09 ސެޕްޓެމްބަރ 2016 - 16:41

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ރޭ މާލޭގައި ބޭއްވި އެއްވުމުގައި ހައްޔަރު ކުރި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ތިން މެމްބަރުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 13 ދުވަސް ޖަހައިދީފި އެވެ.

ފުލުހުން ހައްޔަރު ކުރީ ފުޓުބޯޅަ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) އާއި މުހައްމަދު ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ އެވެ. އެ އެންމެން ވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހަން ގެންދިޔަ އިރު އެމްޑީޕީގެ ގިނަ ބަޔަކު ކްރިމިނަލް ކޯޓު ކައިރީގައި އެއްވެ ތިއްބެވެ.
އަހުމަދު އީސަ އާއި އައްސަދު އަދި ވަހީދާއެކު އިތުރު ހަ މީހަކު ރޭ ހައްޔަރު ކުރި އެވެ. އަދި މުޒާހަރާ ކަވަރު ކުރަން އުޅުނު ރާއްޖެ ޓީވީ އާއި ސަންގު ޓީވީގެ ހަތަރު ކެމެރާމަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ރޭ ދަންވަރު އެ މީހުން ވަނީ ދޫކޮށްލާފަ އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި ކެމެރާމަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވާޖިބަށް ހުރަސް އަޅައިގެންނެވެ.
އަލް ޖަޒީރާ އިން މިދިޔަ ބުދަ ދުވަހު ނެރުނު ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް"ގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންާ ދެކޮޅަށް ޗާންދަނީމަގާއި ސީގަލް ކެފޭއާ ގުޅުނު ކަންމަތީގައި ބޭއްވި އެއްވުން ފުލުހުން ވަނީ ވަކި ހިސާބަކުން ހުއްޓުވައިފަ އެވެ.
ހޯމް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ ގޮތުން ފުލުހުންގެ ހުއްދައެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ.