09 ޖުލައި 2019 - 13:41

ދުބާއީ (ޖުލައި 9) - ޔަމަނުގައި ތިބޭ ސިފައިންގެ އަދަދު މަދުކުރަން ނިންމާފައިވާ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިއުލާންކޮށްފި އެވެ.
ހަނގުރާމައިގެ ސަބަބުން ވީރާވެފައިވާ ޔަމަނުން ސިފައިން މަދުކުރާ ސަބަބެއް ކަމަށް ޔޫއޭއީ އިން ބުނެފައި ވަނީ "މިލިޓަރީ ފަސްޓް" ސިޔާސަތުގެ ބަދަލުގައި "ޕީސް ފަސްޓް" ސިޔާސަތަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.
ޔޫއޭއީގެ އޮފިޝަލަކު ވިދާޅުވީ ސިފައިން މަދު ކުރަނީ ދެކުނުގެ އަދަނުގެ ބަނދަރުންނާއި ހުޅަނގުގެ ހޮދައިދާދު ބަނދަރު ހިމެނޭ ސަރަހައްދުތަކުން ކަމަށެވެ.
ޔޫއޭއީގެ އޮފިޝަލުން ވިދާޅުވީ ޔަމަނުން އެ ގައުމުގެ ސިފައިން ފޭބި ނަމަވެސް ޔަމަނުގެ 90،000 އަށް ވުރެ ގިނަ ސިފައިން ތަމްރީނުކޮށްދީފައިވާ ކަމަށެވެ. އަދި އެއީ ޔަމަނުގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔަމަނުގެ ހަނގުރާމަ 2014 ވަނަ އަހަރު ފެށީ ހޫތީ ހަނގުރާމަވެރިން ގައުމުގެ ވެރިރަށް ސަންއާ އަދި އެހެން ބައެއް ސަރަހައްދުތައް ހިފުމުންނެވެ. ޔަމަނަށް ސައުދީ ކޯލިޝަނުން ވައިގެ ހަމަލާތައް ދޭން ފެށީ މާޗް 2015 ގަ އެވެ. ޔޫއޭއީ އަކީ ސައުދީ ކޯލިޝަނުގެ މުހިންމު ބައިވެރިއެކެވެ.
ޔޫއޭއީގެ އޮފިޝަލް ވިދާޅުވީ ޔަމަނުން ސިފައިން މަދު ކުރަނީ ސައުދީއާ މަޝްވަރާކޮށްފައި ކަމަށެވެ. އަދި އެ މަޝްވަރާތައް ކުރިއަށްދާތާ އަހަރެއްހާ ދުވަސްވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.