07 ޖުލައި 2019 - 15:00

ތެހެރާން (ޖުލައި 7) - ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ޔުރޭނިއަމް ފައްކާކުރަން މިއަދުގެ ވަގުތެއްގައި ފަށާނެކަން އީރާން ސަރުކާރުން އިއުލާންކޮށްފި އެވެ.
ޚާރިޖީ ވަޒީރުގެ ނައިބް އައްބާސް އަރާގީ ވިދާޅުވީ ނިއުކްލިއާ އެއްބަސްވުން ސަލާމަތް ކުރަން އީރާނުން އަދިވެސް ބޭނުންވާ ކަމަށެވެ. ނިއުކްލިއާ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާތީ ޔޫރަޕުގެ ގައުމުތަކަށް އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ.
އެމެރިކާ އިން ވަނީ މިދިޔަ އަހަރުގެ މެއި މަހު ނިއުކްލިއާ އެއްބަސްވުމުން ވަކިވެފަ އެވެ. އޭގެ ފަހުން ވަނީ އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.
ނިއުކްލިއާ ހަތިޔާރުގައި ބޭނުންކުރެވޭ ފެންވަރަށް ޔުރޭނިއަމް ފައްކާކުރަން ފަށާނެ ކަމަށް އީރާނުން އިންޒާރު ދީފައި ވަނީ މެއި މަހު އެވެ. އީރާނުން މިހާރު ވެސް ވަނީ ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ޔުރޭނިއަމް ސްޓޮކްކޮށްފަ އެވެ. އެކަމަކު އީރާނުން ބުނެފައި ވަނީ ނިއުކްލިއާ އެއްވެސް ހަތިޔާރެއް އުފެއްދުމުގެ ނިޔަތެއް ނެތް ކަމަށެވެ. ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައި ވަނީ ލޯ-އެންރިޗްޑް ޔުރޭނިއަމް 300 ކިލޯ އަށް ވުރެ އިތުރަށް ސްޓޮކް ނުކުރުމަށެވެ.
އެމެރިކާ އިން ނިއުކްލިއާ އެއްބަސްވުމުން ވަކިވިތާ އެއް އަހަރު ފުރުނު ދުވަހު އީރާނުން ވަނީ އެ އެއްބަސްވުމުގައި ދެން ބާކީ ތިބި ގައުމުތައް ކަމަށްވާ ޗައިނާ، ފްރާންސް، ޖަރުމަން، ރަޝިޔާ އަދި އިނގިރޭސި ވިލާތުން އެއްބަސްވުން ފުރިހަމަ ކުރުމަށް 60 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެ މުއްދަތު މިއަދު ހަމަވުމާ އެކު އީރާނުން ވަނީ ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައިވާ 3.67 ޕަސެންޓަށް ވުރެ އިތުރަށް އީރާނުން ޔުރޭނިއަމް ފައްކާކުރަން ފަށާނެ ކަމަށް ބުނެފަ އެވެ.
އަރާގީ ވިދާޅުވީ ނިއުކްލިއާ އެއްބަސްވުމުގައި އެއްބަސްވި ކަންކަން ކޮންމެ 60 ދުވަކުން ބަލާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
އީރާނުގެ ނިންމުމާ ގުޅިގެން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ އެއީ ވަރަށް ނުރައްކާ ފިޔަވަޅެއް ކަމަށެވެ. އަދި އޭނާ ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ފްރާންސް، ޖަރުމަން އަދި އިނގިރޭސި ވިލާތަށް ގޮވާލައްވައިފަ އެވެ.