ރިޒޭ: ޒުވާން ތަރިންގެ ލިސްޓަށް އިތުރު ނަމެއް!
ރިޒޭ: ޒުވާން ތަރިންގެ ލިސްޓަށް އިތުރު ނަމެއް!

އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ލާއޮސް އަތުން 4-0 އިން ދިވެހިރާއްޖެ މޮޅުވި މެޗުގެ ފަހު ވަގުތު ކޯޗު އެރުވި އަހުމަދު ރިޒްވާން (ރިޒޭ) ވެގެންދިޔައީ، ކްލަބް ފުޓްބޯޅައާ ބީރަށްޓެހި ދިވެހިންނަށް އާ ކުޅުންތެރިޔަކަށެވެ. އެކަމަކު ލިބުނު މަދު ވަގުތުކޮޅުގެ ތެރޭގައި ރިޒޭ ދެއްކި ހުނަރާ އެކު، މިހާރު ވެސް އޭނާއާ މެދު އުއްމީދުތައް ކުރެވެން ފަށައިފި އެވެ. އަލީ އަޝްފާގް (ދަގަނޑޭ) ދިން ބޯޅަ އަށް ހަނި އޭންގަލުން، އަރައި ގޯލަށް ނުރައްކާތެރި ބޯޅައެއް ފޮނުވާލުމުގެ އިތުރުން ފަހު ގޯލް ޖެހުމަށް ދަގަނޑޭ އަށް ފުރުސަތު ތަނަވަސްކޮށްދިނެވެ. އޭގެ ކުރިން ކުޅުނު ބަންގްލަދޭޝް މެޗުގައި ވެސް އޭނާ ހުނަރު ދައްކާލި އެވެ.

ރިޒޭ: ޒުވާން ތަރިންގެ ލިސްޓަށް އިތުރު ނަމެއް!
ރިޒޭ: ޒުވާން ތަރިންގެ ލިސްޓަށް އިތުރު ނަމެއް!

ރިޒޭގެ ކެރިއަރުގެ ފެށުމަކީ ޒުވާން ގައުމީ ޓީމެވެ. ކްލަބަކާ ނުގުޅެނީސް ރިޒޭ އަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 2013 ވަނަ އަހަރު ޖޯޑަންގައި ކުރިއަށްދިޔަ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރި ޒުވާން ގައުމީ ޓީމުންނެވެ.

ރިޒޭ: ޒުވާން ތަރިންގެ ލިސްޓަށް އިތުރު ނަމެއް!
ރިޒޭ: ޒުވާން ތަރިންގެ ލިސްޓަށް އިތުރު ނަމެއް!

"އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) އާއި ވިކްޓަރީގެ އަޔާ ހޯދައިދިން ފުރުސަތެއްގައި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ ވެސް. އެ ފަހަރު އައި ގޮތަށް އީގަލްސް އަށް ސޮއިކުރީ،" ކ. ދިއްފުއްޓަށް އުފަން އުމުރުން 21 އަހަރުގެ ރިޒޭ ބުންޏެވެ.

ރިޒޭ: ޒުވާން ތަރިންގެ ލިސްޓަށް އިތުރު ނަމެއް!
ރިޒޭ: ޒުވާން ތަރިންގެ ލިސްޓަށް އިތުރު ނަމެއް!

އޭއެފްސީ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވެސް ރިޒޭގެ ހުނަރު ފެނުނެވެ. ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން ރާއްޖެ މޮޅުވި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ ރިޒޭ އެވެ. މިއީ ކޮލިފައިން ރާއްޖެ ކުޅުނު ހަތަރު މެޗުގައި ރާއްޖެ ޖެހި ހަމައެކަނި ލަނޑު ވެސް މެ އެވެ.

ކޮލިފައިން އަށް ފަހު އީގަލްސްއާ އެކު ފުޓްބޯޅަ ކެރިއަރު ފަށައި ރިޒޭ ވަނީ 2014 ވަަނަ އަހަރު އެ ޓީމާ އެކު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ.

