ޖިންނީންގެ ވާދީ އަށް ދިޔައިންތަ؟
ޖިންނީންގެ ވާދީ އަށް ދިޔައިންތަ؟

ޖިންނީންނަކީ އުޅޭ އެއްޗެއް ކަމަށް ގަބޫލުނުކުރާ ބަޔަކު ވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅެ އެވެ. އަޅުގަނޑުމެން އާންމުކޮށް ޖިންނީންގެ ވާދީ އާއި ޕަރީންގެ ވާދީތަކުގެ އަޑު އަހަނީ ފުލޯކު ވާހަކަތަކުންނެވެ. ނަމަވެސް ދައްކަން މި އުޅެނީ ޖިންނީންގެ ވާހަކައެއް ނޫނެވެ. ޖީންނީންގެ ވާދީގެ ވާހަކަ އެވެ.

ޖިންނީންގެ ވާދީ އަށް ދިޔައިންތަ؟
ޖިންނީންގެ ވާދީ އަށް ދިޔައިންތަ؟

މަދީނާގެ ހުޅަނގު އުތުރުން 35 ކިލޯމީޓަރު ދުރުގައި، ފަރުބަދަތަކެއްގެ މެދުގައި އޮންނަ އެ ސަރަހައްދަކީ މަދީނާ އަށް ޒިޔާރަތްކުރާ ގިނަ ބައެއްގެ މެދުގައި މަގްބޫލު ތަނެކެވެ. ނަމަވެސް އެ ތަނުން ޖިންނި ފެންނާތީކީ ނޫނެވެ. ނުވަތަ ޖިންނީންގެ އެއްވެސް އަސަރެއް ވެސް އެތަނުން ފެންނަން ހުރެގެންނެއް ނޫނެވެ.

ޖިންނީންގެ ވާދީ އަށް ދިޔައިންތަ؟
ޖިންނީންގެ ވާދީ އަށް ދިޔައިންތަ؟

ވާދީ އަލް ޖިންނި ނުވަތަ ވާދީ އަލް ބައިޟާގެ ނަމުން މަޝްހޫރުވެފައިވާ މި ސަރަހައްދުގެ ޚާއްސަ ސިފައަކީ މި ވާދީގައި، ބިމަށް ހަރުނުކޮށް ހުންނަ ކޮންމެ އެއްޗެއް ވަކި ދިމާލަކަށް ދަމާފައި ގެންދާ ކަމެވެ. އެއީ ބައެއް ހިސާބުތައް އުސްކޮށް އަނެއް ބައި ތަންތަން ތިރިކޮށް އޮންނަ ބިމެކެވެ. އަދި ބައެއް ސަރަހައްދުތައް ހަމަހަމަ އަށް ވެސް އޮންނަ ސަރަހައްދެކެވެ.

ނަމަވެސް އުސްކޮށް އޮންނަ ސަރަހައްދުން ތިރި އަށް އެއްޗެހި ފައިބައިގެން އަންނަނީކީ ނޫނެވެ. އޭގެ ބަދަލުގައި ތިރިން މައްޗަށް އެއްޗެހި އަރައިގެން ދަނީ އެވެ. އަދި ހަމަހަމަ އަށް އޮންނަ ސަރަހައްދުން ވެސް ހަމަ އެއް ދިމާލަކަށް އެއްޗެހިތައް ދަމާ ސަރަހައްދެކެވެ.

މިހެން މިކަން މެދުވެރިވާ ސަބަބަކާ މެދު އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތަށެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެއީ ޖިންނީން ދިރިއުޅޭ ނުވަތަ ކުރިން އުޅެ މިހާރު ފަޅުވެފައިވާ ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދުގައި ހުންނަ ދަމާ ބާރަކީ ޖިންނީންގެ ފަރާތުން މެދުވެރިވާ ކަމެކެވެ.

އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ އެ ސަރަހައްދުގައި ހުންނަ ދަގަތްފާނީ ފަރުބަދައެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ.

