06 ޖުލައި 2019 - 08:00

މިދިޔަ މަހު ރިލީޒް ކުރި ޝާހިދުގެ ކަޕޫރްގެ އެންމެ ފަހުގެ ފިލްމު ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސް ހަމަކުރުމަށް ފަހު، 13 ދުވަހުގެ ތެރޭގައި 200 ކްރޯޑް (28 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ވެސް ފަހަނައަޅައިފި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމު ވެފައި ވަނީ ޝާހިދުގެ ކެރިއަރުގައި ކުޅުނު ސޯލޯ ހީރޯ ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ. އަދި "ކަބީރު ސިންގް" ހޯދަމުން އަންނަ ބޮޑު ކާމިޔާބީއާ އެކު، ބޮލީވުޑްގެ ވިޔަފާރި ހަބަރުތައް ދިރާސާކުރާ ފަރާތްތަކަށް ވެސް ވަނީ ބޮޑު ހައިރާން ކަމެއް ލިބިފަ އެވެ.
އެއް ސަބަބަކީ އޭ ސެޓްފިކެޓް ދޫކުރި ފިލްމަކަށް މިހާތަނަށް މި ވަރުގެ އާމްދަނީއެއް ރިލީޒް ކުރިތާ އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދިފައި ނުވުމެވެ. އިންޑިއާ އިން އެކަނި "ކަބީރު ސިންގް" އަށް ލިބުނު އާމްދަނީ ބުދަ ދުވަހު 28 މިލިއަން ޑޮލަރު ފަހަނައަޅައި ދިޔަ އިރު، އިންޑިއާ އާއި ބޭރުގެ މާކެޓްތަކުގައި ފިލްމު ދައްކައިގެން ބުރާސްފަތި ދުވަހާ ހަމައަށް ފިލްމަށް ވަނީ ޖުމްލަ 271.43 ކްރޯޑް ރުޕީސް (39,412,993.15 ޑޮލަރު) ލިބިފަ އެވެ.
އަދި މި ފިލްމަކީ މި އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހަތަރު ވަނަ ފިލްމު ވެސް މެ އެވެ.
"ކަބީރު ސިންގް" އަކީ މި އަހަރު އެންމެ އަވަހަށް 200 ކްރޯޑް ހަމަކުރި ފިލްމު ވެސް މެ އެވެ. އެ ލިސްޓްގައި ދެން ހިމެނެނީ 14 ދުވަހުން އެ އަދަދު ހަމަކުރި ސަލްމާން ހާންގެ "ބާރަތު" އާއި 28 ދުވަހުން 200 ކްރޯޑް ހަމަކުރި ވިކީ ކޯޝަލްގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އެވެ.
ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓުން މިހާރު ލަފާ ކުރާ ގޮތުގައި "ކަބީރު ސިންގް" އަކީ އިންޑިއާ އިން 300 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ވެސް ހޯދާނެ ފިލްމެކެވެ. މި އަހަރުގެ މިހާތަނަށް އަދި އެއްވެސް ފިލްމަކަށް އެވަރުގެ އާމްދަނީއެއް ނުހޯދެ އެވެ.
ސަންދީޕް ވަންގާ ޑައިރެކްޓްކޮށްފައިވާ "ކަބީރު ސިންގް" އަކީ ލޯބީގެ މައްސަލަގަނޑެއްގައި ރަލާއި ދުންފަތުން ނަފުސު ހަލާކު ކުރާ މެޑިކަލް ސްޓޫޑަންޓެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ކްރިޓިކުން ބުނި ގޮތުގައި މިއީ މިހާތަނަށް ޝާހިދުގެ އެންމެ މޮޅު އެކްޓިންއެއް ވެސް ފެނިގެން ދިޔަ ފިލްމެވެ.
ސަންދީޕް 2017 ގައި ގެނެސް ދިން ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ރިމެކްގެ ގޮތުގައި ގެނެސް ދިން "ކަބީރު ސިންގް" ގެ ބަތަލާއަކީ ކިއާރާ އަދުވާނީ އެވެ.