"ޑަންގަލް" އަށް ފަހު އާމިރު "ސީކްރެޓް ސުޕަސްޓާ" ފަށައިފި
"ޑަންގަލް" އަށް ފަހު އާމިރު "ސީކްރެޓް ސުޕަސްޓާ" ފަށައިފި

އާމިރު ޚާން މިހާރު ވަނީ "ޑަންގަލް"ގެ ޝޫޓިން ފުރިހަމަކުރުމަށްފަހު އާ ފިލްމު "ސީކްރެޓް ސުޕަސްޓާ"ގެ މަސައްކަތް މިމަހު ފަށައިފަ އެވެ. މި ފިލްމުގައި އޭނާ ކުޅެނީ މިއުޒިކް ކޮމްޕޯޒާއެއްގެ ރޯލުކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. ފިލްމުގައި އޭނާ ހުންނަ ސިފަ ކަމަށް ބުނާ ފޮޓޯތަކެއް ވެސް މިހާރު އާމިރުގެ ފޭން ކްލަބަކުން ވަނީ އާއްމުކޮށްފަ އެވެ.

"ޑަންގަލް" އަށް ފަހު އާމިރު "ސީކްރެޓް ސުޕަސްޓާ" ފަށައިފި
"ޑަންގަލް" އަށް ފަހު އާމިރު "ސީކްރެޓް ސުޕަސްޓާ" ފަށައިފި

މި ފިލްމަކީ އާމިރުގެ ކުރީގެ މެނޭޖަރު އަދްވައިތު ޗަންދަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.

އެންމެ ޝައުގުވެރިވާ ކަމަކީ މި ފިލްމުގައި ލީޑް ރޯލު ކުޅެނީ އާމިރު ނޫންކަމެވެ. އަދި ފިލްމުގައި އޭނާ ކުޅެނީ މެހެމާނެއްގެ ރޯލެއް ވެސް ނޫނެވެ. މެހެމާނެއްގެ ރޯލަށް ވުރެ ފިލްމުގައި އޭނާގެ ރޯލު ތަންކޮޅެއް ދިގުކަމަށް ވެ އެވެ.

މި ފިލްމުގައި ނެޝަނަލް އެވޯޑު ލިބިފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ މޮނާލީ ޓާކޫރް މުހިންމު ރޯލެއް އަދާކުރާނެ އެވެ. މޮނާލީ ކުޅެނީ ޚުދް އޭނާގެ ރޯލުކަމަށްވެ އެވެ. ނަމަވެސް މޮނާލީ އަކީ ފިލްމުގެ ބަތަލާ އެއް ނޫނެވެ. ބަތަލާއަކީ އާމިރުގެ "ޑަންގަލް"ގައި އޭނާގެ ހަގު އަންހެނުން ދަރިފުޅުގެ ރޯލު އަދާކުރި 15 އަހަރުގެ އަންހެންކުއްޖާ އެވެ.

ސަބަބަކީ މި ފިލްމަކީ ލަވަކިޔުންތެރިޔަކަށް ވާހިތުން 15 އަހަރުގެ އަންހެންކުއްޖަކު ކުރި މަސައްކަތް ދައްކުވައިދޭ ފިލްމަކަށް ވާތީ އެވެ. އާމިރު މި ފިލްމުގައި ކުޅެނީ މިއުޒިކް ޑައިރެކްޓަރެއް އަދި މިއަންހެންކުއްޖާގެ މެންޓާއެއްގެ ރޯލެވެ.

މިދިޔަ ބުދަ ދުވަހު އާމިރު ވަނީ އަމީތާބު ބައްޗަން އާ އެކު "ތަގްސް އޮފް ހިންދޮސްތާން" ކިޔާ ފިލްމެއް ކުޅެން ފަށާކަން ވެސް ޔަގީންކޮށްދީފަ އެވެ. އާމިރު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އަމީތާބާ އެކު މަސައްކަތްކުރުމުގެ ފުރުސަތެއް ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.

"އެންމެ ފަހުން އަހަރެންގެ އައިކޮންއާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެ. މިއީ އަހަރެން ވަރަށް ގިނަ ދުވަހުއްސުރެ އިންތިޒާރުކުރަމުން އައި ފުރުސަތެއް...،" އާމިރުގެ ޓުވީޓުގައި ބުނެފައިވެ އެވެ.