14 ސެޕްޓެމްބަރ 2016 - 10:28

މަނީޝާ ކޮއިރާލާ އަކީ 1990 ގެ އަހަރުތަކުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ ވިދާލި އެއް ބަތަލާ އެވެ. ނޭޕާލަށް އުފަން މަނީޝާ ވަނީ ބޮލީވުޑްގައި މިހާރު ވެސް އެންމެ ނަންހިނގާ ތިން ޚާނުންނާއެކު އެ ދުވަސްވަރު ވެސް މަސައްކަތް ކޮށްފަ އެވެ.

ޝާހްރުކް ޚާނާ އެކު ދިލް ސޭ، ސަލްމާން ޚާނާއެކު ޚާމޯޝީ އަދި އާމިރު ޚާނާ އެކު "މަން" ފަދަ ރީތި ފިލްމުތައް މަނީޝާ ކުޅެފައިވެ އެވެ. އަދި މި ނޫނަސް މަޝްހޫރު އެކްޓަރުންނާ އެކު ރީތި މޮޅު ފިލްމުތަކެއް މަނީޝާ ވަނީ ކުޅެފަ އެވެ.
މަނީޝާ، 46، ފުރަތަމަ ކުޅުނީ "ފޭރީ ބެޓައުލާ" ކިޔާ ނޭޕާލް ފިލްމެކެވެ. މިފިލްމު ރިލީޒްކުރީ 1989 ގައެވެ. އޭނާ ހިންދީ ފިލްމީ ދުނިޔެއަށް ނެރުނީ 1991 ވަނަ އަހަރު "ސައުދާގަރް" އިން ސުބާޝް ގާއީ އެވެ.
އޭގެ ފަހުން ހިންދީ ތަމަޅަ އަދި ބެންގާލީ ފިލްމުތައް ވެސް އޭނާ ކުޅުނެވެ.
ޖޫން 19، 2010 ގައި މަނީޝާ ފުރަތަމަ ފަހަރަށް ކައިވެންޏެއް ކުރި އެވެ. އަމިއްލަ ގައުމު ނޭޕާލްގެ ވިޔަފާޜިވެރިއެއް ކަމަށްވާ ސަމްރަތު ދަހާލް އާ އެވެ. ނަމަވެސް މި ކައިވެނި ދެމިއޮތީ އެންމެ ދެ އަހަރު އެވެ. ބޮލީވުޑް ރިޕޯޓުތައް ބުނާ ގޮތުން 2012 ފެށުނުތަނާ ދެ މީހުން ވަނީ ވަރިވެފަ އެވެ.
ނޮވެމްބަރު 29، 2012 ގައި މަނީޝާ އަށް އޯވޭރިއަން ކެންސަރު ޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ. އެމެރިކާގައި ވަރަށް ބޮޑު އޮޕަރޭޝަނެއް ކޮށް ކެންސަރުގެ ފަރުވާ ހޯދުމުގައި މަނީޝާ އަހަރެއްހާ ދުވަސް ހޭދަ ކުރި އެވެ. އަދި މިހާރު އޭނާ ހުރީ އެ ބަލިން މުޅީން ސަލާމަތްވެފައި ކަމަށް ތަންކޮޅެއް ކުރިން މަނީޝާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
މަނީޝާ މިހާރު ދަނި ހިންދީ ފިލްމީ ކެރިއަރުގެ ދެ ވަނަ ބުރު، ޕްރޮމިތާ ސެންގުޕްތާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު "މައުލާލީ" އިން ފަށަން ތައްޔާރުވަމުންނެވެ.
މިއަހަރު ފަހުކޮޅު ފަށަން ހަމަޖެހިފައިވާ މިފިލްމު ކުޅެން އެއްބަސްވި ސަބަބާ ބެހޭ ގޮތުން މަނީޝާ ބުނީ ފިލްމުގެ ސްކްރިޕްޓް ވަރަށް ރަނގަޅު ކަމަށެވެ. އޭގައި ޑްރާމާ އާއި ކޮމެޑީ އަދި ބަދަލުހިފުން ހިމެނޭ ކަމަށް އޭނާ ބުނެ އެވެ. މިއީ ޑައިރެކްޓަރުގެ ފުރަތަމަ ފިލްމަށް ވާތީ ބައެއް ގޮންޖެހުންތަކާ އޭނާއަށް ކުރިމަތިވިޔަސް ރަނގަޅު ފިލްމެއް އުފެއްދިދާނެކަމުގެ އުންމީދު އޮތުމުން ފިލްމުކުޅެން އެއްބަސްވީކަމަށް މަނީޝާ ބުނެފައި ވެ އެވެ.
"މި އުމުރުގައި ކަމުނުދާ ޒާތުގެ ފިލްމެއް ކުޅެގެން އަމިއްލަ ނަން ޚަރާބުކޮށްލާކަށް ބޭނުމެއް ނޫން،" މަނީޝާ ބުންޏެވެ.
ފުރަތަމަ ކައިވެނި ރޫޅުނަސް ދެން އިތުރު ކައިވެންޏެއް ނުކުރާކަށް މަނީޝާ ގަސްދެއް ނުކުރެ އެވެ. ހިތްހަމަޖެހޭ ކަހަލަ ރަނގަޅު މީހަކު ލިބިއްޖެނަމަ ކައިވެންޏަކަށް ވެސް އޭނާ ވިސްނާނެ އެވެ. އަދި ކުއްޖަކު އެޑޮޕްޓްކުރުމަކީ މަނީޝާ ވަރަށް ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނަކަށް ވާތީ އެކަން ކޮންމެހެން ވެސް ކުރަން އޭނާ ބޭނުމެވެ.
މަނީޝާ ބުނި ގޮތުގައި އޭނާގެ އާއިލާގައި ވަރަށް ގިނަ މެމްބަރުން ތިއްބަސް އެންމެން ދިރިއުޅެނީ ނޭޕާލްގަ އެވެ. އެހެންވެ މުމްބައިގައި އޭނާ އުޅެން ޖެހިފައިވަނީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. އެހެންކަމުން ގެއަށް އަންނައިރު އޭނާއަށް މަރުހަބާ ކިޔާނެ ކޮންމެވެސް މީހަކު ގޭގައި ހުރުމަކީ އޭނާ ވަރަށް އެދޭ ކަމެކެވެ. މީހަކާ އިނދެގެން ކުއްޖަކު އެޑޮޕްޓްކުރުމަށް އޭނާ ވިސްނަނީ އެ ސަބަބާ ހެދި އެވެ.
މީހަކާ ނީނަސް ހަމަ ޔަގީނުން ވެސް ކުއްޖަކު އެޑޮޕްޓްކުރުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް މަނީޝާ ބުންޏެވެ.