10 ސެޕްޓެމްބަރ 2016 - 09:36

ރީތީގެ ރާނީ އަދި 1980ގެ އަހަރުތަކުގައި ބޮލީވުޑުގައި ބޮޑު މަޝްހޫރު ކަމެއް ހޯދި ބަތަލާ ޕޫނަމް ދިލަންގެ ކްލޯތިންލައިންގެ ބައެއް ހެދުންތަކުގެ ހާއްސަ ފެއާއެއް މާދަމާ ދަރުބާރުގޭގައި ބާއްވަން ހަމަޖައްސައިފި އެވެ.

މި ފެއާ ރާއްޖޭގައި އިންތިޒާމްކުރާ އައިމިނަތު އިބްރާހިމް ދީދީ (އައިމިނާދީ) ވިދާޅުވި ގޮތުގައި މި ފެއާގައި އިންޑިއާގައި ޕޫނަމް ވިއްކަމުން އަންނަ އިންޑިއަން ސްޓައިލްގެ ހެދުމާއި ކުރުތާގެ އިތުރުން ހުޅަނގުގެ ސިފަތައް ހުރި އިންޑިއާގެ އެންމެ ފަހުގެ ފެޝަންތަކުގެ ހެދުން ވެސް ލިބެން ހުންނާނެ އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 11 އިން ރޭގަނޑު 10 އަކަށް ބާއްވާ މިފެއާއަށް ޕޫނަމް ވެސް ރާއްޖެ އަންނާނެ އެވެ.
މުޅިން އަލަށް އޭނާ ފެށި މި ވިޔަފާރި ޕްރޮމޯޓްކުރަން ސްރީ ލަންކާގައި ރޭ ވަނީ ފެއާއެއް ބާއްވައިފަ އެވެ.
ޕޫނަމް އާއި ސަނީ ޑިއޯލްގެ "ސަމުންދަރް" ގެ މަންޒަރުތައް 1980ގެ އަހަރުތަކުގެ މެދުތެރޭގައި ނެގީ ރާއްޖޭގަ އެވެ. ޕޫނަމް އާއި އައިމިނާދީއާ ދެމެދު ރައްޓެހިކަން އުފެދުނީ އެ ފިލްމުގެ ޝޫޓިންގެ ތެރޭގަ އެވެ.
"އޭރުއްސުރެ އަޅުގަނޑުމެންނާ އޭނާ ވަރަށް ރައްޓެހިވާނެ. އެ ރައްޓެހިކަމުގެ ތެރޭން ބާއްވާ ފެއާއެއް މިއީ،" އައިމިނާދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިފެއާ ކުރިން ބާއްވަން ނިންމީ މިދިޔަ މަހުގަ އެވެ.
ޕޫނަމްގެ ހެދުންތައް ދިވެހިންނަށް ކަމުހިނގައްޖެ ނަމަ އޭގެ އެހެން ފެއާތަކެއް ވެސް ބާއްވާނެ ކަމަށް އައިމިނާދީ ވިދާޅުވި އެވެ.
"ކަރްމާ" އާއި "ނާމް" ފަދަ 80 އަށް ވުރެ ގިނަ ހިންދީ ފިލްމު ކުޅެފައިވާ ޕޫނަމް އެންމެ ފަހުން ކުޅުނު މަޝްހޫރު ފިލްމަކީ 2013 ގައި ނިކުތް "ރަމަޔާ ވަސްތަވައިޔާ" އެވެ.
ފިލްމު ޑައިރެކްޓަރުންގެ ލޮލުގައި އޭނާ އަޅައިގަތީ އުމުރުން 16 އަހަރުގައި "މިސް ޔަންގް އިންޑިއާ'"ގެ ރީތީގެ މުބާރާތް ކާމިޔާބުކުރުމުންނެވެ.