08 ޖުލައި 2019 - 11:09

އުރީދޫގެ ޗީފް ފައިނޭޝިއަލް އޮފިސަރު (ސީއެފްއޯ) އަކަށް ހުންނެވި ތަވަބާލަން ޕޫބަލަސިންގަމް އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ ވަނީ އުރީދޫ މޯލްޑިވްސް ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ. މި މަގާމަށް އޭނާ ނޮމިނޭޓްކޮށްފައި ވަނީ އުރީދޫގެ މައި ހިއްސާދާރު، ވަތަނިއްޔާ އިންޓަނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިންނެވެ.
އުރީދޫން ބުނީ ޕޫބަލަސިންގަމް، މިދިޔަ މަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވީ އުރީދޫ ގްރޫޕުގެ ފަރާތުން އިންޑޮސެޓް އުރީދޫގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ކަމަށެވެ. އިންޑޮސެޓް އުރީދޫއަކީ އިންޑޮނޭޝިއާގެ ޖަކާޓާގައި ހުންނަ އުރީދޫގެ ދަށުން ހިންގާ ކުންފުންޏެކެވެ.
އުރީދޫން ބުނާ ގޮތުގައި ސީއެފްއޯގެ މަގާމުގައި ޕޫބަލަސިންގަމް ހުންނެވި އިރު އޭނާ ވަނީ ރާއްޖެ އަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެނައުމަށް އެ ކުންފުނިން ކުރި މަސައްކަތުގައި އިސްރޯލެއް އަދާކުރައްވާފައި ކަމަށެވެ. އަދި ކުންފުނި ކުރިއެރުވުމަށް އެކި ގޮތްގޮތުން ޕޫބަލަސިންގަމް އެހީތެރިވެދެއްވި ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ވަނީ އެ ކުންފުނީގެ ސީއެފްއޯގެ މަގާމުގަ އާއި ބޯޑުގައި ހުންނަވައިގެން ޕޫބަލަސިންގަމް ހޯއްދަވައިދެއްވި ކުރިއެރުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އޭނާ އަށް ލިބުނު ކުރިއެރުމާ ގުޅިގެން އެ ކުންފުނިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.