09 ޖުލައި 2019 - 15:58

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ދެ މެމްބަރަކު އިސްތިއުފާ ދެއްވުމުން، އެ ދެ މަގާމަށް ކުރިތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ބްރޯޑްކޮމްގެ މެމްބަރުކަމަށް ޝައުގުވެރިވާ މީހުން ނަން ހުށަހެޅުމުގެ ފުރުސަތު ބަންދުވާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
އެ ކޮމިޝަންގެ މެމްބަރުކަމުން ހަސަން ނަބާހާއި ނައިބު ރައީސް އިސްމާއީލް ސޮފްވާން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ މަޖިލީހުން އެ ދެ ބޭފުޅުން ވަކިކުރާނެކަން ޔަގީން ވުމުންނެވެ.
ސޮފްވާން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށީ، މަގާމުގެ މަސްއޫލިއްޔަތު އޭނާ އަދާނުކުރައްވައި ހަ މަސް ވަންދެން މުސާރަ ނަންގަވަމުން ދިޔަ މައްސަލައިގަ އެވެ. އެގޮތަށް ނިންމި އިރު ސޮފްވާން ވަޒީފާ އަށް ނުނިކުންނަވާތާ އެތައް ދުވަހެއް އޮތީ ވެފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވުމާ އެކު އޭނާ ވަޒީފާއަކަށް ނުނިކުންނަވަ އެވެ.
ޔާމީނުގެ ވެރިކަމުގައި ބްރޯޑްކޮމުން ގިނަ ނިންމުންތަކެއް ނިންމާފައި ވަނީ އިންސާފުން ނޫން ކަމަށް ކޮމިޝަނުގެ މެމްބަރުން މަޖިލީހުގެ ކޮމިޓީ އަށް ހާޒިރު ކުރި ދުވަހު އެއްބަސްވެފައި ވެ އެވެ.