08 ޖުލައި 2019 - 07:35

ބަތަލާ ކަންގަނާ ރަނާވަތު ކޮންމެ ކަހަލަ ރޯލެއް ކުޅުނަސް، އެ ރޯލަކަށް އޭނާ ވަރަށް މޮޅަށް އިންސާފުކޮށްދޭނެކަމާ މެދު ބެލުންތެރިން ޝައްކެއް ނުކުރާނެ އެވެ. މި އަހަރު ކުރީކޮޅު ރިލީޒް ކުރި ތާރީހީ ހަނގުރާމަ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގައި ވެސް ވަރުގަދަ ކެރެކްޓާއެއް ކުޅުނު ބަތަލާ މިހާރު ވަނީ ވަރަށް ވެސް ވަރުގަދަ އެކްޝަން ރޯލެއް ކުޅޭ ފިލްމަކަށް ތައްޔާރު ވާން ފަށައިފަ އެވެ.
"ދާކަޅް" ގެ ނަން ދީފައިވާ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލާފައިވާ އިރު، އޭގައި ފެންނަނީ ކަންގަނާ ހަތިޔާރުތަކެއް ހިފަހައްޓައިގެން ހުއްޓަ އެވެ. އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ މި ފިލްމުގެ ޑައިރެކްޓަރަކީ ރަޒްނީޝް (ރާޒީ) ގާއީ އެވެ.
"ދާކަޅް" އާ ބެހޭ ބައެއް މައުލޫމާތުތައް ހިއްސާ ކުރަމުން ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ފިލްމުގެ އެކްޝަންތައް ޑިޒައިން ކުރާނީ ހޮލީވުޑްގެ އެކްޝަން ޑައިރެކްޓަރެކެވެ.
ސޮހެލް މަކްލާއީ ޕްރޮޑިއުސް ކުރާ ފިލްމުގެ މަންޒަރުތައް ނަގާނީ އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ ލޮކޭޝަންތަކުގަ އެވެ. "ދާކަޅް" ރިލީޒް ކުރާނީ އަންނަ އަހަރުގެ ދިވާލީގަ އެވެ.
ކަންގަނާގެ އެންމެ ފަހުގެ ފިލްމު "ޖަޖްމެންޓަލް ހޭ ކިޔާ" މި މަހުގެ 26 ގައި ސިނަމާތަކަށް އަންނަ އިރު، އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރުގެ ޖެނުއަރީ 24 ގައި ރިލީޒް ކުރާ "ޕަންގާ" އާއި އަދި ޝޫޓިން ނުފަށާ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ބައޮގްރަފިކަލް ޑްރާމާ "ތަލައިވީ" ހިމެނެ އެވެ.
ވަރުގަދަ އެކްޝަން ރޯލަކުން ފެންނަ "ދާކަޅް" އަށް ކަންގަނާ ސޮއި ކުރި އިރު، އޭނާ ވަނީ 2014 ގައި "ރިވޯލްވާ ރާނީ" ގައި ވެސް އެކްޝަން ރޯލެއް ކުޅެފަ އެވެ.