04 ޖުލައި 2019 - 11:42

އެސްޓީއޯއިން ކުރިން އެތެރެކުރަމުން އައި ދެ ބާވަތް ކަމަށްވާ ހިލަޔާއި ހިލަވެލި އެތެރެ ކުރުން ހުއްޓާލީ ބަލްކްކޮށް ގެނެސް، ޕެކްކޮށްގެން ވިއްކަން ކުރީ ސަރުކާރުން ފުރުސަތު ނުދީގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީ އަށް އެސްޓީއޯގެ ޗެެއާމަން ހާމިދު ނަޝީދު މުހައްމަދާއި މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގައި ބަލްކުކޮށް ވެލި ޖަމާކޮށްގެން ވިއްކަން އެސްޓީއޯއިން ކުރިން ހުށަހެޅި ކަމަށެވެ. އެކަަމަކު އެސްޓީއޯ އަށް އެ ފުރުސަތު ނުދީ އެމްއެމް އެކްސްޕޯޓްސް އަށާއި ޗައިނާގެ ކުންފުންޏަކަށް ހުއްދަ ދިނުމުން، އެ ކުންފުނިތަކާ ވާދަ ނުކުރެވި އެސްޓީއޯއިން ހިލަ އާއި ހިލަވެލި ގެނައުން ހުއްޓުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްޓީއޯއިން ޕްލޭނެއް ހެދީ ހުޅުމާލޭގައި ހިލަ ހިލަވެލި ބަލްކްކޮށް ގެނެސް ބަހައްޓައިގެން ވިއްކަން. ދެން އެ ޕްލޭން އޭރުގައި ސަރުކާރާ ހިއްސާކުރީމާ، ސަރުކާރުން އެ ހުއްދަ އެހެން ނުދީ އޭގެ ތިން މަސް ފަހުން ކުއްލިއަކަށް އެމްއެމް އެކްސްޕޯޓްސް [މޯހަން މުތާ އެކްސްޕޯޓްސް)އަށާއި ޗައިނާ ކުންފުންޏަކަށް އެ ހުއްދަ ލިބިގެން ދިޔައީ. އޭގެ ފަހުން އެތަނުން އެ މަސައްކަތް ކުރަމުން އެދަނީ،" އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭގެ ސަބަބުން އެސްޓީއޯގެ ވިޔަފާރި އަށް ވަރަށް ބޮޑު ހީނަރުކަމެއް އައެވެ.
"މިހާ ދުވަސްވީއިރު ވެސް އެސްޓީއޯގައި ނެތް ބަލްކްކޮށް ގެނެސް ތިލަފުށްޓަށް ގެނެސް އޮއްސާލައިގެން ޕެކްކޮށްގެން އެ ވިއްކާނެ ފެސިލިޓީއެއް ހަގީގަތުގައި. އެހެންވީމާ އެސްޓީއޯއަކަށް އެ ވިޔަފާރިއެއް ހަގީގަތުގައި ނުކުރެވޭ. ކޮންސްޓްރަކްޝަން މެޓީރިއަލް ވިއްކުމުގެ ވިޔަފާރިއެއް. ދަގަނޑު އެކަނި އަޅުގަނޑުމެންނަށް ބޭރުން މި ގެނެވެނީ،" އަމްރު ވިދާޅުވި އެވެ.
ބައްދަލުވުމުގައި އެސްޓީއޯގެ ޗެއާމަން ހާމިދު ނަޝީދު މުހައްމަދު ވިދާޅުވީ އެސްޓީއޯއިން އަލުން އެ ވިޔަފާރީގެ ތެރެއަށް ވަނުމަށް ޓަކައި ތިލަފުށިން ބިމެއް ހޯދަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.