"އާސެނަލަށް އެންމެ ކަމުދާނީ ސިމިއޯނީ"
"އާސެނަލަށް އެންމެ ކަމުދާނީ ސިމިއޯނީ"

ލަންޑަން (ސެޕްޓެމްބަރު 11) - އާސެނަލްގެ ކޯޗަކަށް ގެންނަން ބޯންމައުތުގެ މިހާރުގެ ކޯޗު އެޑީ ހޯވް ކަމުނުދާނެ ކަމަށާއި އެންމެ އެކަށީގެންވަނީ އެތުލެޓިކޯ މެޑްރިޑުގެ ޑިއޭގޯ ސިމިއޯނީ ކަމަށް އާސެނަލްގެ ކުރީގެ ތަރި ރޭ ޕާލާ ބުނެފި އެވެ.

އާސެނަލްގެ ކޯޗުކަމުން އާސެން ވެންގާ ވަކިވުމާ ގާތްވެފައިވާއިރު މިހާރު އެންމެ ބޮޑަށް ކުރެވޭ ބަހުސަކީ އެ ކްލަބާ ދެން ހަވާލުވާނެ ކޯޗަކާ މެދު ކުރެވޭ ބަހުސެވެ. އިންގްލެންޑުގެ ޒުވާން ކޯޗު ހޯވް އަކީ އާސެނަލާ ހަވާލުވެދާނެ ކަމަށް ބެލެވޭ ކޯޗެވެ. އިންގްލެންޑުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ހޯވް ވަނީ މީގެ ކުރިން ބާންލީ އަށް ވެސް ކޯޗުކޮށްދީފަ އެވެ.

އެކަމަކު އާސެނަލަށް 1992 އިން 2004 އަށް ކުޅުނު ޕާލާ ބުނީ، ހޯވް އަށް ބިދޭސީ މަޝްހޫރު ކުޅުންތެރިން ނުގެނެވޭނެ ކަމަށެވެ.

"ބޯންމައުތުގައި އޭނާ ރަނގަޅަށް މަސައްކަތްކުރަމުން އަންނަނީ. ކުރިމަގުގައި އާސެނަލްގެ ކޯޗަކަށް ވެސް ވެވިދާނެ. އެކަމަކު އަދި އެކަމަށް އަވަސް. އަހަންނަށް އެންމެ ރަނގަޅީ ސިމިއޯނީ. ގާޑިއޯލާ އާއި މޮރީނިއޯ އަދި ކްލޮޕް ފަދަ ކޯޗުންނާ އިނގިރޭސި ލީގުގައި ވާދަކޮށްލަން އޭނާ ވެސް ބޭނުންވާނެ،" ޕާލާ ބުންޏެވެ.