އިންޑިއާގެ ބަޖެޓް: ފަސް އަހަރު ތެރޭ 5 ޓްރިލިއަން ޑޮލަރުގެ އިގްތިސާދަކަށް ހަދަނީ
އިންޑިއާގެ ބަޖެޓް: ފަސް އަހަރު ތެރޭ 5 ޓްރިލިއަން ޑޮލަރުގެ އިގްތިސާދަކަށް ހަދަނީ

ނިއު ދިއްލީ (ޖުލައި 7) - އިންޑިއާގެ އަހަރީ ބަޖެޓް މިދިޔަ ހުކުރު ދުވަހު ޕާލަމެންޓަށް ހުށަހެޅި އިރު ފުރަތަމަ ފުލް ޓައިމް މާލީ ވަޒީރު ނިރްމަލާ ސިތާރަމަން ދެއްވި އުއްމީދަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭ ގައުމުގެ އިގްތިސާދު ފަސް ޓްރިލިއަން ޑޮލަރަށް މައްޗަށް ޖެއްސުމެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ދެ ވަނަ ދައުރުގެ ފުރަތަމަ ބަޖެޓުގައި ނިރްމަލާ ވިދާޅުވީ އެންމެ މުހިންމުކަން ދޭ ކަންތައްތަކުގެ ތެރޭގައި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުން ކަމަށެވެ. މިއީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި މޯދީގެ ކެމްޕޭން ބޮޑު ވައުދެކެވެ. މޯދީގެ މެނިފެސްޓޯގައި ވަނީ އިންފްރާސްޓްރަކްޗާ އަށް 2024 އާ ހަމައަށް 1.44 ޓްރިލިއަން ޑޮލަރު ޚަރަދު ކުރުމަށް ވައުދުވެފަ އެވެ.

ސިތާރަމަން ވިދާޅުވީ ރޭލްވޭ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން 72 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދާނެ ކަމަށާއި 125،000 ކިލޯ މީޓަރު (77،671 މޭލު) ގެ މަގު ކުރިއަށް އޮތް ފަސް އަހަރު ތެރޭ ސަރުކާރުން ހަދާނެ ކަމަށެވެ. އަދި އެކަމަށް 11.6 ބިލިއަން ޑޮލަރު ޚަރަދު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ މިނިވަންކަމުގެ 75 އަހަރު 2022 ވަނަ އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އިންޑިއާގެ ހުރިހާ ގެއެއްގައި ކަރަންޓާއި ކައްކާ ގޭހުގެ ޚިދުމަތް ގާއިމްކޮށްދޭނެ ކަމަށް ސިތާރަމަން ވިދާޅުވި އެވެ. އަދި ތަރައްގީ ނުވާ ހިސާބުތަކުގެ ވެސް ހުރިހާ ގެއަކަށް 2024 ގައި ސާފު ބޯފެން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އަހަރީ ޓާންއޯވާ 58 މިލިއަން ޑޮލަރުގައި އުޅޭ ކުންފުނިތަކުގެ ކޯޕަރޭޓް ޓެކްސް 30 ޕަސެންޓުން 25 ޕަސެންޓަށް ކުޑަކޮށްދޭނެ ކަމަށް ވެސް ސިތާރަމަން ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އޭވިއޭޝަން، މީޑިއާ އަދި އެނިމޭޝަން އާއި އިންޝުއަރެންސް ސެކްޓާ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް ހުޅުވާލެވެން ހުރި ފުރުސަތުތައް ބައްލަވާނެ ކަމަށެވެ.