07 ޖުލައި 2019 - 07:34

އުމުރުން ގަރުނެއް ވެފައިވާ، އެމެރިކާ ދެ މީހަކު ކައިވެނިކޮށްފި އެވެ.
އުމުރުން 100 އަހަރުގެ ޖޯން އާއި 102 އަހަރުގެ ފިލީސް ކުކް ކައިވެނިކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މި ދެ މީހުން ބައްދަލުވީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަނަކުންނެވެ. މި ކައިވެނީގެ ކުރިން ދެ މީހުން ވެސް ވަނީ ކައިވެނިކޮށްފަ އެވެ. އެކަމަކު ދެ މީހުންގެ ވެސް ބައިވެރިން ވެސް މަރުވެ، ތިބީ އެކަނިވެރިވެފަ އެވެ.
ކައިވެންޏަށް ފަހު ބައެއް މީޑިއާތަކަށް އެ މީހުން ބުނީ އުމުރުން މިހާ މައްޗަށް ގޮސްފައި ވަނިކޮށް ލޯބިވެރިޔަކު ލިބި ކައިވެންޏަކާ ހިސާބަށް ދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށެވެ.
"އަހަންނަށް އެނގޭ މިއީ އަހަރެމެންގެ އުމުރުގެ މީހުން ކުރާ ވަރަށް ވުރެ އެހެން ކަހަލަ ކަމެއްކަން. އެކަމަކު އަހަރެމެންނަށް އެކަކު އަނެކަކު ދެކެ ލޯބި ވެވުނީ،" ފިލީސް ބުންޏެވެ.
ޖޯން ބުނީ އެ ދެ މީހުންނަކީ ވަރަށް ގިނަ ގޮތްގޮތުން އެކަކު އަނެކަކާ ގުޅޭ ދެ މީހުން ކަމަށެވެ.