03 ޖުލައި 2019 - 21:42

މަހުގެ އާ އުފެއްދުންތަކެއް މިފްކޯ އިން އަނެއްކާ ވެސް ރާއްޖޭގެ ބާޒާރަށް މިއަދު ނެރެފި އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ފުޑް އެންޑް ބެވަރޭޖް ފެއާގައި، ސަރުކާރުގެ މަސް ކުންފުނިން ތައާރަފު ކުރީ "ރީފް ފިޝް ބާގާ" އާއި "ޓޫނާ މީޓް ބޯލްސް" އެވެ. މި ދެ ބާވަތަކީ ވެސް ދިވެހިންގެ އަމިއްލަ އުފެއްދުންތަކެކެވެ. އަދި ރާއްޖޭގެ ބާޒާރުގައި މިހާރު ވިއްކާ ބާވަތަށް ވުރެ މިފްކޯގެ އުފެއްދުންތަކުގެ އަގު ހެޔޮވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯ އިން ބުނީ ފަރުމަހާއި ކަންނެލިން ތައްޔާރު ކުރާ މި ދެބާވަތަކީ ވެސް ތާޒާ މަސް ބޭނުންކޮށްގެން، ޕްރިޒަވޭޓީވް ނުހުންނަ ދެ ބާވަތް ކަމަށެވެ. މި ދެ ބާވަތް ތައްޔާރު ކުރުމަށް ބޭނުންކުރާ އެހެނިހެން ތަކެއްޗަކީ ވެސް ތާޒާ ތަކެތި ކަމަށް މިފްކޯ އިން ބުނެ އެވެ.
މިއީ، "ރީފް ފިޝް ބާގާ" އާއި "ޓޫނާ މީޓް ބޯލްސް" މިފްކޯގެ އެހެން އުފެއްދުންތަކަށް ވުރެ އަގު ހެޔޮ ދެ އުފެއްދުމެއް ކަމަށް މިފްކޯ އިން ބުންޏެވެ.
ފުޑް އެންޑް ބެވަރޭޖް ފެއާގައި، މިފްކޯގެ ދެ އުފެއްދުމުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ވެސް ވިޔަފާރިވެރިންނަށް އޮންނާނެ އެވެ.