08 ޖުލައި 2019 - 12:35

ކޮލަމްބޯ (ޖުލައި 8) - އީސްޓާ ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ބެލެވޭ ހުރިހާ ޓެރަރިސްޓް ގްރޫޕްތަކެއް ނައްތާލެވިއްޖެ ކަމަށާއި ލަންކާގައި ސެކިއުރިޓީ ގޮތުން މިހާރު ނުރައްކަލެއް ނެތް ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ނޯތު ސެންޓްރަލް ޕްރޮވިންސްގެ ޕޮލޮއްނަރުވާގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރާއި ބައިގެ މުއްދަތުގައި ގައުމުގައި ޑިމޮކްރެސީ އާއި މިނިވަންކަން ގާއިމްކޮށްދީފައިވާ ކަމަށެވެ.
"ލަންކާގައި ހުރިހާ ދީނެއްގެ މީހުން ވެސް ދިރިއުޅެމުން ދިޔައީ ހަމަޖެހިގެން. ނަމަވެސް އެޕްރީލް 21 ގެ ހަމަލާ އަށް ފަހު ހުރިހާ ކަމެއް ބަދަލުވި. އެކަމަކު މިހާރު ވަނީ ގައުމުގެ ހާލަތު ހަމައަކަށް އަޅުވާފައި،" ސިރިސޭނާ ވިދާޅުވި އެވެ.
ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކަށް ދިން ބޮމުގެ ހަމަލާތަކުގައި ވަނީ 258 މީހުން މަރުވެފަ އެވެ. މީގެ ތެރޭން 45 މީހުންނަކީ ބިދޭސީންނެވެ. ބޮމުގެ ހަމަލާތަކުގައި ވަނީ 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ.
ލަންކާގެ ހާލަތު ރަނގަޅުވި ކަމަށް ސިރިސޭނާ ވިދާޅުވި ނަމަވެސް ލަންކާ އަދިވެސް އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ.
ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބި، ހަމަލާ އަށް އިހުމާލުވި ފުލުހުންގެ އިސް އޮފިސަރުންގެ މައްޗަށް ވަނީ ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ.