ދުންފަތުގެ ދުމުން ލޯ ވެސް ހަލާކުވޭ
ދުންފަތުގެ ދުމުން ލޯ ވެސް ހަލާކުވޭ

ދުންފަތުގެ ދުމުން ފުއްޕާމޭ ހަލާކުވެ ކެންސަރާއި އެހެން ބަލިތަކަށް ހުށަހެޅޭކަން އެއީ އާ ވާހަކައެއް ނޫނެވެ. އިނގިރޭސި ވިލާތުގެ ސިއްހީ ތަޖުރިބާކާރުން މިހާރު އަންނަނީ ދުންފަތުގެ ދުމުގެ ސަބަބުން ލޯ ހަލާކުވެ، ފެނުމަށް ނޭދެވޭ އަސަރުކުރާ ކަމުގެ އިންޒާރު ދެމުންނެވެ.

އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް އޮޕްޓޮމެޓްރިސްޓްސް އިން ނެގި ވޯޓަކުން ދެއްކި ގޮތުގައި ދުންފަތުގެ ދުމުގެ ސަބަބުން ލޯ އަނދިރި ވެދާނެކަން އެނގެނީ ކޮންމެ ފަސް މީހަކުން އެކަކަށެވެ. އެކަމަކު އެ ޖަމިއްޔާ އިން ބުނީ ދުންފަތުގެ ދުމުން ލޮލަށް ގެއްލުންވެ ލޮލުގެ ފެނުން ގެއްލުމާ ސީދާ ގުޅުން އެބަހުރި ކަމަށެވެ.

ރޮޔަލް ނެޝަނަލް އިންސްޓްޓިއުޓް އޮފް ބްލައިންޑް ޕީޕަލް (އާރްއެންއައިބީ) އިން ބުނީ ދުންފަތުގެ އިސްއުމާލުކުރާ މީހަކާއި ނުކުރާ މީހަކާ އަޅާބަލާއިރު، ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ ލޯ އަނދިރިވުމުގެ ނުރައްކާ ދެ ގުނަ ބޮޑު ކަމަށެވެ.

މިހެން ދިމާވަނީ ލޮލުގެ އެކި މައްސަލަތައް ދުންފަތުގެ ދުމުގެ ސަބަބުން މާބޮޑަށް ގޯސްވާތީ އެވެ.

ދުންފަތުގެ ދުމުގައި، ލޮލުން ދިލަ ނަގައި ލޮލަށް ގެއްލުން ދޭ ވިހަ ކެމިކަލް ހުރެ އެވެ. އޭގެ ތެރޭގައި ލެޑާއި ކޮޕަ ފަދަ މާއްދާތައް ހިމެނެ އެވެ. މި މާއްދާތައް ލޮލަށް ވަނުމުން، ކަޅީގެ ފަހަތުގައިވާ ޓްރާންސްޕޭރަންޓް ފަށަލަ ކަމަށްވާ ލެންސަށް އެ އެއްޗެހި ޖަމާވެ އެވެ. ލެންސަކީ ލޮލަށް ވަންނަ އަލި ފޯކަސް ކުރުވައި ލޮލުގެ ފެނުން ބެލެންސްކޮށް ދަމަހައްޓައިދޭ ވަސީލަތެވެ. މި ބުނި މާއްދާތައް ލެންސަށް ޖަމާވުމުން ލެންސް ފުސްވެ އެވެ. ނަތީޖާ އަކީ ލޮލުގެ ފެނުން ނިކަމެތިވުމެވެ.

މީގެ އިތުރުން، ހަކުރު ބަލި ހުންނަ މީހުންގެ ލޮލަށް ދިމާވާ މައްސަލަތައް ވެސް ދުންފަތުގެ ދުމުގެ ސަބަބުން އިތުރަށް ގޯސްވެ އެވެ. އެއީ ލޮލުގެ ފަހަތް (ރެޓިނާ) ގައި ހުންނަ ލޭ ނާރުތަކަށް އެ ދުމުން ގެއްލުންވާތީ އެވެ.

އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލަށް ދިމާވާ މައްސަލަތައް އިތުރަށް ގޯސްވުމުގެ ފުރުސަތު ވެސް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ތިން ގުނަ ބޮޑު ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ލޮލަށް ލޭ ސަޕްލައިކުރުން ހުއްޓި ކުއްލިއަކަށް ލޯ އަނދިރި ވުމުގެ ނުރައްކާ، ދުންފަތުގެ އިސްތިއުމާލުކުރާ މީހަކަށް، އެ އަމަލު ނުކުރާ މީހަކާ އަޅާބަލާއިރު 16 ގުނަ އިތުރެވެ.