09 ޖުލައި 2019 - 14:10

ލަންޑަން (ޖުލައި 9) - ފިލިޕީންސްގެ ނޫސްވެރިޔާ މާރިއާ ރެއްސާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ބައިވެރިވާނެ ކަމަށް މަޝްހޫރު ވަކީލް އަމާލް ކްލޫނީ ވިދާޅުވެއްޖެ އެވެ.
ޓައިމް މަޖައްލާގެ މިދިޔަ އަހަރުގެ ސަޚްސިއްޔަތަކަށް ހޮވާފައިވާ ރެއްސާ ގެންދަނީ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެގެ ހަރުކަށި ސިޔާސަތުތަކާ ދެކޮޅަށް ވެބްސައިޓެއް ހިންގަމުންނެވެ. ފިލިޕީންސް ސަރުކާރުން ވަނީ ރެއްސާއާ ދެކޮޅަށް ޖިނާއީ އެތައް ދައުވާއެއް އުފުލައިފަ އެވެ.
"މާރިއާ ރެއްސާ އަކީ ވަރަށް ހިތްވަރުގަދަ ނޫސްވެރިއެއް. އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އިންސާނީ ހައްގުތައް ދިފާއު ކުރަން ތެދުވުމުން،" އަމާލް ކްލޫނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. "ނޫސްވެރިކަމުގެ މިނިވަން ކަމާއި މާރިއާ ރެއްސާގެ ދިފާއުގައި ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން."
އަމާލް ކްލޫނީ މަސައްކަތް ކުރައްވާނީ ފިލިޕީންސްގައި ތިބި ރެއްސާގެ ވަކީލުންގެ އިތުރުން އޭނާގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމާ ގުޅިގެންނެވެ.
ރެއްސާ މި އަހަރު ތެރޭ ވަނީ ދެ ފަހަރަށް ހައްޔަރުކޮށްފަ އެވެ. ޑުޓާޓެ ވިދާޅުވެފައި ވަނީ ރެއްސާގެ ވެބްސައިޓަކީ ފޭކް ނިއުސް ސައިޓެއް ކަމަށެވެ.
"އަޅުގަނޑުގެ ހައްގުތައް ނިގުޅައިގަތުމާ ދެކޮޅަށް ބައިނަލްއަގުވާމީ ލެވެލްގައި މަސައްކަތް ކޮށްދިނުމަށް އަމާލް ކްލޫނީ ތެދުވެވަޑައިގަތުމުން ވަރަށް ބޮޑަށް އުފާވެއްޖެ،" ރެއްސާގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
ޑުޓާޓެގެ ތަރުޖަމާން ވިދާޅުވީ އަމާލް ކްލޫނީ އަށް ފިލިޕީންސްގައި ވަކާލު ނުކުރެވޭނެ ކަމަށެވެ.
އަމާލް ކްލޫނީ ވަނީ މިއަންމާގައި ހައްޔަރު ކުރި ރޮއިޓާސްގެ ދެ ނޫސްވެރިންގެ ގާނޫނީ ޓީމުގައި މަސައްކަތް ކުރައްވައިފަ އެވެ.