04 ޖުލައި 2019 - 11:40

ތެހެރާން (ޖުލައި 4) - އީރާނާ ދެކޮޅަށް އެމެރިކާ އިން އިގްތިސާދީ ފިޔަވަޅު އެޅީ އީރާނާ ހަނގުރާމަ ކުރަން ޖެހިލުންވާތީ ކަމަށް ރިވޮލިއުޝަނަރީ ގާޑުގެ ވެރިޔާ މޭޖާ-ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އަސްކަރީ ގޮތުން ބަލާއިރު ދުޝްމަނުންގެ ހުރިހާ މަގެއް އީރާނުން ބަންދުކޮށްފައިވާ ކަމަށެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު ހަނގުރާމައެއް ފެށިދާނެތީ އެންމެ ކަންބޮޑުވަނީ ދުޝްމަނުން. އެހެންވެ މި ހާލަތުގައި ދުޝްމަނުން އީރާނާ ކުރިމަތިލީ އިގްތިސާދީ ހަނގުރާމައަކާ އެކު،" ސަލާމީ ވިދާޅުވި އެވެ.
އީރާނާއި އެމެރިކާ އިން އަސްކަރީ ކުރިމަތިލުމަކަށް މިދިޔަ މަހު ނުދިޔައީ ކިރިޔާ އެވެ. އެމެރިކާގެ އަސްކަރީ ޑްރޯނެއް އީރާނުން ވައްޓާލުމާ ގުޅިގެން ދެ ގައުމުގެ މަސްރަހު ވަރަށް ގޯސްވި އެވެ. އީރާނުން ބުނީ ޑްރޯން ވައްޓާލީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ގަވާއިދާޚިލާފަށް ވަނުމުން ކަމަށެވެ. ޑްރޯން ވައްޓާލުމުން ރައްދު ދިނުމުގެ ގޮތުން އީރާނަށް ހަމަލާ ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުއްދަ ވެސް ދެއްވި އެވެ. ނަމަވެސް އެންމެ ފަހު ވަގުތު ވަނީ އެކަން ކެންސަލް ކުރައްވައިފަ އެވެ.
ރައީސް ހަސަން ރޫހާނީގެ އެޑްވައިޒަރު ހިސާމުއްދިން އަޝެނާ ވަނީ ޓްރަމްޕުގެ ސަރުކާރުގެ ތެރޭގައި ހިމެނޭ ހަރުކަށި މީހުންގެ ބަސްތައް ގަބޫލް ނުކުރަށް އެދިވަޑައިގެންފަ އެވެ. އަދި އީރާނަށް ހަމަލާދީފި ނަމަ ޓްރަމްޕް ވަނީ "އެއް ދައުރުގެ ރައީސަކަށް" ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް ވާނީ އެމެރިކާގެ ރައީސުންގެ ގޮނޑި ގެއްލުވާލާފައި. ދެން ވެސް އެކަން ކުރެވިދާނެ،" 1980 ވަނަ އަހަރު ކުރިމަތިވި އީރާނުގެ ރަހީނުންގެ މައްސަލައާ ގުޅިގެން ޖިމީ ކާޓަރަށް ވެރިކަމުގެ ދެ ވަނަ ދައުރު ކާމިޔާބު ނުވި ހާދިސާ އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.
ރޫހާނީ ވިދާޅުވީ 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުގައި ބުނާ އަދަދަށް ވުރެ އިތުރަށް އީރާނުން ޔުރޭނިއަމް ފައްކާކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.