ރިލްވާންގެ ތަހުގީގުގައި ފުލުހުން އިހުމާލުވި މައްސަލަ ބަލާ ކޮމިޓީ ސިއްރުކޮށްފި
ރިލްވާންގެ ތަހުގީގުގައި ފުލުހުން އިހުމާލުވި މައްސަލަ ބަލާ ކޮމިޓީ ސިއްރުކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވީ މައްސަލަ ބަލާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ މިއަދު ސިއްރުކޮށްފި އެވެ.

އެ ކޮމިޓީ އޮތީ މިއަދު މެންދުރުފަހު 2 ޖެހިއިރެވެ. ރިލްވާން ގެއްލުނު މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރާ ކަމަށް ކުރަމުން ދިޔަ ތުހުމަތުތައް ބަލައި ކަމާބެހޭ ފަރާތްތައް ޒިންމާދާރުކުރުވަން އެ ކޮމިޓީން މަސައްކަތް ފަށާފައި ވަނިކޮށް، ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ މަޖިލީހަށް ރިޕޯޓެއް ވެސް ހުށަހަޅައިފަ އެވެ.

އެއީ މީގެ ފަސް އަހަރު ކުރިން ރިލްވާން ގެއްލުމާ ގުޅޭ ގޮތުން އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ރިޕޯޓެކެވެ.

އޮގަސްޓު، 2014 ގައި ރިލްވާން ކިޑްނެޕްކުރުމުގެ ދައުވާ އުފުލީ، ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ކުރި ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވި އެވެ. އެއީ ކޯޓުގެ ހުކުމުގައިވާ ގޮތުން ފުލުހުން ތަހުގީގު ފުރިހަމަ ނުކޮށް އޮތުމުންނެވެ.

އެ ދައުވާ ސާބިތުވި ނަމަ އާލިފާއި ނޫރައްދީންގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.

އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި، މުހިއްމު ހެކިތަކެއް ފުލުހުން ގަސްތުގައި ހުށަނާޅައި ދައުވާ ލިބުނު ދެ މީހުން "ސަލާމަތް ކޮށްދިނީ" އެވެ.

ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުވައިލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ގެއްލުވައިލުމުގައި ގޭންގްތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.

ރިލްވާން ގެއްލުމާ ގުޅޭ ތަހުގީގެއް މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވެސް އަންނަނީ ކުރަމުންނެވެ. އެ މައްސަލައިގެ ތަފްސީލް ރިޕޯޓެއް މިހާރު ވަނީ ރައީސަށް ހުށަހަޅައިފަ އެވެ.