08 ޖުލައި 2019 - 06:34

ލިޔޯން، ފްރާންސް (ޖުލައި 8) - ޔޫރަޕްގެ ގަދަބާރު ނެދަލެންޑްސް އަތުން 2-0 އިން ބަލިކޮށް އެމެރިކާ އިން ފީފާ ވިމެންސް ވޯލްޑް ކަޕް، ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އަދި ޖުމްލަ ހަތަރު ވަނަ ފަހަރަށް ރޭ ކާމިޔާބުކޮށްފި އެވެ.

މީގެ ހަތަރު އަހަރު ކުރިން ކުޅުނު ފައިނަލުގައި އެމެރިކާ އިން ތަށި އުފުލާލީ ފައިނަލުގައި ޖަޕާން ބަލިކުރުމަށް ފަހު އެވެ. މީގެ ކުރިން އެމެރިކާ އިން އަންހެން ވޯލްޑް ކަޕް ކާމިޔާބުކުރީ 1991 އާއި 1999 ވަނަ އަހަރު އެވެ.
ނެދަލެންޑްސްގެ ގޯލްކީޕަރު ސާރީ ވެން ވީނެންޑާލްގެ މޮޅު ކުޅުމާ އެކު، ފުރަތަމަ ހާފުގައި އެމެރިކާ އިން ލަނޑެއް ޖެހިޔަނުދީ ހިފެހެއްޓި ނަމަވެސް އެމެރިކާ އިން ދެ ވަނަ ހާފްގައި ވަނީ ލިބުނު ފުރުސަތުތަކުގައި ބޭނުންހިފައިފަ އެވެ. ލިބުނު ޕެނަލްޓީ އަކުން މެޗުގެ 61 ވަނަ މިނިޓްގައި އެމެރިކާ އަށް ލީޑުނަގައިދިނީ މޭގަން ރެޕީނޯ އެވެ. އޭގެ އަށް މިނިޓް ފަހުން އެމެރިކާގެ ދެ ވަނަ ގޯލު ޖެހީ ރޯސް ލެވިލް އެވެ.
މި ފަަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ހާސިލްކުރީ އުމުރުން 34 އަހަރުގެ ރެޕީނޯ ވަނީ މުބާރާތުގައި ހަ ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ރެޕީނޯއާ އެއްވަރަށް އެމެރިކާގެ އަލެކްސް މޯގަން އާއި އިންގްލެންޑްގެ އެލަން ވައިޓް ގޯލު ޖެހި ނަމަވެސް ރެޕީނޯ އަށް ރަން ބޫޓު ލިބުނީ މަދު ވަގުތު ކުޅެގެން ގިނަ ލަނޑު ޖަހާފައިވާތީ އެވެ.
"ގަބޫލުކުރަން ވެސް ދަތި. މިއީ އަހަރެން އުއްމީދުކުރި ކާމިޔާބީތަކެއް ނޫން. މީގެ ކްރެޑިޓް ދޭންވީ މި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް." ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ރެޕީނޯ ބުންޏެވެ.
އެމެރިކާ އަކީ ފީފާ ވޯލްޑް ކަޕެއްގައި ޖެހިޖެހިގެން ތިން ފަަހަރު ކުޅުނު ފުރަތަމަ ޓީމެވެ. އަދި އެމެރިކާގެ ކޯޗު ޖިލް އެލިސް އަކީ ފީފާއިން ފަހުގެ ފޯމެޓްތަކަށް މުބާރާތް ބާއްވަން ފެށި ފަހުން ވޯލްޑް ކަޕެއް ދިފާއުކުރި ފުރަތަމަ ކޯޗެވެ. މީގެ ކުރިން އެކަން ހާސިލްކުރީ 1930ގެ އަހަރުތަކުގެ ތެރޭގައި އިޓަލީގެ ވިޓޯރިއޯ ޕޯޒޯ އެވެ.
މި ފަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދީ އިންގްލެންޑްގެ މައްޗަށް 2-1 އިން ކުރިހޯދި ސްވިޑެން އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ އިންތިޒާމުތައް ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމަ އަށް ކަމަށް ބުނެފަ އެވެ. އެކަމަކު އަންހެނުންގެ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި ކޮޕަ އެމެރިކާ އާއި އެފްރިކަން ކަޕް އޮފް ނޭޝަންސް އޮންނަ ދުވަސްވަރެއްގައި އަންހެން ވޯލްޑް ކަޕް ކުރިއަށް ގެންދިއުމުން ދޭހަވަނީ ފީފާ އިން އަންހެން ވޯލްޑް ކަޕަށް ދޭ އަހައްމިއްޔަތު ކުޑަކަންކަމަށެވެ.