09 ޖުލައި 2019 - 12:15

މޯ ހޮޓެލްސް އެންޑް ރިސޯޓުން ލާމުގައި ތަރައްގީ ކުރާ ރަހާ ލާމު ރިސޯޓުގެ ފުރަތަމަ ފޭސް ދިވެހިންނަށް ހާއްސަ ޕެކޭޖްތަކާ އެކު ހުޅުވާލަން ތައްޔާރުވެއްޖެ އެވެ.

މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައި ވަނީ ބޮޑު އީދަށެވެ. އެގޮތުން ދިވެހިންނަށް ހާއްސަ ޕެކޭޖްތައް ތައާރަފް ކުރުމަށް އެ ރިސޯޓުން ނިންމާފައި ވަނީ ވީހާ ވެސް ގިނަ ދިވެހިންނަށް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. މި ޕެކޭޖްތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް މޯ ހޮޓެލްސް އިން ބުނެ އެވެ.

މޯ ހޮޓަލްސް އިން ތަރައްގީ ކުރާ މި ރިސޯޓުގެ ކޮޓަރިތައް ހަދާފައި ވަނީ ދޯނީގެ ބައްޓަމަށެވެ. މިއީ ދިވެހިވަންތަ ގޮތަކަށް ރިސޯޓު ތަރައްގީ ކުރުމުގެ ގޮތުން މޯ ހޮޓެލްސްއިން ހިޔާރު ކުރި ޑިޒައިނެކެވެ.
ލާމު އަތޮޅުގެ ދެ ރަށެއް އެއްކޮށްލައިގެން ހަދާ މި ރިސޯޓުގެ ފުރަތަމަ ފޭސްގައި 100 ކޮޓަރި ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މި މަސައްކަތައް ތިން އަހަރު ދުވަސް ނަގާފައިވާ ކަމަށް ރަހާއިން މައުލޫމާތު ދެ އެވެ.
ރަހާ ލާމުގެ މެނޭޖިން ޑައިރެކްޓަރު މުދްރިކަތު މޫސާ ވިދާޅުވީ އެ ރިސޯޓު ހުޅުވާއިރު ވީހާ ވެސް ގިނަ ދިވެހިން ތިބުމަކީ ބޭނުންވާ ކަމެއް ކަމަށެވެ. އެގޮތުން ކައްދޫން ރިސޯޓަށް ދިއުމުގައި ވެސް ރިސޯޓުން ހާއްސަ ޕެކޭޖްތަކެއް ތައާރަފް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ރިސޯޓު ހުޅުވާއިރު ވީހާ ވެސް ގިނަ ދިވެހިން ރިސޯޓުގައި ތިބުން. މިއީ ހަމަ ދިވެހިންނަށް ހާއްސަކޮށްގެން އަޅުގަނޑުމެން ހުޅުވާ ރިސޯޓެއް. އެހެންވީމާ އަޅުގަނޑުމެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންނަށް ހާއްސަ ޕެކޭޖްތައް އިއުލާން ކުރާނަން. މީގެ ތެރޭގައި ކައްދޫން ރިސޯޓާ ދެމެދުގެ ދަތުރުތަކަށް ހާއްސަ ޕެކޭޖްތައް ވެސް ހިމެނޭނެ،" މުދްރިކަތު ވިދާޅުވި އެވެ.
ކައްދޫ އެއާޕޯޓުން ރަހާ ރިސޯޓަށް ދެވޭނީ 20 ވަރަކަށް މިނެޓް ތެރޭގަ އެވެ. މި ރިސޯޓަކީ ފޯ ސްޓާ ފެންވަރުގެ ރިސޯޓެކެވެ.