ފުލުހުން އަނިޔާކުރި މައްސަލައިގެ މައުލޫމާތު ދޭން 48 ގަޑިއިރުގެ މުހުލަތެއް
ފުލުހުން އަނިޔާކުރި މައްސަލައިގެ މައުލޫމާތު ދޭން 48 ގަޑިއިރުގެ މުހުލަތެއް

މާފަންނު ގެއެއްގެ ތެރެއިން މީހަކު ހައްޔަރު ކުރުމަށް ފަހު، އެ މީހާ އަށް ފުލުހުން އަނިޔާކުރި މައްސަލައިގައި ކަމާ ބެހޭ އެންމެހާ ފަރާތްތައް ހާޒިރުކޮށްގެން ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ނިންމައިފި އެވެ.

ފުލުހުން އަނިޔާކުރި މައްސަލައިގެ މައުލޫމާތު ދޭން 48 ގަޑިއިރުގެ މުހުލަތެއް
ފުލުހުން އަނިޔާކުރި މައްސަލައިގެ މައުލޫމާތު ދޭން 48 ގަޑިއިރުގެ މުހުލަތެއް

ހިއުމަން ރައިޓްސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކުރީ ފުލުހުން އަނިޔާކުރި މައްސަލައިގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްސް އަދި ހިއުމަން ރައިޓްސް ކޮމިޝަނުން އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ދޭން އެ މުއައްސަސާތަކަށް 48 ގަޑިއިރު ދިނުމަށެވެ. އެގޮތުން ލިއުމުން މައުލޫމާތު ދިނުމަށް 48 ގަޑިއިރުގެ މުހުލަތެއް ދިނުމަށް ފަހު އެ މުއައްސަސާތަކާ ކޮމިޓީން ބައްދަލުކުރުމަށް ވެސް ފާސްކުރި އެވެ.

ފުލުހުން އަނިޔާކުރި މައްސަލައިގައި ކޮމިޓީ އަށް މިއަދު ދެ ހުށަހެޅުމެއް ހުށަހެޅި ނަމަވެސް ފަހުން ފާސްކުރީ އެއްް ހުށަހެޅުމެއްގެ ގޮތުގަ އެވެ. ފުރަތަމަ ހުށަހެޅުމަކީ އަނިޔާކުރި މައްސަލައާ ގުޅިގެން އަޅާ ފިޔަވަޅުތައް ގާތުން ބެލުމެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ތާއީދު ކުރެއްވި އެވެ.

ދެވަނަ ހުށަހެޅުމަކީ ފުލުހުން އަނިޔާކުރާ ސަބަބުތައް ދެނެގަނެ، އެކަން ހުއްޓުވުމަށް ކަމާ ބެހޭ މުއައްސަސާތަކާ އެކު ކޮމިޓީން މަސައްކަތް ކުރުމަށް ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ.

ދެ ހުށަހެޅުމަށް ވަކި ވަކިން ވޯޓަށް އައްސަވަން ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އުޅުއްވަނިކޮށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އެދިވަޑައިގެންނެވީ އެ ދެ ހުށަހެޅުމަކީ އެކައްޗެއްގެ ގޮތުގައި ފާސްކުރުމަށެވެ. އެހެންވެ ފާސްކުރީ އެގޮތަށެވެ.

ހައްޔަރު ކުރި މީހަކަށް ފުލުހުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ މެމްބަރުންނަށް ދެއްކުމަށް ފަހު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ވެސް އެ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން އެއީ އެއްވެސް ހާލެއްގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެންމެ މެމްބަރުން އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވި އެވެ.

މައްސަލައާ މެދު ވާހަކަ ދައްކަވަމުން ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންގެ ހިމާޔަތުގައި ތިބޭ ބަޔަކަށް ވާއިރު ފުލުހުންގެ ފަރާތުން އަނިޔާތަކެއް ލިބެމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރު ވެރިކަމަށް ގެނައީ ފުލުހުން ކުރިން ކޮށްފައި ހުރި ލާއިންސާނީ ކަންތައްތައް ބަލަން ކަމަށާއި އެހެން ނަމަވެސް މިކަންތައް ރަނގަޅަށް ބެލިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"ފުލުހުންގެ އަމަލުތައް ހުރި ގޮތުން، އެ ރޭ މިކަން ކުރިއިރު ވީޑިއޯ ކުރި މީހުން ހޯދަން ފުލުހުން ހިންގި އޮޕަރޭޝަނަކީ ވެސް ހަގީގަތުގައި އެކަން އެގޮތަށް ކުރެވިގެން ވާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތަށް ޓަކައި ތިބޭ ބަޔަކަށް ވާއިރު ގާނޫނުން ބޭރުން އަނިޔާ ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ.