09 ޖުލައި 2019 - 07:02

މި މަހުގެ 26 ގައި ރިލީޒްކުރާ ފިލްމު "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ލަވަތަކުގެ ތެރެއިން ލަވައެއް ދައްކާލައިފި އެވެ.
ފިލްމުން ދައްކައިލި ފުރަތަމަ ލަވަ އަކީ "ދަ ވަހްރާ ސޯންގް" އެވެ. "ޖަޖްމަންޓަލް ހޭ ކިޔާ" ގެ ލީޑް ދެ ތަރިން ކަމަށްވާ ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯ ފެންނަ ލަވަ ކިޔާފައި ވަނީ ނަވް އިންދަރު، ލީޒާ މިޝްރާ އަދި ރާޖާ ކުމާރީ އެވެ. ލަވައިގެ މިއުޒިކާއި ޅެން ހަދާފައި ވަނީ ތަނިޝްކް ބަގްޗީ އެވެ.
"ޖަޖްމެންޓަލް ހޭ ކިޔާ" އަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކޮށްފައިވާ ބްލެކް ކޮމެޑީއެކެވެ. މި އަަހަރު ރިލީޒް ކުރާނެ އެންމެ ތަފާތު އެއް ފިލްމުގެ ގޮތުގައި ބެލެވޭ ފިލްމުގައި ކިޔައި ދޭނީ މަރެއްގެ ހަގީގަތް ހޯދަން އުޅުމުގެ ތެރޭގައި ދެމީހެއްގެ ދޭތެރޭގައި ހިނގާ ކޯޅުންތަކެވެ.
"ޖަޖްމެންޓަލް ހޭ ކިޔާ" ގެ ކާސްޓުންގެ ތެރޭގައި އަމީރާ ދާސްތޫރު، ޖިމީ ޝެރްގިލް، މިމޯ ޗަކްރަބަތީ އަދި ޖިމީ ޗެރްގިލް ހިމެނެ އެވެ.
އަންނަ މަހު ރިލީޒް ކުރާ ފިލްމު "ސާހޯ" ގެ ލަވަ "ސައިކޯ ސައްޔާ" ގެ ޓީޒާއެއް މިދިޔަ ހަފުތާގައި ދައްކައިލުމަށް ފަހު، ލަވަ އެއްކޮށް ދޫކޮށްލައިފި އެވެ.
ޕްރަބާސް އާއި ޝްރަދާގެ ނެށުންތަކެއް ޑިސްކޯއެއްގެ ތެރެއިން ފެނިގެންދާ މި ލަވައިގެ މިއުޒިކާއި ޅެން ހަދާފައި ވަނީ ތަނިޝްގް ބަގްޗީ އެވެ. ލަވައިގެ އަޑުގެ ވެރިންނަކީ ތަނިޝްކްގެ އިތުރުން ސަޗެޓް ޓަންޑަން އަދި ދުވާނީ ބަނުޝާލީ އެވެ.
އަންނަ މަހުގެ 15 ގައި ރިލީޒްކުރާ "ސާހޯ" އަކީ ސައުތުގެ ޑައިރެކްޓަރު ސުޖީތު ގެނެސްދޭ އެކްޝަން ތުރިލާއެކެވެ.
އިންޑިއާގެ އެވޭލާ ވާހަކައެއް ކިޔައިދޭ ފިލްމު "ރާމަޔަނާ" ތިން ބަޔަކަށް ގެނެސްދޭ ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމައި އެއަށް ދެ ޑައިރެކްޓަރުން ހަމަޖައްސައިފި އެވެ.
ޕްރޮޑިއުސަރުން ކަމަށްވާ އައްލޫ އަރުވިންދު، މަދޫ މަންޓޭނާ އަދި ނަމިތު މަލްއުތުރާ 500 ކްރޯޑް ރުޕީސް (27 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ޕްރޮޑިއުސް ކުރާ ފިލްމުގެ ޑައިރެކްޓަރުންނަކީ "ޑަންގަލް" ގެނެސް ދިން ނިތޭޝް ތިވާރީ އާއި ކުރީގެ ބަތަލާ ސްރީދޭވީގެ އެންމެ ފަހުގެ ފިލްމު "މޯމް" ގެނެސް ދިން ރަވީ އުދޭވަރު އެވެ.
ހިންދީ، ތެލެގޫ އަދި ތަމަޅަ ބަހުން ހަދާ ފިލްމުގެ ކާސްޓުން ވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. ސިނަމާތަކަށް 3ޑީ ފޯމެޓްގައި ގެނެސްދޭ "ރާމަޔަނާ" ގެ ފުރަތަމަ ބައި ރިލީޒް ކުރާނީ 2021 ގަ އެވެ.
ސްޓާ ޕްލަސް އިން ގެނެސް ދޭން ތައްޔާރުވަމުން އަންނަ އެ ޗެނެލްގެ ޑާންސް ޝޯ "ނަޗް ބަލިޔޭ" ގެ 9 ވަނަ ސީޒަން މި މަހުގެ 19 ގައި ޕްރިމިއާ ކުރާ ގޮތަށް ނިންމައިފި އެވެ.
ތާރީހާ އެކު ސްޓާ ޕްލަސް އިން ވަނީ ޝޯގެ އާ ޕްރޮމޯއެއް ވެސް ދައްކާލައިފަ އެވެ. އޭގައި ޓީވީ ބަތަލާ އަނީތާ ހަސަންދާނީ އާއި ޝްރަދާ އަރިޔާ ވެސް ފެނިގެން ދެ އެވެ. މި ފަހަރުގެ ޝޯ އިން ފެންނާނެ ހުރިހާ ތަރިން އަދި މުޅިން ކަށަވަރު ނުވިޔަސް ކުރީގެ "ކަސޯޓީ" ގެ ކޮމަލިކާ އުރުވަޝީ ދޮލާކިއާ ވެސް މި ފަހަރު ފެންނާނެ އެވެ.
"ނަޗް ބަލިޔޭ" ސީޒަން 9 މި ފަހަރު ގެނެސް ދެނީ ކުރިން ލޯބީގެ ގުޅުން ބޭއްވި ޖޯޑުތަކަށް ހާއްސަކޮށްގެންނެވެ. މި ފަހަރު ޝޯ ޕްރޮޑިއުސް ކުރަނީ ސަލްމާން ހާނެވެ.
"ނަޗް ބަލިޔޭ 9" ފަށާ އިރު ޒީޓީވީން މިހާރު އަންނަނީ ކަރީނާ ކަޕޫރް މުޅިން އަލަށް ޖަޖެއްގެ ގޮތުގައި ބައިވެރިވާ ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ގެ ނުވަ ވަނަ ސީޒަން ގެނެސް ދެމުންނެވެ. އަދި ކަލާޒުން އަންނަނީ މަދޫރީ ޑިކްސިޓް ޖަޖެއްގެ ގޮތުގައި ބައިވެރިވާ "ޑާންސް ދިވާނޭ" ގެ ސީޒަން ދޭއް ގެނެސް ދެމުންނެވެ.