މިދިޔަ އަހަރު މާޗް މަހު އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރަން ދިޔަ ރާއްޖޭގެ ގައުމީ ޓީމުގައި ރިޒޭ ހިމެނުނެވެ. އޮމާންގައި ކުރިއަށްދިޔަ ކޮލިފައިން މެޗުތަކުގައި ރިޒޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ނެތް ރިޒޭ ކޮލިފައިން މެޗުތަކުގައި ދެއްކި މޮޅު ކުޅުން ޓީމުގެ ކުޅުންތެރިން ފާހަގަކުރި އެވެ.

"ޕްރެކްޓިސްތަކުގައި ވެސް ރިޒޭ ފެންނަނީ އެހެން ކުޅުންތެރިންނަށް ވުރެ ތަފާތުކޮށް. ޓީމުގައި ހިމެނުނު ފުރަތަމަ ޑިވިޝަންގައި ތިނެއް ނޫނީ ހަތަރު އަހަރު ވަންދެން ކުޅެފައި ތިބި ކުޅުންތެރިން ވެސް އެކަމަކު ރިޒޭ ފުރަތަމަ ޑިވިޝަންގެ އެކްސްޕީރިއަންސް ނެތް ނަމަވެސް ފުރަތަމަ އެގާރައިގައި ހިމެނި މޮޅު ކުޅުމެއް ދެއްކި،" ރިޒޭއާ އެކު 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއަކު ބުންޏެވެ.

އީގަލްސް އަކީ ފުރަތަމަ ޑިވިޝަންގައި އެންމެ ގިނަ ޒުވާން ކުޅުންތެރިން ކުޅޭ ޓީމެވެ. މިދިޔަ އަހަރު އީގަލްސް ކުޅުނު ފުރަތަމަ މެޗުތަކުގައި ރިޒޭ ކުޅެން ނުކުންނަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ދެ ވަނަ ހާފްގައި ކުޅެން އަރައި ރިޒޭ ވަނީ ބައެއް މެޗުތަކުގައި ލަނޑު ޖަހައި ބައެއް މެޗުތަކުގައި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

"މިިދިޔަ ސީޒަނުގައި ފުރަތަމަ މެޗުތަކުގައި ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނު ނަމަވެސް އިނގޭ މަސައްކަތް ކޮށްގެން ކުރިއަށްދެވޭނެކަން. އެހެންވެ ޓީމުން ފުރުސަތު ލިބެންދެން އައީ މަސައްކަތް ކުރަމުން. ޓީމުން ޗާންސް ލިބޭ ކޮންމެ ފަހަރަކު ރަނގަޅު ކުޅުމެއް ދައްކަން މަސައްކަތް ކުރަން،" އޭނާ ބުންނެވެ.

މިދިޔަ ސީޒަނުގެ ގިނަ މެޗުތަކަށްފަހު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ ރިޒޭގެ ކުޅުމަށް ތައުރީފް ކޮށްފަ އެވެ. ސާންތީގެ ބުނީ އޭނާ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި ކައިރި މުސްތަގުބަލުގައި ގައުމީ ޓީމުން ޖާގަ ހޯދާނެ ކުޅުންތެރިއެއް ކަމަށެވެ.

"ސާންތީ ކޯޗަކީ ވަރަށް މުހިއްމު ކޯޗެއް އަހަންނަށް. ރާއްޖޭގައި ޔޫތު ކުޅުންތެރިން ކުރިއަރުވަން އެންމެ މޮޅު ކޯޗު އެއީ. ވަރަށް ގިނަ ކަންތައްތަކެއް އެނގޭ ސާންތީ ކޯޗާ އެކު މަސައްކަތް ކުރާއިރު. އަބަދުވެސް ގޯހެއް ހެދޭއިރު ބުނެދޭނެ. ރަނގަޅަށް ކުރާކަމެއް ފާހަގަވެސް ކުރޭ،" ސާންތީ ކޯޗާ ބެހޭ ގޮތުން ރިޒޭ ބުންޏެވެ.

މިދިޔަ އަހަރު އީގަލްސްގައި ރިޒޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ސާފް ސުޒުކީ ކަޕަށް އެކުލަވާލި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޮޑުގައި ރިޒޭ ހިމެނުނެވެ. އެކަމަކު ފައިނަލް ސްކޮޑުން ފުރުސަތެއް ނުލިބުނެވެ.

