައިވާ ސަފީރު ހަސަން ސޯބިރް އައްޔަން ކުރީ ނެދަލޭންޑްސްއާއި ލަކްޒަމްބާގްގެ ނަން-ރެސިޑެންސް ސަފީރަށެވެ. ޖަރުމަން ވިލާތުގެ ސަފީރު އަހުމަދު ލަތީފް ހަމަޖެއްސީ ޑެންމާކް، ނޯވޭ، ސްވިޑެން، ފިންލޭންޑް، އަދި ރަޝިޔާގެ ނަން-ރެސިޑެންސް ސަފީރަށެވެ. އދ. އާއި އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރު ތިލްމީޒާ ހުސައިން އައްޔަން ކުރީ ކެނެޑާގެ ނަން ރެސިޑެންސް ސަފީރަށެވެ.