04 ޖުލައި 2019 - 11:28

ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކުގެ އަހަރީ ބޯނަސް ބަހަން ޖެހޭނީ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްގެން ކަމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިހެން ނިންމާފައި ވަނީ އިއްޔެ ނެރުނު "ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޯނަސް ދިނުމުގައި އަމަލު ކުރާނެ އުސޫލު" ގައެވެ. މި އުސޫލަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދިނުމުގައި އެއް މިންގަނޑެއް ހިފަހައްޓައި ދޭ ބޯނަސްއަކީ ސަރުކާރުން ކަނޑައަޅާ ޑިވިޑެންޑް ޕޮލިސީއާ އެއްގޮތަށް ޑިވިޑެންޑް ދެއްކުމަށް ފަހު ދޭ ބޯނަސްއެއްގެ ގޮތުގައި ހަމަޖެއްސުމަށް ހަދާފައިވާ އުސޫލެކެވެ.
ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް، އޭޖީއެމުން ވެސް ފާސްކޮށްގެން ބޯނަސް ބަހަން ނިންމާފައިވާއިރު، ބޯނަސްގެ ގޮތުގައި ދޭން ޖެހޭނީ އެ ކުންފުންޏަކުން އެ އަހަރަކު ޑިކްލެއާ ކުރާ ޑިވިޑެންޑުގެ ތިން ޕަސެންޓަށް ވުރެ ކުޑަ އަދަދެކެވެ. ޑިވިޑެންޑް ޑިކްލެއާ ނުކުރާ ކުންފުނިތަކުން އެ އަހަރެއްގެ ބޯނަސް ބަހައިގެން ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.
ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ދޭ އިނާޔަތްތަކުގެ ތެރޭގައި ބޯނަސްގެ ގޮތުގައި ނުހިމެނޭ ކަންތައްތައް ފިނޭންސް މިނިސްޓްރިން ވަނީ ހާމަކޮށްފަ އެވެ. އެހެންކަމުން މި އިނާޔަތްތައް ދިނުމަށް އޭޖީއެމުން ފާސްކުރާކަށް ނުޖެހޭނެ އެވެ.
- އިނިޔާތުގެ ގޮތުގައި ގާނޫނުން ދޭން ލާޒިމް ކޮށްފައިވާ އިނާޔަތްތައް.
- މުސާރައިގެ އެލަވެންސް.
- މަސައްކަތުގެ ދާއިރާއިން ދޭ އެވޯޑުތަކާ ގުޅިގެން ދޭ އިނާމް.
- ކުންފުނީގެ އެކިއެކި ވެލްފެއާ ފަންޑާއި ސްޓާފް ލޯން ސްކީމް އަދި މުވައްޒަފުންނަށް ދޫކުރެވޭ ކްރެޑިޓް ސްކީމްތައް.
މި އިނާޔަތްތަކުގެ އިތުރުން ކުންފުނިތަކުން ދޭ އެހެނިހެން އިނާޔަތްތައް ހިމެނޭނޭނީ ބޯނަސްގެ ތެރޭގަ އެވެ.
ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޯނަސް ދިނުމަށް ނިންމާ ނަމަ އޭޖީއެމުން ފާސްކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ވާނެ އެވެ.
މި އުސޫލުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ، ކުންފުނީގެ މަގުސަދުތައް ހާސިލް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.