މި ސީޒަނުގައި މިހާތަނަށް އީގަލްސް އިން އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައި ރިޒޭ ހިމެނެ އެވެ. އީގަލްސް 13 މެޗުން ބަލިނުވެ ހަމަކުރިއިރު ގިނަ މެޗުތަކުގައި ރިޒޭ ކުޅުނެވެ. ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެ މުހިއްމު ލަނޑުތަކެއް ޖަހައި އެހެން ކުޅުންތެރިންނަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

ރިޒޭ އަށް ދެ ވަނަ ފަހަރަށް ގައުމީ ސީނިއާ ޓީމުން ފުރުސަތު ލިބުނީ އެންމެ ފަހުން ކުޅުނު ތިން މެޗަށް ނެގި ގައުމީ ސްކޮޑުންނެވެ. ރިޒޭ ވަނީ ތިން މެޗުގައި ވެސް ކުޅެފަ އެވެ. ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާ ދެކޮޅަށް ކުޅުނު މެޗާއި ބަންގްލަދޭޝް އާއި ލާއޮސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހު ހާފުގައި އަރައި ހުނަރު ދައްކާލި އެވެ.

"އަސްލު ވަރަށް ބޭނުންވި ފުރުސަތެއް މިއީ. ނަވާރަ އަަހަރުން ދަށާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފިން. މިހާރު ސީނިއާ ޓީމުން ވެސް ފުރުސަތު ލިބިއްޖެ. ދެން ބޭނުމީ އިތުރަށް ކުރިއަށްދާން. ޓީމުގެ މުހިއްމު ކުޅުންތެރިއަކަށްވާން ބޭނުން،" ރިޒޭ ބުންޏެވެ.

ރިޒޭ ބުނީ އީގަލްސް އަކީ ފުޓްބޯޅައިގައި އޭނާގެ އެންމެ ހާއްސަ ކްލަބް ކަމަށާއި ބޭނުންވަނީ އެ ޓީމާ އެކު ކުރިއަށްދާން ކަމަށެވެ.

"އީގަލްސް އަކީ އަހަރެންނަށް ފުރުސަތު ދިން ޓީމު. ބޭނުންވަނީ މި ޓީމާ އެކު ކުރިއަށްދާން. މި ޓީމުގައި އަހަންނަށް ހުރިހާ ކަމެއް ވެސް ރަނގަޅު. ކޯޗުންނާއި ދެން ކުޅުންތެރިން ވެސް ވަރަށް ގުޅޭ. ފުޓްބޯޅައިގައި ކުރިއަށްދާން ބޭނުން. މި ވަގުތު ބޭނުމީ އީގަލްސްގައި ހުންނަން،" މުސްތަގުބަލާ ގުޅޭގޮތުން ރިޒޭ ބުންޏެވެ.

ރިޒޭ ބުނީ ފުޓްބޯޅައިން ކުރިއަށްދާން ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަން ލިބޭ ކަމަށާއި ބޭނުންވަނީ އޭގެ އެހީގައި ހިތްވަރުކޮށް މުހިއްމު ކުޅުންތެރިއަކަށްވެ ގިނަ ކާމިޔާބީތަކެއް ހޯދުމަށް ކަމަށެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ހޯދަމުން އަންނަ ޒުވާން ކުޅުންތެރިން އަންނަނީ އިތުރުވަމުންނެވެ. ފާއިތުވި ތިން ވަރަކަށް އަހަރަށް ބަލާއިރު އަހުމަދު އިމާޒް (އާއްކޮ)، އަމްދާން އަލީ (އެންޑީ)، ހަމްޒާ މުހައްމަދު (ހަމްޕު)، ސަމޫހު އަލީ (ސަމުއްޓޭ) އަދި ނާއިޒު ހަސަން (ދާދު) ފަދަ ހުނަރުވެރި ޒުވާން ކުޅުންތެރިންވަނީ ގައުމީ ޓީމުން ޖާގަ ހޯދައި ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ވެފަ އެވެ. އެ ލިސްޓަށް އެންމެ ފަހުން އިތުރުވި ނަމަކީ ރިޒޭ އެވެ.