05 ޖުލައި 2019 - 14:37

ޖާސޫސްކުރަން ޓިއުނީޝިއާ އަށް ގޮސް އުޅުނު ކަމަށް ތުހުމަތުކުރެވޭ ބެލަރޫސް ބައެއްގެ އަތުން ދިވެހި ވަގު ޕާސްޕޯޓް ފެނުނު ކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ޖާސޫސްކުރާ ކަމުގެ ތުހުމަތުގައި ޓިއުނީޝިއާ އިން ހައްޔަރު ކުރި ބައެއްގެ އަތުން ރާއްޖޭގެ ވަގު ޕާސްޕޯޓްގެ އިތުރުން ޔޫކްރެއިން އާއި ޕޮލެންޑްގެ ޕާސްޕޯޓްވެސް ފެނިފައިވާ ކަމަށް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އެކަމާ ގުޅޭގޮތުން ރާއްޖޭގެ އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓްތަކެއްގައި ބުނީ ރާއްޖޭގެ ސައްހަ ނޫން ޕާސްޕޯޓާއެކު ބެލަރޫސް ބަޔަކު ހައްޔަރު ކުރި ކަމަށް ބުނާ މައްސަލައެއް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ޕާސްޕޯޓަކީ ސަލާމަތީ ފީޗާތައް ވަރަށް ވަރުގަދަ ޒަމާނީ އެއްޗަކަށް ވާތީ އޭގެ ޕާސްޕޯޓް ސައްހަަ ނޫން ގޮތަކަށް ހަދައިގެން ގެންގުޅެވިދާނެ ކަމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ދިވެހި ވަގު ޕާސްޕޯޓް ގެންގުޅުުނު ކަމަށް ބުނާ ޚަބަރުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށާއި އެކަމަކު އެކަން ބަލަމުން އަންނަ ކަމަށެވެ.