11 ޖުލައި 2019 - 07:39

އުމުރަކީ ހަމަ ނަމްބަރެކޭ ބުނަނީ މިފަދަ ސަބަބުތަކާ ހެދި އެވެ. މީހާގެ އުމުރަކީ އެ މީހާގެ ކުޅަދާނަކަމާއި ގާބިލްކަން ވަޒަންކުރެވޭނެ ކަމެއް ނޫން އިންޑިއާގެ 13 އަހަރުގެ ފިރިހެން ކުއްޖަކު ވެސް މި ވަނީ ސާބިތުކޮށްފަ އެވެ.
މި ކުއްޖާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވަނީ އެހާ ހަގު އުމުރުގައި އެތައް ފޮތެއް ލިޔެގެންނެވެ. އުއްތަރު ޕްރަދޭޝްގެ ރިޖެންދަރު ރާޖް މިހާތަނަށް 135 ފޮތް ލިޔެފި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް މީސްމީހުންގެ ބައޮގްފަރީ އާއި ދީނީ ކަންކަމާ ގުޅޭ ގޮތުން ލިޔެފައިވާ ފޮތްތައް ހިމެނެ އެވެ.
ރާޖް ލިޔުނު ބައޮގްރަފީތަކުގެ ތެރޭގައި އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިދިޔަނާތު ވެސް ހިމެނެ އެވެ. އޭނާގެ ފޭސްބުކް ޕޭޖްގައި ވަނީ ފޮތްތައް ބިނާކުރި ބައެއް މީހުންނަށް ފޮތް ހަދިޔާކުރާ ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.
ހިންދީ ބަހަށް ވަރަށް ލޯބި ކުރާ އަދި އެ ބަހުން އާންމުކޮށް ލިޔާ ރާޖް ކިޔައި ދިން ގޮތުގައި އޭނާ އެންމެ ފުރަތަމަ ފޮތެއް އެކުލަވައިލީ އުމުރުން އެންމެ 6 އަހަރުގަ އެވެ. އެއީ މުޅިން ވެސް ޕޮއެމްތައް ހިމަނައިގެންނެވެ. އެކަމަކު މިހާރު އޭނާއަކީ އެކި ކަހަލަ ދާއިރާތަކުން ލިޔަމުން އަންނަ ކުއްޖެކެވެ.
ލިޔުންތެރިކަމުގެ ދާއިރާ އިން ރާޖް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، ލަންޑަނުގެ ވޯލްޑް ޔުނިވަސިޓީ އޮފް ރެކޯޑްސް އިން މިހާރު ވަނީ ރާޖަށް ޑޮކްޓަރޭޓްގެ ޝަރަފު ވެސް އަރުވަން ނިންމައިފަ އެވެ.
"އަހަރެން ބޮޑުވެގެން ވެސް ވާން ބޭނުން ވަނީ ލިޔުންތެރިއަކަށް. އެގޮތުން އެކި ކަހަލަ ދާއިރާތަކުން މައުލޫމާތު މުއްސަނދި ގިނަ ފޮތްތަކެއް ކިޔުންތެރިންނާ ހަމައަށް ގެނެސް ދިނުމަކީ އެންމެ ބޮޑު ހުވަފެން،" ޕެން ނޭމެއްގެ ގޮތުގައި "އާޖް ކާ އަބިމަންޔޫ" ގެ ނަމުގައި ލިޔަމުން އަންނަ ރާޖް ބުންޏެވެ. "ލަންޑަނުގެ ޔުނިވަސިޓީން ޑޮކްޓަރޭޓްގެ ޝަރަފު ލިބުމަކީ ވެސް މި ދާއިރާ އިން ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް."
އޭނާ ކިޔައި ދިން ގޮތުގައި މިހާތަނަށް ލިޔުނު ފޮތްތަކުގެ ތެރޭގައި ތެރޭގައި ހުންނާނީ 25-100 އާ ދެމެދުގެ ސޮފުހާގެ ފޮތްތަކެވެ. އަދި ކޮންމެ ފޮތެއް ވެސް ލިޔަނީ ދިރާސާކޮށް، ވަރަށް ގިނަ މައުލޫމާތުތައް އެއްކޮށްގެން ކަމަށް ބުންޏެވެ.
ދަރިފުޅު ލިޔުންތެރި ކަމަށް ދޭ ލޯތްބާއި ޝައުގުވެރިކަމާ ބެހޭ ގޮތުން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ރާޖްގެ މަންމަ ބުނި ގޮތުގައި ވަރަށް ތުއްތު އިރުއްސުރެ ވެސް ދަރިފުޅަކީ ކިޔުމާއި ލިޔުންތެރި ކަމަށް އާދަޔާހިލާފު ސަމާލުކަން ދެމުން އަންނަ ކުއްޖެކެވެ. އެހެންވެ އަބަދު ވެސް އެކަމަށް ވަރަށް ހިތްވަރު ދޭ ކަމަށް ބުންޏެވެ.
"ވަރަށް އުފާވޭ ދަރިފުޅުގެ މަސައްކަތްތައް ގިނަ ބަޔަކު ބަލައި ގަންނާތީ،" އޭނާ ބުންޏެވެ. "ހުވަފެނަކީ ދަރިފުޅު ކާމިޔާބު އަދި މުޅި ދުނިޔެ ބަލައިގަންނަ ވަރުގެ ލިޔުންތެރިއަކަށްވުން."