08 ޖުލައި 2019 - 15:52

ނިއު ދިއްލީ (ޖުލައި 8) - ކުރިއަށް އޮތް ފަސް އަހަރު ތެރޭ ގައުމުގެ އިގްތިސާދު ފަސް ޓްރިލިއަން ޑޮލަރަށް މައްޗަށް ޖައްސާނެ ކަމަށް އަހަރީ ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު ނިރްމަލާ ސިތާރަމަން ވިދާޅުވުމުން އެކަމަށް ފާޑު ކިޔަމުން ދަނީ "ނާއުއްމީދީ ޕްރޮފެޝަނަލުން" ކަމަށް ވިދާޅުވެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރައްދު ދެއްވައިފި އެވެ.
ޕާޓީ އަށް މެންބަރުން އިތުރު ކުރުމުގެ ކެމްޕޭނެއްގައި ލޮކް ސަބާގައި މޯޑީ ތަމްސީލް ކުރައްވާ ވަރަނަސި އަށް ވަޑައިގެން ވިދާޅުވީ ފަސް ޓްރިލިއަން ޑޮލަރުގެ އިގްތިސާދަކަށް ހަދަން ކުރާ މަސައްކަތުގެ މެސެޖް ޕާޓީގެ މެންބަރުން ވެސް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
"ކޭކުގެ ސައިޒް ވަރަށް މުހިންމު. ކޭކުގެ ސައިޒް ބޮޑުވުމުން އޭގައި ހިއްސާވާ މީހުން އިތުރުވާނެ،" މޯދީ ވިދާޅުވި އެވެ. "ފަސް ޓްރިލިއަން ޑޮލަރުގެ އިގްތިސާދުގެ ހަގީގަތަކީ މިއީ. އިގްތިސާދު މަތިވުމުން އާމްދަނީން ބޮލަކަށް ޖެހޭވަރު އިތުރުވާނެ. އޭގެ ސަބަބުން ވިޔަފާރި ކުރުން ފުޅާވެ، ޑިމާންޑް އުފެދި ޕްރޮޑަކްޝަން މައްޗަށް ޖެހި ވަޒީފާ އިތުރުވާނެ."
މޯދީގެ ދެ ވަނަ ދައުރުގެ ފުރަތަމަ ބަޖެޓުގައި ނިރްމަލާ ވިދާޅުވީ އެންމެ މުހިންމުކަން ދޭ ކަންތައްތަކުގެ ތެރޭގައި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ. އެއީ ބީޖޭޕީ އާއި މޯދީގެ ކެމްޕޭން ބޮޑު ވައުދެކެވެ. މޯދީގެ މެނިފެސްޓޯގައި ވަނީ އިންފްރާސްޓްރަކްޗާ އަށް 2024 އާ ހަމައަށް 1.44 ޓްރިލިއަން ޑޮލަރު ޚަރަދު ކުރުމަށް ވައުދުވެފަ އެވެ.