05 ޖުލައި 2019 - 09:40

ތެހެރާން (ޖުލައި 5) - އީރާނުގެ ތެޔޮ ހިފައިގެން ސީރިއާ އަށް ދަތުރުކުރި ސުޕަ ޓޭންކަރެއް އިނގިރޭސި ސިފައިންގެ އެހީއާ އެކު ޖިބްރޯލްޓާގެ ކަސްޓަމްސް އެޖެންޓުން އިއްޔެ ހިފަހައްޓައިފި އެވެ.

ގްރޭސް 1 ނަމަކަށް ކިޔާ ޓޭންކަރު ސްޕޭނުގެ ދެކުނުން ހިފަހައްޓާފައި ވަނީ އީރާނުގެ ތެޔޮ އުފުލަނީ ޔޫރަޕިއަން ޔޫނިއަން އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ކަމަށް ބުނެ އެވެ. ސީރިއާ އަށް ތެޔޮ އެތެރެ ކުރުން ޔޫރަޕުން ވަނީ 2011 ވަނަ އަހަރުން ފެށިގެން މަނާކޮށްފަ އެވެ. އެކަމަކު ސީރިއާ އަށް ތެޔޮ ގެންދިޔަ އެއްވެސް އުޅަނދެއް މީގެ ކުރިން ކަނޑުމަތިން ހިފަހައްޓައިފައެއް ނުވެ އެވެ.
ސްޕޭނުގެ ފޮރިން މިނިސްޓަރު ޖޯސެޕް ބޮރެލް ވިދާޅުވީ ޖިބްރޯލްޓާ އިން ޓޭންކަރު ހިފެހެއްޓީ އެމެރިކާ އިން އެދިގެން ކަމަށެވެ.
އިނގިރޭސި ޓެރިޓަރީއެއް ކަމަށްވާ ޖިބްރޯލްޓާ ސަރުކާރުން ބުނެފައި ވަނީ ޓޭންކަރު ހިފެހެއްޓީ އެއީ ސީރިއާގެ ބަންޔަސް ރިފައިނަރީ އަށް ގެންދާ ސާފު ނުކުރާ ތެޔޮކަން ޔަގީންވުމުން ކަމަށެވެ. ޖިބްރޯލްޓާ ސަރުކާރުގެ އެދުމަކަށް އިނގިރޭސި ވިލާތުގެ 42 ކޮމާންޑޯ އިން ވަނީ ހެލިކޮޕްޓަރުން ވަލުގެ އެހީގައި ޓޭންކަރަށް ފައިބައިފަ އެވެ.
ޝިޕިން ޑޭޓާ ދައްކާ ގޮތުން ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 300،000 ޓަނުގެ ގްރޭސް 1 އަކީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައި-ޝިޕިން މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓް ކުރާ ޓޭންކަރެކެވެ.
އީރާނުން ބުނެފައި ވަނީ އެ ގައުމުގެ ޓޭންކަރު ޖިބްރޯލްޓާ އިން ހިފަހައްޓާފައި ވަނީ ގަވާއިދާޚިލާފަށް ކަމަށެވެ. އަދި އެ މައްސަލާގައި ނުރުހުން ފާޅުކުރުމުގެ ގޮތުން އިނގިރޭސި ސަފީރު ވަނީ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފަ އެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ ޓޭންކަރު ހިފެހެއްޓުމަކީ ކަނޑުފޭރުމުގެ އަމަލެއް ކަމަށެވެ.