11 ޖުލައި 2019 - 07:40

ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ފަރާ ހާން ޑައިރެކްޓްކޮށް ދޭން ސޮއިކުރި ފިލްމުތަކުގެ ތެރެެއިން ފުރަތަމަ ފިލްމަކީ ކޮބައި ކަމެއް އަދިވެސް ރަސްމީކޮށް ސާފެއް ނުވެ އެވެ. އެ ވާހަކަ މިހާތަނަކަށް ފަރާ އާއި ރޯހިތު ވެސް މީޑިއާތަކާ ހިއްސާއެއް ނުކުރެ އެވެ.
އެކަމަކު ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނަމުން އަންނަ ގޮތުގައި ކުރިން "އޯމް ޝާންތީ އޯމް" އާއި "މޭ ހޭ ނާ" ފަދަ ފިލްމުތައް ގެނެސް ދިން ފަރާގެ އާ ފިލްމަކީ ކުރީގެ ވަރަށް މަގުބޫލު ފިލްމެއް ކަމަށްވާ "ސައްތޭ ޕޭ ސައްތާ" ގެ ރިމެކެވެ. އަދި އެ ފިލްމުގެ ލީޑް ރޯލް ޝާހްރުކް ހާނާއި ކެޓްރީނާ ކެއިފަށް ވެސް ހުށަހަޅާފައިވާ ކަމަށް ކުރިން އަޑު އަރާފައިވެ އެވެ.
ނަމަވެސް ޕިންކްވިލާ އިން ބުނި ގޮތުގައި އެ ނޫހަށް ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ފަރާ ހަދަން އުޅެނީ ހަމަ "ސައްތޭ ޕޭ ސައްތާ" ގެ ރިމެކެވެ. އަދި ފިލްމުގެ ލީޑް ރޯލަށް ވަނީ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން ނަގައިފަ އެވެ.
މި ދެ ތަރިން މިހާތަނަށް އެކީގައި އަދި ފިލްމެއްގެ މަސައްކަތްކޮށްފައި ނުވާތީ ރިތިކާއި ދީޕިކާގެ ޖޯޑަކީ ސްކްރީނަށް ވަރަށް ވެސް ތާޒާ އަދި އެހާމެ ޝައުގުވެރި ޖޯޑަކަށް ވާނެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ފިލްމުގައި ރިތިކް ކުޅޭނީ "ސައްތޭ ޕޭ ސައްތާ" ގައި އަމީތާބް ބައްޗަން ކުޅުނު ރޯލެވެ. އަދި ދީޕިކާ ފެނިގެން ދާމީ ހެމާ މާލިނީގެ ރޯލުންނެވެ. އާރް އެން ސިއްޕީ 1982 ގައި ގެނެސް ދިން މި އެކްޝަން ކޮމެޑީއަކީ ފާމްހައުސްގައި ދިރިއުޅޭ ހަތް ބެއިންނާއި އެ މީހުންގެ ލޯބިވެރިންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
އެހެންވެ ފިލްމަކީ ފުދޭ ވަރެއްގެ ބޮޑު ކާސްޓެއް ފެންނާނެ ފިލްމެކެވެ. ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން އަންނަނީ ފަރާ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ އިރަކަށެވެ. ބެލެވޭ ގޮތުން މި ފިލްމަކީ އަންނަ އަހަރުގެ ފަހުކޮޅު ސްކްރީނަށް އަންނާނެ ފިލްމެވެ.
ދީޕިކާ ބޮލީވުޑަށް ވެސް ނެރެދިން އަދި ފަރާގެ ދެ ފިލްމެއް ކުޅެފައިވާ ބަތަލާ އޭނާގެ ތިން ވަނަ ފިލްމަކުން ފެންނާނެ ކަމުގެ ސިގްނަލް ލިބެމުން އަންނަ އިރު، ރިތިކް އަދި ފަރާގެ ފިލްމެއްގައި މަސައްކަތެއް ނުކުރެ އެވެ.
ފަރާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ ޝާހްރުކް ހާނާއި ދީޕިކާ މުހިއްމު ރޯލްތައް ކުޅުނު 2014 ގެ "ހެޕީ ނިއު އިޔާ" އެވެ.