ޗެލްސީގެ ކޯޗުކަމާ ލަމްޕާޑް ހަވާލުވެއްޖެ
ޗެލްސީގެ ކޯޗުކަމާ ލަމްޕާޑް ހަވާލުވެއްޖެ

ލަންޑަން (ޖުލައި 4) - ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމާ އެ ޓީމުގެ ކުރީގެ ތަރި އަދި ޑާބީ ކައުންޓީގެ ކޯޗު ފްރާންކް ލަމްޕާޑް ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަވާލުވެއްޖެ އެވެ.

ޗެލްސީގެ ކޯޗުކަމާ ލަމްޕާޑް ހަވާލުވެއްޖެ
ޗެލްސީގެ ކޯޗުކަމާ ލަމްޕާޑް ހަވާލުވެއްޖެ

ޗެލްސީގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ އަހަރު އެ ޓީމަށް ގެނައި ކޯޗު މައުރީޒިއޯ ސާރީ އެ ޓީމު ދޫކޮށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވުމުންނެވެ. މީގެ ކުރިން ލަމްޕާޑް ވަނީ ޗެލްސީގެ ކޯޗުކަމަށް އަންނަން އަދި އަވަސް ކަމަށް ބުނެފަ އެވެ. އެކަމަކު ލަމްޕާޑްގެ ނިންމުން ބަދަލުކޮށް ޗެލްސީ އަށް އަންނަން ނިންމީ އޭނާ ހުށަހެޅި ޝަރުތުތަކަށް ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ރުހުންދިނުމުންނެވެ.

ޑާބީން ލަމްޕާޑް ދޫކޮށްލަން ނިންމީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާކުރަން ލަމްޕާޑް ދެކޮޅު ހެދުމުންނެވެ. ޗެލްސީއާ ހަވާލުވުމަށް ފަހު ލަމްޕާޑް ބުނީ މިއީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ.

"އެނބުރި ޗެލްސީ އަށް އައުމަކީ ފަހުރެއް. އަދި ކޯޗެއްގެ ގޮތުގައި އާދެވުމަކީ ހުވަފެނެއް ހަގީގަތަކަށްވުން. މި ކްލަބާ އަހަންނާ ދެމެދު އޮތް ގުޅުން އެންމެނަށް އެނގޭނެ. މި ކްލަބުގެ ތާރީހާ އަހަންނާ ވެސް ބޮޑު ގުޅުމެއް އެބައޮތް. ބޭނުމީ ކޯޗެއްގެ ގޮތުގައި ރަނގަޅު މަސައްކަތްތަކެއް ކުރަން،" އުމުރުން 40 އަހަރުގެ ލަމްޕާޑް ބުންޏެވެ.

ޗެލްސީއާ ހަވާލުވާން ލަމްޕާޑް ކުރި ޝަރުތަކީ ޓީމެއް ބިނާކުރަން އޭނާ އަށް ދެ ސީޒަން ދިނުމެވެ. އަދި ޒުވާން ކުޅުންތެރިން ކުރިއެރުވުމާއި މުސްތަގުބަލަށް ރަނގަޅު ޓީމެއް ބިނާކުރަން ކުރާ މަސައްކަތުގައި ޗެލްސީގެ ބޯޑުގެ އިތުބާރު އޮތްކަން ހާމަކުރުމެވެ. އެ ދެ ކަމަށް ޗެލްސީގެ ބޯޑުން ވަނީ ރުހުން ދީފަ އެވެ. ލަމްޕާޑް ބުނީ އަލުން ޓީމާ އެކު މަސައްކަތްކުރަން ކެތްމަދުވެފައިވާ ކަމަށެވެ.

ޗެލްސީގެ ޑިރެކްޓަރު މާރިއޯ ގްރަނޯވްސްކިއާ ވިދާޅުވީ މިދިޔަ ސީޒަނުގައި ޑާބީ ގޮވައިގެން ނެރެފައިވާ ނަތީޖާތަކާއި ޕްލޭއޮފް ފައިނަލަށް ޑާބީ ގެންގޮސްދިނުމުން ލަމްޕާޑަކީ އުއްމީދީ ކޯޗެއްކަން ސާބިތުވެފައިވާ ކަމަށާއި ޗެލްސީ ގޮވައިގެން ލަމްޕާޑަށް ކޯޗިން ކެރިއަރުގެ އަނެއް ހަރުފަތަށް ދެވޭނެ ކަމަށާއި ކްލަބުން އޭނާ އަށް އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ލަމްޕާޑަކީ 2003 ވަނަ އަހަރު ޗެލްސީއާ އަބްރަމޮވިޗް ހިންގަން ހަވާލުވި ފަހުން އެ ޓީމަށް ގެނައި 10 ވަނަ ފުލްޓައިމް ކޯޗެވެ.

ލަމްޕާޑަށް ޗެލްސީގައި ޓީމެއް ބިނާކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފީފާ އިން ދީފައިވާ އަދަބުގެ ސަބަބުން ކުޅުންތެރިޔަކު ގެނެވެން ނެތުމެވެ. ޗެލްސީގެ ތަރި އެޑެން ހަޒާޑް ރެއާލަށް ބަދަލުވެފައިވާއިރު، ޗެލްސީ އަށް ކުޅުންތެރިޔަކު ގެނެވެން ނެތުމަކީ އެ ޓީމަށް އޮތް ގެއްލުމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އެކަމަކު ލަމްޕާޑް ބޭނުންވަނީ ލޯން އުސޫލުން ޗެލްސީން ދޫކޮށްފައިވާ ކުޅުންތެރިންތައް ގެނެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ ބޮޑު ހަރަދުކޮށް ކުޅުންތެރިން ގެނައުމުގެ ބަދަލުގައި ވަރުގަދަ ޓީމެއް ތައްޔާރުކުރުމެވެ. ޗެލްސީން ވަނީ ލަމްޕާޑް ބޭނުންވާތީ އެ ޓީމަށް މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނު ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗްގެ އެއްބަސްވުން ދާއިމީކޮށްފަ އެވެ. މި ސީޒަނަށް ޗެލްސީއާ ގުޅޭނެ އާ ކުޅުންތެރިއަކީ މިދިޔަ ޖެނުއަރީ މަހު ޑޯޓްމަންޑުން ގަތް އެމެރިކާގެ ޕްލޭމޭކަރު ކްރިސްޓިއަން ޕުލިސިޗް އެވެ.

ޗެލްސީ އަށް 13 އަހަރު ކުޅެދިން ލަމްޕާޑްގެ އެހީތެރިންގެ ގޮތުގައި އޭނާއާ އެކު ކުރިން ކުޅުނު ބައެއް ކުޅުންތެރިން ޓެކްނިކަލް ސްޓާފުންގެ ގޮތުގައި ފެނިދާނެ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ކުޅުން ހުއްޓާލުމަށް ފަހު ކީޕަރު ޕެޓަ ޗެކް ވަނީ ޗެލްސީގެ ޕާފޯމަންސް އެންޑް ޓެކްނިކަލް އެޑްވައިޒަރުގެ މަގާމާ ހަވާލުވެފަ އެވެ.