"އަޅުގަނޑުމެން ދިޔައީ ކާރުގައި އެ ސަރަހައްދު ބަލާލަން. އޭރު އަޅުގަނޑުމެން ދަތުރު ކުރަމުން ދިޔައީ މަތިން ތިރިއަށް. ދެން މަގުގެ ވަކި ހިސާބަކަށް ގޮސްފައި އަޅުގަނޑުމެން ކާރު ޕާކްކުރީ މަގުގެ އެއް ފަރާތުގައި. އޭރު ކާރުގެ ފަހަތްކޮޅު އޮތީ މަގުގެ އުސް ދިމާލަށް ވާ ގޮތަށް، ކުރީކޮޅު އޮތީ ތިރި ދިމާލަށް ވާ ގޮތަށް. ދެން ކާރު ނިއްވާލާފައި ހޭންޑު ބުރެކި ޖައްސާފައި ޑްރައިވަރު ވެސް ފޭބީ،" މިފަހަރު ހައްޖަށް އައިސް ހުރި ދިވެހި ހައްޖުވެރިއަކު ޖިންނީންގެ ވާދީގައި އޭނާ ކުރި ތަޖުރިބާ ކިޔައި ދިނެވެ.

"ފައިބައިފައި ޑްރައިވަރު ކުރި ކަމަކީ ކާރުގެ ދޮރު ހުޅުވާފައި ހޭންޑު ބުރަކި ވެސް ނައްޓާލީ. ދެން ކާރު މަޑުމަޑުން ފަހަތަށް ދާން ފަށައިފި. އެއީ މަގުގެ އުސްކޮށް އޮތް ހިސާބު. ކާރު އެހެރަ ދަނީ މަގުގެ ތިރީ ކޮޅުން ފެށިގެން މައްޗަށް އަރަމުން. ދެން ކާރުގެ ދުވެލި މާ ބާރުވާން ފެށުމުން ޑްރައިވަރު ގޮސް ކާރު ހުޅުވާފައި އެރީ،"

ކާރުގެ ބޮޑު ބަޔަކީ ދަގަނޑު ކަމަށް ވުމުން، ދަގަތްފާނީ ބާރު ހުރި ދިމާލަކަށް ދަމާފައި ގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެފަދަ ބޮޑު އެއްޗެއް އެ ދަމައިގަންނަނީ ހަމަ ދަގަތްފާނީ ބާރުގައި ބާވައޭ ސުވާލު އުފެދެ އެވެ. އެއީ އެ ދަމާ ބާރުގައި ކާރު ޖެހުމުން، އޭގެ ދުވެލި މަޑުމަޑުން މަތިވަމުން ދާތީ އެވެ.

އެކަން ތަޖުރިބާކުރި ބައެއް މީހުން ބުނި ގޮތުގައި ޖިންނީންގެ ވާދީގައި ކާރު މަޑުކޮށްފައި އިންޖީނު ނިވާލައި ގިއަރު ކަނޑައިލުމުން ކާރު ދުވަން ފަށަނީ ވަރަށް މަޑުންނެވެ. ނަމަވެސް އިސާހިތަކު ދުވެލި މަތިވަމުން ގޮސް ގަޑިއަކު 120 ކިލޯމީޓަރު ބާރުމިނުގައި ދުވަމުން ދެ އެވެ. އެހެންކަމުން މިއީ ހަމައެކަނި ދަގަތްފާނީ ބާރެއް ކަމަކަށް ނުބެލެވެ އެވެ.

ޖިންނީންގެ ވާދީގައިވާ މި ދަމާ ބާރަކީ، އެ ސަރަހައްދުގައި ހުންނަ ފަރުބަދައެއްގައިވާ ދަގަތްފާނީ ބާރެއްގެ އަސަރު ކަމަށް އެ ސަރަހައްދާ ކައިރީގައި އުޅޭ ގިނަ މީހުން ވެސް ގަބޫލެއް ނުކުރެ އެވެ. ސަބަބުތަކެއް ވެސް ހުރުމުންނެވެ.

ފުރަތަމަ ސަބަބަކީ އެ ސަރަހައްދުގައި ފެން އަޅާ ފުރާފައި ހުންނަ ވައް ފުޅިއެއް މަގުމަތީގައި ބޭއްވުމުން ވެސް، އެ މަގުގެ ތިރީ ކޮޅަށް ފައިބައިގެން އައުމުގެ ބަދަލުގައި މައްޗަށް އަރަމުންދާތީ އެވެ. ގައިމު ވެސް ފެނަކީ ދަގަތްފާނީ ބާރަށް ދަމާ އެއްޗެއް ނޫނެވެ.

