08 ޖުލައި 2019 - 12:06

ވޮޝިންޓަން (ޖުލައި 8) - ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް އީރާނުން ޔުރޭނިއަމް ފައްކާކުރަން ފެށުމުން "އީރާނުން ރައްކާތެރިވެ ތިބުމަށް" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

"އީރާން. ރައްކާތެރިވެ ތިބޭ. ތި ގައުމުން ޔުރޭނިއަމް ފައްކާކުރަން ފެށީ އެންމެ ސަބަބަކަށްޓަކައި. އެކަމަކު އެ ސަބަބު ބުނެދެވޭކަށް ނެތް،" ނިއު ޖާޒީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޔުރޭނިއަމް ފައްކާކުރަން ފެށުމުން، ދަތިކުރުމުގެ ފިޔަވަޅުތަކުގައި އީރާން އިތުރަށް އެކަހެރިކޮށްލާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވެސް ވަނީ އިންޒާރު ދެއްވައިފަ އެވެ.
"ނިއުކްލިއާ ހަތިޔާރު މިހާރު ވެސް ގެންގުޅޭ އީރާނަކީ ދުނިޔެ އަށް އޮތް ބޮޑު ނުރައްކަލެއް،" ޕޮމްޕެއޯ ވިދާޅުވި އެވެ.
އެމެރިކާ އިން ވަނީ މެއި 8، 2018 ގައި ނިއުކްލިއާ އެއްބަސްވުމުން ވަކިވެފަ އެވެ. އޭގެ ފަހުން ވަނީ އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.
އެމެރިކާ އިން ނިއުކްލިއާ އެއްބަސްވުމުން ވަކިވިތާ އެއް އަހަރު ފުރުނު ދުވަހު އީރާނުން ވަނީ އެ އެއްބަސްވުމުގައި ދެން ބާކީ ތިބި ގައުމުތައް ކަމަށްވާ ޗައިނާ، ފްރާންސް، ޖަރުމަން، ރަޝިޔާ އަދި އިނގިރޭސި ވިލާތުން އެއްބަސްވުން ފުރިހަމަ ކުރުމަށް 60 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެ މުއްދަތު ހަމަވުމާ އެކު އީރާނުން ވަނީ ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައިވާ 3.67 ޕަސެންޓަށް ވުރެ އިތުރަށް އީރާނުން ޔުރޭނިއަމް ފައްކާކުރަން ފަށާނެ ކަމަށް ބުނެފަ އެވެ.
އީރާނުން މިހާރު ވެސް ވަނީ ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ޔުރޭނިއަމް ސްޓޮކްކޮށްފަ އެވެ. އެކަމަކު އީރާނުން ބުނެފައި ވަނީ ނިއުކްލިއާ އެއްވެސް ހަތިޔާރެއް އުފެއްދުމުގެ ނިޔަތެއް ނެތް ކަމަށެވެ. ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައި ވަނީ ލޯ-އެންރިޗްޑް ޔުރޭނިއަމް 300 ކިލޯ އަށް ވުރެ އިތުރަށް ސްޓޮކް ނުކުރުމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބް އައްބާސް އަރާގްޗީ ވިދާޅުވީ ނިއުކްލިއާ އެއްބަސްވުމުގައި އެއްބަސްވި ކަންކަން ކޮންމެ 60 ދުވަކުން ބަލާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.