07 ޖުލައި 2019 - 22:35

ގދ. އަތޮޅުގެ ރަށެއްގައި އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރަން ފަށައިފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު އެތަނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. ފުލުހުން ވެސް ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރީ އެ ކުއްޖާގެ ތިމާގެ މީހެކެވެ. އެކަމަކު މައްސަލައިގެ ބާވަތުން އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ކުޑަކުއްޖާ އަށް ޖިންސީ ގޯނާ ލިބިފައިވާކަން، އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްގެން ވަނީ ޔަގީންކޮށްފަ އެވެ.
މިދިޔަ މަހުގެ ތެރޭގައި އއ. އަތޮޅުގައި ވެސް ވަނީ އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފަ އެވެ. އަދި ސްކޫލެއްގެ ދަރިވަރުންތަކަކާ ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ ތެރޭގައި ޓީޗަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.