އެއީ ދަގަތްފާނީ ބާރަކަށް ނުވި ކަމުގައި ވިޔަސް، އެއީ ޖިންނީންގެ ސަބަބުން ވާ ކަމެއް ކަމަށް ވެސް ގަބޫލު ކުރަން ދަތިވެ އެވެ. މީހުން ދިރިނޫޅޭ ފަޅު ސަރަހައްދަކަށް ވިޔަސް، އެކަން ތަޖުރިބާ ކޮށްލުމަށްޓަކައި އަހަރަކު އެތައް ހާސް ބަޔަކު އެތަނަށް ޒިޔާރަތްކުރެ އެވެ. މަދީނާގައިވާ މަސްޖިދުއް ނަބަވީ އަށް ޒިޔާރަތް ކުރާ ވަރަށް ގިނަ އަދަދެއްގެ މީހުން ވެސް އެ ތަން ބަލައިލަން ދެ އެވެ.

ނަމަވެސް އެ ސަރަހައްދުން ދުވަހަކު ވެސް ބިރުވެރިކަމެއް ނުވަތަ ބިރުވެރި އެއްޗެއް ވިޔަސް ފެނިފައިވާ ކަމަކަށް ނުބުނެ އެވެ. އަދި ބިރުވެރި އަޑެއް، އަލިގުޅައެއްގެ އަސަރެއް ވިޔަސް ފެނިފައެއް ނުވެ އެވެ. އެހެންކަމުން ބޮޑަށް ބެލެވޭ ގޮތުގައި އެއީ، އެ ސަރަހައްދުގައިވާ ކޮންމެވެސް ޒާތެއްގެ ދަމާ ބާރެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ.

ޖިންނީންގެ ވާދީއަކީ ގިނަ ބަޔަކު ދަތުރު ގޮސް އުޅޭ ތަނެކެވެ. ހަފުތާ ބަންދުގައި ސައޫދީ އާއިލާތައް އެ ވާދީ އަށް ގޮސް ފޭލިގެ ޖަހައިގެން ބާބެކިޔޫ ހަދައި ދެ ރޭ ދެ ދުވާ ހޭދަކުރެ އެވެ. ޖިންނީންގެ ހިލަމެއް ވެސް ނުވެ އެވެ.

ގޮތް ނޭނގޭ މި ދަމާ ބާރާ މެދު، ޖިންނީންގެ ވާދީއާ ކައިރި ހިސާބުތަކުގައި އުޅޭ މީހުން ބުނަނީ އެއީ، އެ ސަރަހައްދުގައި ހުރި ފަރުބަދަތަކުގައި އުޅޭ ޖިންނީންގެ ސަބަބުން ވާ ކަމެއް ކަމަށެވެ. ޖިންނީންގެ ބާރުގައި އެ ފަރުބަދަތަކާ ދިމާލަށް އެއްޗެހި ދަމަނީ އެވެ.

އެހެންކަމުގައިވާ ނަމަ، ޖިންނީންގެ ވާދީ އަށް ގޮސް އުޅޭ މީހުން އެ ބާރުގައި ޖެހި ފަރުބަދަތަކާ ދިމާލަށް ދަމައިނުގަންނަނީ ކީއްވެ ހެއްޔެވެ؟ އަދި އެ ސަރަހައްދުގައި އުޅޭ ކުއްތާ އާއި ބުޅާ ފަދަ ޖަނަވާރުތައް ވެސް ދަމައިނުގަންނަނީ ކީއްވެ ހެއްޔެވެ؟

އެހެންކަމުން މިއީ ހަގީގަތުގައި ވެސް އަޖައިބުން ފުރިގެންވާ ސަރަހައްދެކެވެ. ހަތަރު ފުރޮޅު ލީ ބިޔަ އުޅަނދުތަކާއި ކުދިކުދި ފެންފުޅިތައް ދަމައިގަންނަނީ ފަރުބަދަތަކުގައިވާ ބާރެއްގެ ސަބަބުން ކަމަށް ވަންޏާ، އެ ފަރުބަދަތަކާ ދިމާލަށް އިންސާނުންނާއި ދިރޭ އެއްޗެހި ދަމައިނުގަންނަނީ ކީއްވެ ހެއްޔެވެ؟

ސައެންޓިފިކް ގޮތުން ބަލާއިރު، މިއީ އެހާ ހައިރާންވާންވީ ކަމެއް ނޫން ކަމަށް ދިރާސާތައް ދައްކަ އެވެ. މިފަދަ، ޖިންނީންގެ ކިތަންމެ ވާދީއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަ ހުއްޓެވެ. އޭގެ ބޮޑު ލިސްޓެއް ގޫގުލް އިން ފެންނާނެ އެވެ. ސައެންސް ބުނާ ގޮތުގައި މިއީ "އޮޕްޓިކަލް އިލޫޝަން" އެކެވެ.