އާޖެންޓީނާ އިން ރެފްރީގެ މައްސަލަ ހުށަހަޅައިފި
އާޖެންޓީނާ އިން ރެފްރީގެ މައްސަލަ ހުށަހަޅައިފި

ބެލޯ ހޮރިޒޯންޓޭ، ބްރެޒިލް (ޖުލައި 4) - ކޮޕަ އެމެރިކާގެ ސެމީ ފައިނަލުގައި ބްރެޒިލް އަތުން 2-0 އިން ބަލިވި މެޗުގެ ރެފްރީ އެކުއެޑޯގެ ރޮޑީ ޒަމްބޮރާނޯގެ މައްސަލަތަކެއް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އަށް ހުށަހަޅައިފި އެވެ.

އާޖެންޓީނާ އިން ރެފްރީގެ މައްސަލަ ހުށަހަޅައިފި
އާޖެންޓީނާ އިން ރެފްރީގެ މައްސަލަ ހުށަހަޅައިފި

ކޮޕަ އެމެރިކާގެ ޗެމްޕިއަންކަން 1993 ވަނަ އަހަރު ހޯދި ފަހުން އާޖެންޓީނާ އަށް އަދި ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ތަށި ހޯދިފައެއް ނުވެ އެވެ. ކޮޕަ އެމެރިކާ ފައިނަލުން ފާއިތުވި ދެ ފަަހަރު ޗިލީ އަތުން ބަލިވިއިރު، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުން ޖަރުމަނު އަތުން ވަނީ ބަލިވެފަ އެވެ.

އާޖެންޓީނާގެ އެފްއޭ ރައީސް ކްލައުޑިއޯ ޓަޕިއާ، ކޮންމެބޯލަށް ފޮނުއްވި ހަ ސަފުހާގެ ސިޓީގައި ވަނީ ބްރެޒިލްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތްތަކާ ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ސެމީ ފައިނަލް މެޗުގައި ހިނގާދިޔަ ކަންތައްތަކާ މެޗުގެ ރެފްރީ ޒަމްބޮރާނޯގެ މައްސަލަ އެވެ.

ޓަޕިއޭ ފޮނުއްވި ސިޓީގައިވާ ގޮތުން މެޗުގެ ނަތީޖާ ބަދަލުވެދާނެފަދަ ދެ ދަނޑިވަޅެއްގައި ރެފްރީ ޒަމްބޮރާނޯ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ނުހޯދަން ނިންމައިފަ އެވެ. އެއިން އެނގޭ އެންމެ ބޮޑު ކަމަކީ އޭނާ ބޭނުންވަނީ އާޖެންޓީނާ ބަލިވުމަށް ކަމަށް ސިޓީގައި ބުނެފައިވެ އެވެ. ސެމީގެ މެޗަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ވަނީ މި ފަހަރުގެ ކޮޕަ އެމެރިކާގައި ރެފްރީން އޮފިޝަލްކަން ކުރުމުގައި ވަރަށް ގޯސްކޮށް އަަަމަލުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ޒަމްބޮރާނޯ އަކީ މީގެ ކުރިން ވެސް އާޖެންޓީނާ ކުޅުނު މެޗުތަކުގައި އެ ޓީމާ ދެކޮޅަށް ގިނަ ނިންމުންތަކެއް ނިންމާފައިވާ ރެފްރީއެއްކަން އާޖެންޓީނާ އިން ވަނީ ފާހަަގަކޮށްފަ އެވެ.

ކޮންމެބޯލަށް ފޮނުއްވި ސިޓީގައި ވަނީ ބްރެޒިލްގެ ފެޑެރޭޝަނުން މުބާރާތުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކޮށްފަ އެވެ. އެ ގޮތުން މެޗުތަކަށް ދަނޑަށް ޓީމުތަކުން ގެންނަ އެއްޗެހީގެ ކަންތައްތައް އިންތިޒާމުކޮށްދިނުމުގައި ލަސްކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ބްރެޒިލް މެޗުތަކުގައި ހުރިހާ އިންތިޒާމެއް ރަނގަޅުކޮށްފައިވަނީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުުގެ މަގުސަދުގައިކަން އެނގޭ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ޓަޕިއާ ވަނީ ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ މެޗު ބަލަން ވަޑައިގެންނެވުމުން އެކަމަށް ވެސް ނުރުހުންވުން ފާޅުކޮށްފަ އެވެ. އެ ގޮތުން ޓަޕިއާ ފާހަގަކުރައްވާފައި ވަނީ ފުޓްބޯޅަ އިވެންޓެއްގައި އެއްވެސް ސިފައެއްގައި ސިޔާސީ މަންފާއެއް ހޯދޭނެ ޖާގައެއް ނޯންނާނެ ކަމަށާއި އެކަން ފީފާ އާއި ކޮންމެބޯލްގެ ގަވައިދުން އެނގޭނެ ކަމަށެވެ. އަދި ރައީސް ބޮލްސޮނާރޯ އަށް އެ ފަދަ އިވެންޓެއްގައި ދައުވަތު ނުދެނިސް އެ ގޮތަށް ބައިވެރިނުވެވޭނެ ކަމަށް ވެސް ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނަނީ ޓަޕިއާގެ މި ފާޑުކިޔުންތަކަކީ ބްރެޒިލާ ދެމެދު އޮންނަ ވާދަވެރިކަމެއްގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށާއި އާޖެންޓީނާ އެންމެ ފަހުން މި މުބާރާތުގެ ފައިނަލުގައި ކުޅުނު ފަސް ފަހަރުގެ ތެރެއިން ދެ ފަހަރު ބްރެޒިލް އަތުން ބަލިވިއިރު، އެއިން ކޮންމެ ފަހަރަކު ވެސް މި ފަދަ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ.