އޯޑިއަންސް އަހަރެން ދެކެ ލޯބިވޭ، އެވަރު ފުދޭ: ކަންގަނާ ރަނާވަތު
އޯޑިއަންސް އަހަރެން ދެކެ ލޯބިވޭ، އެވަރު ފުދޭ: ކަންގަނާ ރަނާވަތު

ބޮލީވުޑްގެ ބައެއް މީހުން އޭނާ ދެކެ ނަފުރަތު ކުރިޔަސް، އޯޑިއަންސް އޭނާ ދެކެ ވަރަށް ލޯބިވާ ކަމަށާއި އެވަރު ފުދޭ ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

މި މަހުގެ 26 ގައި ރިލީޒްކުރާ އޭނާގެ އާ ފިލްމު "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ޓްރެއިލާ ލޯންޗް ކުރަން ބޭއްވި އިވެންޓްގައި ކަންގަނާ ބުނީ އޭނާގެ އެންމެ ބޮޑު ހިތްވަރަކީ ފޭނުންގެ ސަޕޯޓާއި ލޯބި ކަމަށެވެ.

"ސްކްރީނުން އަހަރެން ދެކިލަން އޯޑިއަންސް ގަޔާވޭ. އޯޑިއަންސަށް އަހަރެންގެ އެކްޓިން ކަމުދޭ. އަދި އަހަރެން އަހަރެންގެ ގޮތުގައި ބެލުންތެރިން އަހަރެން ބަލައިގަނޭ،" ކަންގަނާ ބުންޏެވެ. "އެވަރު އަހަންނަށް ފުދޭނެ. އަދި އަހަންނަށް ކުރިއަށްދާން ލިބޭ އެންމެ ބޮޑު ހިތްވަރަކީ ވެސް އެއީ. އެހެންވީމާ ބޮލީވުޑްގެ ބަޔަކަށް އަހަރެން ކަމުނުދިޔަސް އެއީ އަހަންނަށް އެއްވެސް މައްސަލައެއް ނޫން. އެކަމަކަށް އެއްވެސް ފަރުވާލެއް ނެތް."

އޭނާ ބުނީ ބުނަން ޖެހޭ އެއްޗެއް އަބަދު ވެސް ފާޅުގަ ބުނާތީ، ފިލްމު އިންޑަސްޓްރީގެ ބައެއް މީހުން އޭނާއާ ދޭތެރޭ ނުބައި ނަޒަރަކުން ދެކި، ދުޝްމަނެއްގެ ގޮތުގައި ބެލިޔަސް ފާޑު ކިޔަން ޖެހޭ ކަންކަމުގައި ހިމޭނަކުން ނުހުންނާނެ އެވެ. އަދި ވަކާލަތު ކުރަން ޖެހޭ ކޮންމެ ކަމެއްގައި އަޑު އުފުލާނެ ކަމަށް ބުންޏެވެ.

ކަންގަނާގެ އަމަލުތައް ހުންނަ ގޮތުން ބޮލީވުޑްގެ ނުފޫޒު ގަދަ ބައެއް މީހުން އޭނާއާ ދޭތެރޭ އެހާ ހިތްހަމައެއްނުޖެހެ އެވެ. އަދި މިހާރު ވެސް އޭނާއާ އިންޑަސްޓްރީގެ ނަގާކިޔާ ބައެއް މީހުންނާ އޮންނަ ގުޅުން އެހާ ރަނގަޅެއް ވެސް ނޫނެވެ.

ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާ އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. އަދި އޭނާ އަކީ އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބޭ އެއް ބަތަލާ އެވެ.