ގެއްލިފައިވާ ޝަފީއުގެ މައްސަލަ ބަލަން ކޮމިޝަނުން ފުވައްމުލަކުގައި
ގެއްލިފައިވާ ޝަފީއުގެ މައްސަލަ ބަލަން ކޮމިޝަނުން ފުވައްމުލަކުގައި

މީގެ ދެ އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ މުހައްމަދު ޝަފީއުގެ މައްސަލަ ބަލަން، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާ ބެހޭ ރިޔާސީ ކޮމިޝަންގެ ޓީމެއް ފުވައްމުލަކަށް ހިނގައްޖެ އެވެ.

ފުވައްމުލަކު އޮޅިތެރޭގެ ޝަފީއު 42، ގެއްލުނީ ޖުލައި 14، 2017 ވަނަ ދުވަހުގެ ރޭ ގެއިން ނުކުތް ފަހުންނެވެ. އޭނާގެ އެއްވެސް ޚަބަރެއް މިހާތަނަށް ވެފައެއް ނުވެ އެވެ.

ޝަފީއުގެ މައްސަލާގައި އާންމު މީހަކު ކުރި ޓްވީޓަކަށް ރިޕްލައިކޮށް އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޝަފީއުއަށް ވީ ގޮތް ބަލަން ކޮމިޝަނުގެ ތަހުގީގު ޓީމެއް އެ ރަށުގައި މިހާރު ހަރަކާތްތެރިވާ ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ހޯދުމުގެ މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދިނެވެ.

ޝަފީއު ގެއްލިފައި ވަނީ އޭނާގެ އަންހެނުންގެ ގެއިން ރޭގަނޑު ކެއުމަށް ފަހު 9:30 ހާއިރު އޭނާގެ މަންމަމެންގެ ގެއަށް ދާން ނުކުތް ފަހުންނެވެ. އޭނާގެ އަންހެނުންގެ ގެ އާއި މަންމަގެ ގެ ވެސް ހުންނަނީ ދޫޑިގަމްގަ އެވެ.

ޝަފީއު ހޯދަން އެރަށު ރައްޔިތުންނާއި ފުލުހުން ނުކުމެ މުޅި ރަށުގެ އިތުރުން މޫދު ސަރަހައްދު ވެސް ބެލި އެވެ.