10 ޖުލައި 2019 - 07:43

ކުރީގެ އެނިމޭޓެޑް ފިލްމު "މުލާން" ގެ ލައިވް-އެކްޝަން ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ ޑިޒްނީން ދައްކާލައިފި އެވެ.
މި ފިލްމުގެ ޓައިޓްލް ރޯލުން ފެންނާނީ ޗައިނާ ދަރިކޮޅުގެ އެމެރިކާގެ ބަތަލާ ލިއު ޔިފީ އެވެ. ނިކީ ކާރޯ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޑޮނީ ޔެން، ޖޭޒަން ސްކޮޓް ލީ، ޖެޓް ލީ، ގޮންގް ލީ، ޔޮސަން އަން، ޒީ މާ، ރޮން ޔުއާން އަދި ޖިމީ ވޮންގް ފަދަ ތަރިން ހިމެނެ އެވެ.
"މުލާން" އަކީ 1998 ގައި ބެރީ ކުކް އާއި ޓޯނީ ބެންކްރޮފްޓް ޑައިރެކްޓްކޮށް ގެނެސް ދިން ފިލްމެކެވެ. މީގެ މައިގަނޑު ވާހަކައަކީ އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ އުމުރުން ދުވަސްވީ މީހަކު އަލުން އެނބުރި ހަނގުރާމަ އަށް ނުކުންނަން ޖެހުމުން ބަދަލުގައި އޭނާގެ އަންހެން ދަރިފުޅު ހަނގުރާމަ އަށް ނުކުމެ ދައްކައިލާ ކުޅަދާނަ ކަމެވެ.
"މުލާން" ޓީޒާ އިން މި ފިލްމަކީ ވަރަށް ޝައުގުވެރި ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑެވެ. އަދި މި ފިލްމު ސިނަމާތަކަށް އަންނާނީ މާޗް 27، 2020 ގަ އެވެ.
"މުލާން" ގެ އެނިމޭޓެޑް ފިލްމަކީ ބޮކްސް އޮފީހުގައި 304.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ޖުމްލަ 90 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަކީ ޑިޒްނީން ގެނެސް ދިން 36 ވަނަ އެނިމޭޓެޑް ފިލްމެވެ.
ހަގީގީ އެކްޓަރުންނާ އެކު "މުލާން" މުޅިން އާ ގޮތަކަށް ބޮޑު ސްކްރީނަށް ގެންނަ އިރު، ޑިޒްނީން އެންމެ ފަހުން ގެނެސް ދިން ލައިވް-އެކްޝަން ފިލްމަކީ މެއި މަހު ރިލީޒް ކުރި "އަލައްދިން" އެވެ. ދެން އެންމެ އަވަހަށް ގެނެސް ދޭނެ މި ވައްތަރުގެ ފިލްމަކީ މި މަހުގެ 19 ގައި ރިލީޒް ކުރާ "ލަޔަން ކިންގް" އެވެ.
ކުރިއަށް ހުރި ޑިޒްނީގެ ލައިވް-އެކްޝަން ފިލްމުތަކުގެ ތެރޭގައި ޕިނޯކިއޯ، ދަ ސްވޯޑް އިން ދަ ސްޓޯމް، ލޭޑީ އެންޑް ދަ ޓްރޭމްޕް އަދި ލިޓްލް މާމެއިޑް ހިމެނެ އެވެ.