ދީޕަކް ތިޖޯރީ އަނެއްކާ ވެސް ފިލްމެއް ޑައިރެކްޓްކުރަނީ
ދީޕަކް ތިޖޯރީ އަނެއްކާ ވެސް ފިލްމެއް ޑައިރެކްޓްކުރަނީ

ނުވަދިހައިގެ އަހަރުތަކުގައި ގިނަ ފިލްމުތަކަކުން ސަޕޯޓިން ރޯލްތައް ކުޅުނު އެކްޓަރު ދީޕަކް ތިޖޯރީ އަނެއްކާ ވެސް ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވެއްޖެ އެވެ.

ކުރިން "ޓޮމް، ޑިކް އެންޑް ހެރީ" އާއި "އޫޕްސް" އަދި "ފޮކްސް" އާއި "ދޯ ލަފްޒޯން ކީ ކަހާނީ" ފަދަ ފިލްމުތައް ގެނެސް ދިން ދީކަޕް މި ފަހަރު ހަދަން ނިންމާފައި ވަނީ ބަތަލާއިންތަކެއް މުހިއްމު ރޯލްތައް ކުޅޭ ތުރިލާ "ޓިޕްސީ" އެވެ.

ލަންޑަނުގައި މައިގަނޑު މަންޒަރުތައް ޝޫޓް ކުރަން ހަމަޖެހިފައިވާ ފިލްމަށް ނަގާފައި ވަނީ އެހާ މަޝްހޫރު ނޫން ބަތަލާއިންނެވެ. އެއީ ލަކްޝްމީ ރާއީ، ނާޒިއާ ހުސައިން، ޝަމާ ސިކަންދަރު، ކައިނާތު އަރޯރާ އަދި އަލަންކްރިތާ ސަހާއީ އެވެ.

"ޓިޕްސީ" ގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށަން ތާވަލުކޮށްފައިވާ އިރު، މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ރާޖޫ ޗައްޑާ، ރާހުލް މިތުރާ އަދި މޯހާން ނަދާރެވެ. ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"އާޝިގީ" އާއި "އަންޖާމް" އަދި "ކިލާޅީ" ފަދަ ފިލްމުތަކުން ފެނިފައިވާ ދީޕަކް، 57، ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2016 ގައި ރަންދީޕް ހޫޑާ އާއި ކާޖަލް އަގަރްވާލް ލީޑް ރޯލް ކުޅުނު "ދޯ ލަފުޒޯން ކީ ކަހާނީ" އެވެ.

ދީކަޕް އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ސަންޖޭ ދަތުގެ "ސާހިބް ބީވީ އޯރް ގޭންގްސްޓާ 3" އިންނެވެ.