08 ޖުލައި 2019 - 07:36

އަންނަ މަހު ރިލީޒްކުރާ ޖޯން އަބްރަހަމްގެ ފިލްމު "ބަތުލާ ހައުސް" ގެ ފަސްޓްލުކް ޓީޒާއެއް ދައްކާލައިފި އެވެ.
ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކާނީ މި މަހުގެ 10 ގަ އެވެ.
އިންޑިއާގެ ކޮންޓްރަވާޝަލް ފުލުހެއްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ ނިކިލް އަދުވާނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަދި މިއީ އޭނާ 2007 ގައި ގެނެސްދިން "ސަލާމޭ އިޝްގް" އަށް ފަހު، ނިކިލް ޑައިރެކްޓް ކުރި ފިލްމެއްގައި ޖޯން މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
އޭނާ ފުލުހެއްގެ ރޯލުން ފެނިގެންދާ ފިލްމުގެ ބަތަލާ އަކީ އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ ރިތިކް ރޯޝަންގެ "ސުޕަ 30" ގެ ބަތަލާ މުރްނާލް ތާކޫރެވެ. "ބަތުލާ ހައުސް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ރަވީ ކިޝަން، ޕްރަކާޝް ރާޖް އަދި އަލޯކް ޕާންޑޭ ހިމެނެ އެވެ.
މީގެ އިތުރުން މިދިޔަ އަހަރު ރިލީޒް ކުރި ޖޯންގެ "ސަތިޔަމޭވް ޖަޔަތޭ" ގެ އައިޓަމް ލަވަ "ދިލްބަރު" އިން ފެނިގެން ދިޔަ ނޯރާ ފަތެހީ މި ފަހަރު ވެސް އައިޓަމް ލަވައަކުން ފެނިގެން ދާނެ އެވެ.
ނިކިލްގެ ފިލްމު ކުންފުނި އެއްމޭ އެންޓަޓައިންމަންޓާއި ޖޯންގެ ފިލްމު ކުންފުނި ޖޭއޭ އެންޓަޓައިންމަންޓްގެ އިތުރުން ޓީ ސީރީޒް ގުޅިގެން ގެނެސްދޭ "ބަތުލާ ހައުސް" ރިލީޒްކުރާނީ އަންނަ މަހުގެ 15 ގަ އެވެ.
އެ ތާރީހުގައި އަކްޝޭ ކުމާރުގެ "މިޝަން މަންގަލް" އާއި ޕްރަބާސްގެ "ސާހޯ" ވެސް ރިލީޒްކުރާނެ އެވެ.
"ބަތުލާ ހައުސް" އަކީ މި އަހަރު ރިލީޒް ވާ ޖޯންގެ ދެވަނަ ފިލްމެވެ. މި އަހަރު ފެނުނު އޭނާގެ ފުރަތަމަ ފިލްމަކީ އެޕްރީލްގައި ރިލީޒް ކުރި ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) އެވެ.
ކުރިން އަންނަ ސެޕްޓެމްބަރު މަހުގެ 20 ގައި ރިލީޒް ކުރަން ނިންމާފައި އޮތް އަމީތާބް ބައްޗަންގެ "ޖުންދު" އަންނަ އޮކްޓޯބަރު މަހަށް ފަސްކޮށްފި އެވެ.
ނާގްރާޖް މަންޖޫލޭ ޑައިރެކްޓްކޮށްފައިވާ ފިލްމު އޮކްޓޯބަރަށް ފަސްކުރި ނަމަވެސް ސީދާ ތާރީހެއް އަދި ކަށަވަރެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ ފިލްމު ލަސްކުރި މައިގަނޑު ސަބަބަކީ އޭގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތް ސެޕްޓެމްބަރަށް ނުނިމެނޭތީ އެވެ.
