09 ސެޕްޓެމްބަރ 2016 - 14:29

އަރަމުން އަންނަ އޭޝިއާގެ ގައުމުތަކަށް ބައިނަލްއަގްވާމީ ފެންވަރުގެ އިތުރު މެޗުތަކެއް ހޯދައިދިނުމުގެ ގޮތުން އޭޝިއާ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީން ސޮލިޑާރިޓީ ކަޕްގެ ނަމުގައި އާ މުބާރާތެއް މިއަހަރުގެ ނޮވެމްބަރު މަހު ފަށަން ނިންމައިފި އެވެ.
ނޮވެމްބަރު މަހު 2-15 އަށް މެލޭޝިއާގައި ބާއްވާ މި މުބާރާތުގައި ވާދަކުރާނީ މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އާއި 2019 ވަނަ އަހަރު ޔޫއޭއީގައި އޮންނަ އޭޝިއަން ކަޕް ކޮލިފައިން އިން ކަޓާފައިވާ ޓީމުތަކެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުން ލާއޮސްގެ މައްޗަށް ރާއްޖެ އަށް ކުރި ނުހޯދިއްޖެ ނަމަ، ރާއްޖެ ވެސް މި މުބާރާތުގައި ވާދަކުރަން ޖެހޭނެ އެވެ. އެހެން ނޫނީ ރާއްޖެ އަށް ފުރުސަތު ލިބޭނީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުންނެވެ. ލާއޮސް އަތުން ފުރަތަމަ ލެގުން 4-0 އިން ރާއްޖެ މޮޅުވެފައިވާތީ އަނެއް ލެގުން ރާއްޖެ ކެޓުުމުގެ ފުރުސަތު ކުޑަ އެވެ.
އޭއެފްސީގެ ރައީސް ޝޭހު ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ ވިދާޅުވީ މި މުބާރާތަކީ އާދައިގެ ގައުމުތަކަށް ފުޓްބޯޅައިން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކުރި މުބާރާތެއް ކަމަށެވެ.
"އޭޝިއާގެ ހުރިހާ ގައުމުތަކަށް ވެސް ފުޓްބޯޅައިން ކުރިއަށްދާން އެހީވެދޭން ބޭނުން. ސޮލިޑާރިޓީ ކަޕުގެ ބޭނުމަކީ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ޓީމުތަކަށް ފުރުސަތު ހޯދައިދިނުން،" ޝޭހު ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ ވިދާޅުވި އެވެ.
އިއްޔެ މުބާރާތުގެ ގުރުނެގުން ކުރިއަށްދިޔައިރު ގްރޫޕް އޭގައި ހިމެނެނީ ނޭޕާލް އާއި ޕާކިސްތާނާއި ބުރުނާއީ އެވެ. ދެން މި ގްރޫޕުގައި ވާދަކުރާނީ އޭޝިއަން ކަޕް ޕްލޭ އޮފްގައި ޗައިނީސް ޓައިޕޭ އާއި ޓިމޯ ލެސްޓޭ ކުޅޭ މެޗުން ބަލިވާ ޓީމަކާއި ބަންގްލަދޭޝް އާއި ބޫޓާން ކުޅެ ބަލިވާ ޓީމެކެވެ.
ގްރޫޕް ބީގައި ހިމެނެނީ ސްރީލަންކާ އާއި މަކާއޫ އާއި މޮންގޯލިއާގެ އިތުރުން ރާއްޖެ އާއި ލާއޮސް ކުޅޭ ކޮލިފައިން މެޗުން ބަލިވާ ޓީމެކެވެ.
އޭއެފްސީ ސޮލިޑާރިޓީ ކަޕް މި ތައާރަފްކުރީ ކުރިން އޮތް އޭއެފްސީ ޗެލެންޖް ކަޕް އުވާލާފައިވަނިކޮށެވެ. އެންމެ ފަހުން އޭއެފްސީ ޗެލެންޖް ކަޕް އޮތީ 2014 ވަނަ އަހަރު ރާއްޖޭގަ އެވެ. އެ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފަލަސްތީނެވެ.