03 ޖުލައި 2019 - 19:00

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލަ ނުބަލަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ، ހުޒައިފާއާ ދެކޮޅަށް ހުށަހަޅާފައި އޮތީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަން ކޮމިޝަންގެ ތަހުގީގު ކޮމިޓީ އަށް އެނގުނީ ފެމިލީ ކޯޓުގެ އެހެން ގާޒީއަކާ ގުޅޭ މައްސަލައެއްގެ ތަހުގީގުގެ ތެރެއިން ކަމަށެވެ. ހުޒައިފާގެ މައްސަލަ ނުބަލަން ނިންމި އަނެއް ސަބަބަކީ ޖޭއެސްސީން ބުނިގޮތުގައި، އޭނާއާ ބެހޭ ގޮތުން އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅި މީހާގެ މައްސަލައެއް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމުން އެ މުވައްޒަފު ވަޒީފާ އިން ވަކިކޮށްފައި ވުމެވެ.
ހުޒައިފާ ގެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅީ ފެމިލީ ކޯޓުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރެވުނު މުވައްޒަފެއްގެ މައްސަލަ ބަލަން ފެށުމުން އެކަމާ ހިތްހަމަނުޖެހިގެން އެ މުވައްޒަފު ކަމަށް ކުރިން ވަނީ އެނގިފަ އެވެ. އެ މުވައްޒަފު ވަނީ ވަޒީފާ އިން ވަކިވެސް ކޮށްފަ އެވެ.
ހުޒައިފާ އަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފެމިލީ ކޯޓުގައި އުފައްދާފައި އޮންނަ ކޮމިޓީގެ ޗެއާމަނެވެ. އަދި އޭނާ އަކީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އަންހެން މެމްބަރެވެ.
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަބްދުﷲ އަރީފް ހިމެނިވަޑައިގަންނަވާ ގޮތުން ހަތް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.