ރޭލު ތީމަކަށް އަޖޭ ދޭވްގަންގެ އަމިއްލަ މަލްޓިޕްލެކްސްއެއް ހުޅުވައިފި
ރޭލު ތީމަކަށް އަޖޭ ދޭވްގަންގެ އަމިއްލަ މަލްޓިޕްލެކްސްއެއް ހުޅުވައިފި

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ރޭލު ތީމަކަށް އޭނާގެ އަމިއްލަ މަލްޓިޕްލެކްސްއެއް އިންޑިއާގެ ސިޓީއެއް ކަމަށްވާ ރަތުލަމްގައި ހުޅުވައިފި އެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން ކާމިޔާބު އެކްޓަރު/ޕްރޮޑިއުސަރު ބުނީ އޭނާގެ "އެންވައި ސިނެމާސް" އިން ރޭލު ތީމަކަށް ސިނަމާތަކެއް ހުޅުވަން ނިންމީ ހިންދީ ސިނަމާ އާއި ރޭލުގެ ހިދުމަތާ އޮތް ގުޅުން ދައްކުވައި ދިނުމުގެ ގޮތުން ކަމަށެވެ.

މިއީ އިންޑިއާގައި ވަރަށް ފުޅާކޮށް ޒަމާނުއްސުރެ ދެވެމުން އަންނަ ރޭލުގެ ހިދުމަތުގައި މިހާތަނަށް މަސައްކަތް ކުރި މީހުންނާއި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ މީހުންގެ ހިދުމަތުގެ އަގު ވަޒަން ކުރާކަން ހާމަކޮށް ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބުންޏެވެ.

ރަތުލަމްގެ އާނަންދު ބިގް މޯލް އިމާރާތުގައި ހުޅުވި މަލްޓިޕްލެސް ތަރައްގީކޮށްފައި ވަނީ ދެ ސިނަމާ ހޯލް ހިމެނޭ ގޮތަށެވެ. އަދި ދެ ތަނުގެ އިންޓީރިއާ ހަދާފައި ވަނީ ފިލްމެއް ބަލަން ތިބޭ އިރު، ރޭލެއްގެ ތެރޭގައި ތިބެވޭ ކަހަލަ އިހުސާސެއް ކުރެވޭ ގޮތަށެވެ. ކޮންމެ ސިނަމާ ހޯލެއްގައި 460 މީހުންގެ ޖާގަ ހިމެނޭ މި މަލްޓިޕްލެކްސްގައި 3ޑީކޮށް ފިލްމެއް ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ އިރު 7.1 ގެ ސަރައުންޑް ސައުންޑް ސިސްޓަމް ހުންނާނެ އެވެ.

އަޖޭ ބުނި ގޮތުގައި މި ސިނަމާތަކުގައި ވަރަށް އަރާމުކޮށް ތިބެގެން ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފިލްމުތައް ބަލައިލެވޭނެ އެވެ.

މަޝްހޫރު ބަތަލާ ކާޖޮލްގެ ފިރިމީހާ އަޖޭ، 50، އަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އެކްޓަރެވެ. އަދި އޭނާއަކީ އެންމެ ބިޒީ އެއް އެކްޓަރެވެ.

އަޖޭ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މެއި މަހު ރިލީޒް ކުރި "ދޭ ދޭ ޕިޔާރު ދޭ" އިންނެވެ.