އަނެއްކޮޅުން ސެޕްޓެމްބަރު 20 އަށް ބޮޑެތި އެހެން ފިލްމުތަކެއް ވެސް ތާވަލުކޮށްފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ޑިއޯލް ތައާރަފު ކުރާ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އާއި ސޯނަމް ކަޕޫރްގެ "ޒޯޔާ ފެކްޓާ" ގެ އިތުރުން ސަންޖޭ ދަތުގެ "ޕްރަސްތާނަމް" ހިމެނެ އެވެ.
"ޖުންދް" އަކީ އިންޑިއާގެ ސްލަމް ސޮކާސްގެ ބާނީގެ ގޮތުގައި މަޝްހޫރުވި ޕްރޮފެސަރު ވިޖޭ ބަރްސޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އޭނާއަކީ ނާގްޕޫރްގެ މަގުމަތީގައި ފުޓްބޯޅަ ކުޅެން އުޅުނު ކުދިންތަކެއް ނަގައިގެން ވަރުގަދަ ފުޓްބޯޅަ ޓީމެއް އެކުލަވައިލި މީހެކެވެ.
މީގެ ހަފުތާއެއް ކުރިން ވަނީ ފިލްމު "އަނގްރޭޒީ މީޑިއަމް" ގައި ބަތަލާ ކަރީނާ ކަޕޫރް ފެންނާނެ ގޮތް ދައްކާލައިފަ އެވެ.
އިނގިރޭސިވިލާތުގައި ޝޫޓް ކުރަމުން އަންނަ ފިލްމުގައި އޭނާ ފުލުހެއްގެ ރޯލުން ފެނިގެންދާ އިރު، ފިލްމުގެ ސެޓުން ނަގާފައިވާ ވީޑިއޯއެއް ވެސް މިހާރު އަންނަނީ އިންސްޓްގްރާމްގައި ދައުރުވަމުންނެވެ. އޭގައި ފެންނަނީ ޕޮލިސް ޖަހާފައި އިން ކޮސްޓިއުމެއްގައި ކަރީނާ ހިނގާފައި ތާނެވެ.
ހޯމީ އަދަޖާނިއާ ޑައިރެކްޓް ކުރާ "އަނގްރޭޒީ މީޑިއަމް" އަކީ 2017 ގައި ރިލީޒް ކުރި "ހިންދީ މީޑިއަމް" ގެ ދެވަނަ ބައެވެ. މި ފަހަރު ވެސް ފިލްމުގެ ބަތަލަކީ އިރްފާން ހާނެވެ. "އަނގްރޭޒީ މީޑިއަމް" ގެ ކާސްޓުންގެ ތެރޭގައި ރާދިކާ މަދަން، ދީކަޕް ދޮބްރިޔާލް، މަނޫ ރިޝީ، ޕަންކަޖް ތުރިޕަތީ އަދި ޕޫރްވީ ޖެއިން ހިމެނެ އެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނީ އެޕްރީލް 24، 2020 ގަ އެވެ.
ތަލަވަމުން މީހެއްގެ ވާހަކަ ތަފާތު ގޮތަކަށް ކިޔައި ދޭނެ ފިލްމު "ބާލާ" ޝޫޓިން ނިންމާލައިފި އެވެ.
ފިލްމުގެ ޝޫޓިން ނިންމައިލުމަށް ފަހު، އެކަން ފާހަގަ ކުރަން "ބާލާ" ގެ ޓީމުން ކޭކެއް ފަޅާލައި، ފޯރި ނެގި ވީޑިއޯއެއް ވެސް ފިލްމު ޕްރޮޑިއުސް ކުރާ މެޑޮކް ފިލްމްސް އިން ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
މިދިޔަ އަހަރު ހޮރޯ-ކޮމެޑީ "އިސްތިރީ" ގެނެސް ދިން އަމަރު ކޯޝިކް ޑައިރެކްޓް ކުރާ "ބާލާ" ގެ ލީޑް ރޯލުން ފެނިގެން ދާނީ އަޔޫޝްމަން ކުރާނާއި ބޫމީ ޕެޑްނޭކަރުގެ އިތުރުން ޔާމީ ގޯތަމް އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 22 ގަ އެވެ.