ސްޕެއިނުގެ މިޑްފީލްޑަރު މުނޯޒް ޓީސީ އަށް
ސްޕެއިނުގެ މިޑްފީލްޑަރު މުނޯޒް ޓީސީ އަށް

ކުރިން ރާއްޖޭގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު އެންހެލް މުނޯޒް ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާ ގުޅިއްޖެ އެވެ.

މުނޯޒް ޓީސީ އަށް ސޮއިކޮށްފައިވާކަން އެ ކްލަބުން ވަނީ "މިހާރަ"ށް ޔަގީންކޮށްދީފަ އެވެ. މުނޯޒްގެ އިތުރުން ޓީސީގައި މި ވަގުތު ބިދޭސީ ތިން ކުޅުންތެރިން އެބަތިއްބެވެ. އެއީ މިސްރުގެ ޑިފެންޑަރު އަލާ ނާސިރާއި މިސްރުގެ ވިންގް މުސްތަފާ ކަހުރަބާ އަދި ނޭޕާލުގެ ތަރި ބިމަލް ގާތީ މަގަރް އެވެ.

ރާއްޖޭގެ އީގަލްސް އަށް އެންމެ ފުރަތަމަ 2014 ވަނަ އަހަރު ގެނައި މުނޯޒް ވަނީ އޭގެ ފަހުން ފުރަތަމަ ޑިވިޝަނުގައި ކްލަބް ވެލެންސިއާ އާއި އއ. މާޅޮހަށް ވެސް ކުޅެފަ އެވެ. އޭނާ އެންމެ ފަހުން ކުޅުނު ދިވެހި ކްލަބަކީ ވިކްޓްރީ އެވެ. މިދިޔަ ސީޒަނުގެ ކުރީކޮޅު ވިކްޓްރީ އަށް ކުޅުމަށް ފަހު ފަހުން އޭނާ ފެނުނީ ކެމްބޯޑިއާ ލީގުގެ ބެއޮން ކޮޓް އިންނެވެ.

ކުރިން އޮމާނުގެ ގަދަބާރު އޮރުއްބާ އެފްސީ އަށް ވެސް ކުޅެފައިވާ މުނޯޒަކީ އެޓޭކިން މިޑްފީލްޑަރެކެވެ. އޭނާ ރާއްޖޭގައި ކުޅުނު ކޮންމެ ޓީމެއްގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުނޯޒް ވަނީ އޭނާ އަށް މުސާރަ ނުދޭތީ ރާއްޖޭގެ ދެ ކްލަބެއް ގޮވައިގެން ފީފާ އަށް ގޮސްފަ އެވެ. އެއީ ވެލެންސިއާ އާއި ވިކްޓްރީ އެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި ފިރިހެން ފުޓްބޯޅަ ޓީމުގައި ވެސް މަސައްކަތްކޮށްފައިވާ ކޯޗު މުހައްމަދު އާތިފް (އާތީ)ގެ ބެލުމުގެ ދަށުން މި ފަހަރުގެ ސީޒަނުގައި ވާދަކުރާ ޓީސީން ވަނީ ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ. މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ޓީސީ އޮތީ ލީގުގެ ތިން ވަނައިގަ އެވެ.

ފުޓްބޯޅަ ސީޒަނުގައި މި ފަަހަރު އެންމެ ގިނައިން މެޗު ކުޅުނު ޓީމަކީ ޓީސީ އެވެ. ޗެރިޓީ ޝީލްޑް ދެ މެޗާ އެކު ޓީސީން ވަނީ 27 ދުވަހުގެ ތެރޭގައި ހަތް މެޗު ކުޅެފަ އެވެ. ޓީސީ ނޫން ހުރިހާ ޓީމަކަށް ލީގުގައި ބްރޭކްތަކެއް ލިބުނުއިރު، އެ ޓީމަށް އެއްވެސް ލުޔެއް ނެތި އެހާ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އަނިޔާގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. އަދި އެންމެ ފަހުން ޓީސީ ކުޅުނު މެޗުން މާޒިޔާ އަތުން ބަލިވިއިރު، އެ މެޗުގައި ޓީސީގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) އަށް ވަނީ އަނިޔާވެފަ އެވެ.

ލީގުގައި މިރޭ މާޒިޔާ އާއި އީގަލްސް ކުޅޭ މެޗަށް ފަހު މި މަހު 18-29 އަށް މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ލީގު މެދުކަނޑާލާނެ އެވެ. މި ބްރޭކުގައި އެފްއޭއެމުން ދޭ ފުރުސަތެއްގައި ރާއްޖޭން ބޭރަށް ޓީސީން ޓްރެއިނިން ކޭމްޕަކަށް ދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެފްއޭއެމުން ދިން ފުރުސަތެއްގައި މާޒިޔާ އިން ވަނީ ސީޒަން ފެށުމުގެ ކުރިން ސައުދީ އަރަބިޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.